(ތިންވަނަ ބައި)
ގައިގައި ހުރި ބާރެއްލައިފައި ދުވުނީމެވެ. ބާރު ބާރަށެވެ. އެއް މަގު ފަސްދީ، އަނެއް މަގުންނެވެ. އަހަރެންގެ ފަހަތުން ދުވަމުން އައީ ދެމީހުންނެވެ. އެމީހުން ކޮބައިތޯ ބަލައިލީމެވެ. ފެންނާކަށް ނެތެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ވަށައިގެން ހޯދައިލެވުނެވެ. ހަމަޖެހިލެވޭތޯ ބަލައިލީމެވެ. އޭރު މީހާ ހުރީ ރަނގަޅަށް ގުނބުހިލިފައެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މާނޭވާ ލެވެނީއެވެ. މުޅި މާހައުލަށް ވަށައިގެން ބަލައިލެވުނެވެ. އަހަންނަށް ހުރެވުނީ އަމީނީމަގުގައެވެ. ހެންވޭރުގައެވެ. މާރުކޭޓު ކައިރިން ދުވަން ފެށި މީހާއަށް އެހާ ބާރަށް މި ހިސާބަށް އާދެވުނީ ކީއްވެ ހެއްޔެވެ؟ ފަހަތުން އެ އައީ ކޮން ބަޔެއް ހެއްޔެވެ؟ އެއީ އަހަރެން ދަންނަ ބަޔެއް ހެއްޔެވެ؟
ޖަވާބަކީ އާއެކެވެ. އެއީ ރަށު ދެމީހުންނެވެ. ބައްޕަގެ ރަހުމަތްތެރީންނެވެ. ރަށުން ފިލައިގެން މާލެ އައިސް އުޅޭތާ ފަސް އަހަރުވީއެވެ. އަހަރެންގެ އުމުރުން ތޭރަ އަހަރުވީއެވެ. މިހާރު އަހަންނަކީ ކުޑަ ކުދިންގެ ބައިން ކެނޑެމުންދާ މީހެކެވެ. އަހަންނަށް ކަންކަން ވިސްނެއެވެ. ދުނިޔެ ހިނގާ ގޮތް އެނގެއެވެ. މީހުންނާއި ނުމީހުން ވަކިވެއެވެ.
އަހަރެން މި ދުވުނީ ކޮންކަމަކާ ފިލަން ހެއްޔެވެ؟ އެމީހުން އެ އުޅުނީ ކީއްކުރަން ހެއްޔެވެ؟ އަހަންނަށް ހަމަޖެހިލެވުނެވެ. އެއް އަތުން ނުފުށުން މޫނު ފޮހެލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ފިހާރައެއްގެ އަށިގަނޑު މަތީގައި އިށީނދެލީމެވެ. އޭރު ވެސް މީހާ ހަމައަކަށް ނޭޅެއެވެ. ހިތުގެ ވިންދު ހުރީ އަވަސްވެފައެވެ. އަނެއްކާ ވެސް މޫނުމަތީ ހުރި ދާ ތިކިތައް ފޮހެލީމެވެ. ގައިގައި އޮތް ގަމީސް ވެސް އޮތީ ފޯވެފައެވެ. ގައިގައި ތަތްވެފައެވެ. ގައިން ގަމީސް ނައްޓުވާލީމެވެ. އަތުގައި އޮތް ކަރުދާސް ގަނޑަށް ބަލައިލީމެވެ. އެއީ ނޫހެވެ. އެ ނޫހުން މޫނާ ދިމާއަށް ދެ ފަހަރަކު ހޫރައިލެވުނެވެ. ނަމަވެސް، ހިޔާލު ބަދަލުވިއެވެ. ނޫހުގެ އިހުތިރާމު ގެއްލުވާލެ ވުނީ ކަމަށް ވިސްނުނީތީއެވެ.
