ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް19، ދިވެއްސަކު ހާލުގައި ޖެހުނަ ނުދޭނަން: ސަރުކާރު

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ބޭރު ގައުމެއްގައި ހުރި އެއްވެސް ދިވެއްސަކު ހާލުގައި ޖެހުނަ ނުދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖެއިން ބޭރުގައި ތިބި ބައެއް ދިވެހިން އެނބުރި ގައުމަށް އަންނަން ބޭނުންވެގެން ސަރުކާރުގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. ނަމަވެސް ގިނަ ގައުމުތަކުން އެއާޕޯޓްތައް ބަންދުކޮށް ދަތުރުފަތުރު ހުއްޓާލާފައިވާތީ ދިވެހިންނަށް ރާއްޖެ އައުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ނޭޕާލް، އިންޑިއާ، ލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ރައްޔިތުން ހިމެނެއެވެ.

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުންތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އެކި ގައުމުތަކުގައި މިވަގުތު ތިބި ދިވެހިންނަށް އެހީތެރިވުމަށް ފޮރިން މިނިސްޓްރީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ދިވެހިންގެ މައުލޫމާތު ހޯދާ، އެ މީހުންގެ ހާލަތު ބަލަމުން ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ގައުމެއްްގައި ތިބޭ ބަޔަކު ރާއްޖެ އަންނަން މަސައްކަތް ކުރުމުގައި އެބައޮވޭ އިތުރު ނުރައްކަލެއް، އެމީހަކު ދަތުރު ކުރުމުގައި ދިމާވާ ނުރައްކާތައް، އެ ވާހަކަ ކުރިން އަޅުގަނޑުމެން ދައްކައިފިން. އެއާޕޯޓަކަށް އައުން އެއީ އެންމެ ނުރައްކާތެރި އެއް ކަންތައްތައްކަން. އެހެން ނަމަވެސް ބޭރު ގައުމެއްގައި ތިބި ދިވެހިން މިކަހަލަ ބިރުވެރި ހާލަތެއްގައި ރާއްޖެ އަންނަން ބޭނުންވާނެ ކަން ގަބޫލުކޮށްގެން އެކަމަށް ކޮށްދެވޭނެ ކަންކަންވެސް ބަލަމުން ސަރުކާރުން ދަނީ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ނޭޕާލްގައި ތިބި ދަރިވަރުންވެސް ރާއްޖެ ގެނެވޭނެ ގޮތެއް އޮތްތޯ ސަރުކާރުން ބަލަމުންދާ ކަމަށެވެ. އަދި އިންޑިއާގައި ތިބި ދަރިވަރުންނަށް ހުރި ދަތިތައް އިއްޔެ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން އެކަންކަން ހައްލު ކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބިނަމަވެސް ދިވެހިންނަށް ސަރުކާރުން އަޅާލާނެ ކަމަށެވެ. އަދި ބޭސްފަރުވާއާ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވާނަމަ އެކަމަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެހެން ކަމުން ރާއްޖެ އާދެވޭނެ މަގެއް ފެންނަންދެން ގެތަކުގައި ކެތްތެރިކަމާއެކު ތިބުމަށް ސަރުކާރުގެ ފަރާތުން މަބްރޫކް އެދިވަޑައިގެންނެވިއެވެ.

"ރާއްޖެއިން ބޭރުގައި ހުރީއޭ ކިޔާފައި ސަރުކާރުން އަޅާނުލާ ދުލެއް ނުކުރާނެ ދިވެހި އެއްވެސް ފަރުދެއް. އަދި އެތާ ހުންނައިރު ދިމާވާ ކަންކަން މިސާލަކަށް ބޭސްފަރުވާ ކުރަން ޖެހުނަސް ސަރުކާރުން އެ އޮންނަ އުސޫލެއްގެ ތެރެއިން އެކަންކަން ކުރަމުން ގެންދާނެ. އަޅުގަނޑުމެން މި ބަލަނީ ކޮބައިތޯ އެކުދިން ގެންނަން ކުރެވިދާނެ ކަންކަމަކީ އަދި ހުޅުވައިދެވޭނެ ދޮރުތަކަކީ. އެކަމަކު އެކަން ކުރުމަކީ ވަގުތު ނަގާނެ ކަމެއް. މިއީ މުޅި ދުނިޔެ އެކަންކަމާ ޑިސްކަސްކުރަމުންދާ ކަމެއް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ތަކުރާރުކޮށް ވިދާޅުވީ ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުން ދިވެއްސަކަށް ދަތި ހާލެއް ޖެހުނަކަ ނުދޭނެ ކަމަށެވެ.

އަދި ރެސްކިއު ފްލައިޓެއް ބާއްވައިގެން ދިވެހިން ރާއްޖެ ގެނެވޭނަމަ އެކަންވެސް ކުރާނެ ކަމަށާ ނަމަވެސް އެފަދަ ކަމެއް ކުރެވޭނީ އެ ގައުމަކުން އެއާ ސްޕޭސް ހުޅުވައިދިނުމަށް އެހީތެރިވެދިނުމުން ކަމަށް ވިދާޅުވިއެވެ. މަބުރޫކް ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.