ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކޮށްފި

މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކޮށްފި އެވެ.

އެ ފިޔަވަޅު އަޅާފައިވާކަން ހާމަކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ. ބޮޑުވަޒީރު ވިދާޅުވީ މިއީ ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

މޯދީ ވިދާޅުވީ މިރޭ 00:00 ފެށިގެން އިންޑިއާ ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ މުޅި އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. މި ފިޔަވަޅު މިގޮތަށް ނާޅައިފިނަމަ ދިމާވެދާނެ ގެއްލުންތަކުގެ ތަފްސީލްވެސް ބޮޑު ވަޒީރު ވަނީ ދެއްވާފައެވެ. ބޮޑުވަޒީރު ވިދާޅުވީ ކޮވިޑް19 ގެ ނުރައްކާ ބޮޑުވެ ފިޔަވަޅުތައް ވަރުގަދަ ނުކޮށްފިނަމަ މިއީ އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

އަދި އިންޑިއާގެ އިގްތިސާދު މުޅިން ބޮއްސުންލައި، ރައްޔިތުން އިތުރަށް ނިކަމެތި ވެގެންދާނެ ކަމަށެވެ.

މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު އެ ގައުމުން ވަނީ ބައިނަލްއަގްވާމީ ދަތުރުތަކާއި، އެތެރޭގެ އުދުހުންތައްވެސް ހުއްޓާލާފައެވެ. އެކަމާ ގުޅިގެން އިންޑިއާގައި ތިބި އެހެން ގައުމުތަކުގެ އެތަކެއްހާސް ރައްޔިތުން ވަނީ އިންޑިއާގައި މަޑުކުރަން ޖެހިފައެވެ.

މީގެ އިތުުރުން އިންޑިއާގެ ބޮޑެތި ވިޔަފާރިތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ރޭލް ދަތުރުތައްވެސް މިހާރު ވަނީ ހުއްޓާލާފައެވެ.

ކޮވިޑް19 ގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެ އެތައް ހާސް ބަޔަކު އެ ބަލީގައި މަރުވެފައިވާއިރު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރު ލައްކައާ ކައިިރިވެފައެވެ. މި ބައްޔަށް އިންޑިއާއިންވެސް 500 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މި ހަފްތާގެ ތެރޭގައި ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފިނަމަ އިންޑިއާގައި ބަލި ކޮންޓްރޯލެއް ނެތި ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދީފައެވެ.