ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަޝިޔާގައި ކަރަންޓީނުކުރި ތިންވަނަ ދަރިވަރު ވެސް ނެގެޓިވް

Mar 24, 2020

ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ރަޝިޔާގައި ކަރަންޓީނުކުރި ތިން ވަނަ ދިވެހި ދަރިވަރުގެ ވެސް ނެގެޓިވް ނަތީޖާއެއް ލިބިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ އެ ދަރިވަރުގެ ނަތީޖާ ލިބިފައިވާއިރު އޭނާގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި، ދެން ކަރަންޓީނުކޮށް ކުރިން ނެގެޓިވް ނަތީޖާ ލިބިފައިވާ ދިވެހި އަނެއް ދެ ދަރިވަރުގެ ޑަބަލް ނެގެޓިވް ނަތީޖާ ލިބިފައިވާ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.

މެއި 1 ވަނަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވީނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން ވަރަށް މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ގައުމުގައި އޮތް ހަގީގީ ހާލަތު ފޮރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ރަޝިއާ ސަރުކާރަށް އަމާޒު ކުރަމުންނެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއަށް ދަތުރުކުރާ ދިވެހިންގެ އިތުރުން އެ ގައުމުގައި މިވަގުތު ތިބި ދިވެހިންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.