އާއެކެވެ. އަހަންނަކީ މާލޭގެ ގޭތަކަށް ނޫސް ބަހަން އުޅޭ މީހެކެވެ. މީހުން ކިޔާ ނަމުން ނަމަ 'ނޫސް ސޮރެވެ.' ނޫސްބެހުމަކީ އަހަރެންގެ ވަޒީފާއެވެ. މާލޭގައި ހިންގާ އަވަށު މަދަރުސާއަކުން އަހަންނަށް ޖާގަ ހޯދައި ދިނީ ނޫހުގެ ފަރާތުންނެވެ. ނޫހުގެ އިސްވެރިޔާއެވެ. އެއީ ހަލީމެވެ. ހަލީމަކީ ހެޔޮ މީހެކެވެ. އެއީ ހިތްހެޔޮ ވެރިއެކެވެ. ބައްޕައެއް ފަދަ އޯގާތެރިއެކެވެ.
"ރިޒާއަކީ އުއްމީދީ މީހެއް. އަހަރެން އިންވެސްޓު ކުރަނީ އުއްމީދީ ޕްރޮޖެކްޓުތަކަށް." ހަލީމުގެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމައިލި ކަހަލައެވެ.
ސްކޫލަށް ދާން ޖެހެނީ ދިހައެއް ޖަހާއިރުއެވެ. ނޫހަށް އިސްތިރާކު ދައްކާފައިވާ ހުރިހާ ގެއަކަށް ހެނދުނު ހަތެއް ޖެހުމުގެ ކުރީން ނޫސް ގެންގޮސްދިނުމަކީ އަހަރެންގެ ޒިންމާއެކެވެ. މިއަދުވެސް އަހަރެން މި އުޅުނީ އެ މަސައްކަތުގައެވެ. ޖަމަލެއް ފަދަ ބައިސްކަލުގައެވެ. ބަނދަރުމަތީ ހުރި ގެއަކަށް ނޫސް ލުމަށްފަހު ނުކުމެވުނީ ބައްޕަގެ ކުރި މައްޗަށެވެ. ބައްޕައާއެކު ޒުވާން ދެ ސޮރުން ވެސް ތިއްބެވެ. އަހަރެން ހަމަ ފެންނަ އިރަށް ބައްޕައަށް އެނގުނެވެ. އެތައް ޒަމާނެއް ކޮށްފައި ފެނުމުން ވެސް ބައްޕަ ބޭނުންވީ އަހަރެންގެ ފުށުން ބަދަލު ހިފާށެވެ. އަހަންނަށް އަދަބު ދޭށެވެ.
ބައްޕަގެ ގާތުގައި ތިބި ދެ ސޮރުން ލައްވާ އަހަރެން ހިފެހެއްޓުވިއެވެ. ބައިސްކަލުން އަހަރެން ވައްޓާލިއެވެ. އަހަންނާ ދިމާއަށް ހަޅޭއްލަވަން ފެށިއެވެ.
"ކަލޭ ހީކުރީތަ އެ ދުވަހު މަށަށް ލަނޑުދީފަ ފިލައިގެން އައިސް ތިހެން އުޅެވޭނެ ކަމަށް؟" ބައްޕަގެ ޖުމުލަތައް އަހަރެންގެ ކަންފަތުގެ ތެރޭގައި އިވިއިވި ހުރި ކަހަލައެވެ. "ސިފައިންނަށް ނާންގާ މި ހުންނަނީ ވެސް ކަލެއަށް ރަނގަޅަކަށް."
އަހަރެންގެ މޫނުމަތީގައި އެތިފަހަރެއް އެޅުމަށް ފަހު ބައްޕަ ބާރުބާރަށް ހަޅޭއްލަވަން ފެށިއެވެ. އޭރު އަހަރެންގެ ދެ އަތުގައި ހިފަހައްޓައިގެން ދެމީހުން ތިއްބެވެ. އަހަންނަށް ބެލުނީ ތަނަށް ޖަމާވަމުން ދިޔަ މީހުންނަށެވެ. އެމީހުން ކުދި ކިޔަމުން ތުންތަޅުވަމުން ދިޔައެވެ. އެތަނުން ބައެއް މީހުންނަކީ އަހަރެން ދަންނަ މީހުންނެވެ.
