ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ސަފާރީއެއް ލޮކްޑައުންކޮށް މީހަކު ޓެސްޓްކުރަނީ

Mar 24, 2020

މާހާ ނަމަކަށްކިޔާ ސަފާރީއެއް ލޮކްޑައުންކޮށް ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ މާހާ ސަފާރީ ލޮކްޑައުންކޮށް މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ސަފާރީގައި މިވަގުތު ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށެވެެ.

މި ސަފާރީ ލޮކްޑައުންކޮށްފައިވާއިރު މިއީ ލޮކްޑައުންއަށް ގެނައި ތިންވަނަ ސަފާރީއެވެ. މީގެކުރިން އައިލެންޑް ސަފާރީ އާއި އީކުއޭޓާ ސަފާރީ ލޮކްޑައުންކުރި އެވެ.

މީގެތެރެއިން އައިލެންޑް ސަފާރީގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެ ސަފާރީގެ އެންމެން ވެސް ވަނީ އެކަހެރިކޮށްފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.