"އާނ! އެންމެން އަޑުއަހާ މީ.. މީ ހޮވި ކުއްޖެއް. މި ހުރީ ހޮވި ކުއްޖާ،" ބައްޕަ އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ހެމުން އަހަންނާ ދިމާ ބަލަމުން ދިޔައެވެ. "މިއީ ހޮވި ކުއްޖެއް. ބޮޑުވިޔަސް މިވާނީ މިޔަށް، މިހުރީ ހޮވި ސޮރު. މިޔޭ އަމާ މަރައިފަ ފިލައިގެން އައި ސޮރަކީ."
އަހަންނަށް ރުޅި އިސްކުރެވުނެވެ. އަތަށް ވާން ކޮށްލީމެވެ. ސަލާމަތް ވެވޭނެ ގޮތެއް ނުވިއެވެ. ބައްޕަގެ ބަސްތަކުން ބޮލަށް އުނދަގޫވާން ފެށިއެވެ. އެތައް ޒަމާނެއް ފަހުން އަނެއްކާ ވެސް އެ ހަނދާންތައް އާވާން ފެށިއެވެ. އެ ހިޔާލުތަކުން ސަލާމަތްވީ އެތައް މަސައްކަތަކުންނެވެ. އަނެއްކާ އެ ނަން ކިޔަން ފެށީއެވެ. އެހަނދާންތައް އާވާން ފެށީއެވެ. މިފަހަރު އިތުރު ކަމެއް ބޮލަށް މަހައިލީއެވެ. އަހަރެންގެ ބޮލުގައި އިލްޒާމެއް އެޅުވީއެވެ. މަންމަގެ މަރުގެ ޒިންމާއެވެ. އެއީ އަހަރެން ކުރި ކަމެއް ހެއްޔެވެ؟ މަންމަ އަމިއްލައަށް ދަން ޖެހުނީ އަހަންނާ ހެދި ހެއްޔެވެ؟ ނޫނީ އެ ނުލަފާ ބައްޕައާ ހެދި ހެއްޔެވެ؟ އަހަންނަށް ރަށުން ފިލަން ޖެހުނީ އަހަރެންގެ ފުރާނަ ސަލާމަތް ނުވާނެ ކަން އެނގުމުންނެވެ.
ބޮލަށް އުނދަގުވާން ފެށުމުން އަނެއްކާ ވެސް ތެޅި ގަތީމެވެ. އަތުގައި ހިފައިގެން ތިބި މީހުން ފައިތިލާގައި ފުންނާބުން ޖެހީމެވެ. އެއާއެކު އެމީހުންގެ އަތުން ވީއްލި ގަނެވުނެވެ. ފަޔަށް ބާރުލައިފައި ދުއްވާގަތީމެވެ. ބައިސްކަލު ގަނޑު ވެސް ދޫކޮށްލައިފައެވެ. އެދެ މީހުން ވެސް އަހަރެންގެ ފަހަތުން ދުއްވާގަތީއެވެ. ދުއްވާއެއްޗެހިން ރެކެމުންނެވެ. ގައިގައި ހުރި ބާރެއް ލައިފައި ދުވުނީމެވެ. އެމީހުންގެ ކިބައިން ސަލާމަތްވާށެވެ. އެކަން ވެއްޖެއެވެ.
ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަތުގައި އޮތް ނޫސްތައް އަށިގަނޑު މަތީގައި ބޭއްވީމެވެ. މޫނުމައްޗަށް ގިނަވަމުން ދިޔަ ދާތައް ފޮހެލީމެވެ. މީހަކު ހުރިހެން ހީވިއެވެ. ދެ އިނގިލި ދޭތެރެއިން އަހަރެން ބަލައިލެވުނެވެ. ސިހިފައި ކޮޅަށް ތެދުވެވުނެވެ. އިހުތިރާމާއެކު އަހަންނަށް ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ ހަލީމެވެ. އަހަރެން މަސައްކަތް ކުރާ ނޫހުގެ އިސްވެރިޔާއެވެ. އަހަންނަށް ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ.
"އަހަންނަށް އެނގޭ ރިޒާއަކީ ކާކުކަން. މީގެ ފަސްއަހަރު ކުރިން، ރިޒާ ބާޒާރުމަތިން ފެނުނު ދުވަހު ރިޒާގެ ހުރި ހާލު ފެނިފައި އަހަރެން ބޭނުންވީ ރިޒާއަށް އެހީވާން. އޭރަކު ނޭނގޭ ރިޒާއަކީ ކޮންކަހަލަ ކުއްޖެއް ކަމެއް ވެސް." ހަލީމުގެ ރަސްމީ މޭޒު ކައިރީ އިނދެ ވާހަކަދެއްކިއެވެ.
ހަލީމާއެކު އޮފީހަށް ދާން ޖެހުނީއެވެ. އަހަރެން އިނީ ހަލީމުގެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އަހަންނަށް އިސް އުފުލައިލަން ވެސް ނުކުރުނެވެ. ކުރެވެމުން ދިޔައީ ކުށްވެރިވި ކަމުގެ އިހުސާސެވެ. ހިނގައިދިޔަ ކަންކަން ހަލީމަށް އެނގުނުކަމުގެ އިހުސާސެވެ.
"މިއަދު، ހިނގައިދިޔަ ކަންތަކާ އަހަރެން މި ހުރީ ވަރަށް ކަންބޮޑުވެފަ." ހަލީމު ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ.
އަހަރެން ބަލައިލީ ހަލީމުގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ.
"އަޅުގަނ.." ވާހަކަދައްކަން ނުފަށަނީސް ހަލީމު އޭނާގެ ތުންފަތް ކައިރިއަށް ޝަހާދަތް އިނގިލި ހިއްލައިލިއެވެ.
"ރިޒާ އެއްވެސް ވާހަކައެއް ދައްކާނެ ކަމެއްނެތް،" ހަލީމު ބަލަން އިނީ ސީދާ އަހަރެންގެ މޫނަށެވެ. "ދައްކަން ޖެހޭ ވާހަކަ ދައްކާނީ އަހަރެން."
އަހަރެން އިނީ ބިރުން ތުރުތުރު އަޅާ ހާލުގައެވެ. ދޭތެރެދޭތެރެއިން ނޭފަތުގައި އިނގިލި ޖައްސައިލެވެއެވެ. ނޭފަތު ކުރިއަށް ޖަމާވާ ދާ ތިކިތައް ފޮހެލެވެއެވެ. ހަލީމަކީ އަހަރެން ވަރަށް އިޚުތިރާމު ކުރާ ވެރިއެކެވެ. އަހަރެން މިއީ އޭނާގެ މުވައްޒަފެކެވެ. އަހަރެން ނިދަނީ އޭނާގެ ބޯހިޔާވަހި ކަމުގައެވެ. އަހަރެން ކަނީ އޭނާގެ ސުފުރާ މަތިންނެވެ. ސުކޫލު ފީ ދައްކަނީ ހަލީމެވެ. މައިންބަފައިންގެ ފަރާތުން ނުލިބުނު ލޯތްބާއި އޯގާތެރިކަން ދޭ މަދަދުވެރިއަކީ އެއީއެވެ. ކުރުކޮށް ބުނެވޭނީ އަހަންނަކީ ހަލީމުގެ މުއްފަތުން އުޅޭ މީހެކެވެ.
"މިއަދަށް ފަހު ދެން..." ހަލީމުގެ އަޑު އިވުމާއެކު އަހަންނަށް ބަލައިލެވުނެވެ.
"އަޅުގަނޑަށް މާފު." ހަލީމު އަނެއްކާ ވެސް ޝަހާދަތް އިނގިލިން އިޝާރަތްކޮށްލިއެވެ.
"ހަމަޖެހިލާ،" ހަލީމު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން މިއުޅެނީ ރިޒާއަށް ދެރައެއް ދޭކަށް ނޫން."
"ވީގޮތަކީ.." އަހަރެން ވާހަކަ ފެށި އިރަށް އަނެއްކާ ވެސް ހަލީމު ހުއްޓުވީއެވެ.
"މިއަދުން ފެށިގެން ދެން ރިޒާ ނޫސް ބަހަންދާނެ ކަމެއް ނެތެ،" ހަލީމު ހިނިތުންވެލިއެވެ. "ދެން މަސައްކަތް ކުރާނީ ނޫސް ޕްރިންޓުކުރާ ބައިގައި. މުސާރަ ވެސް އިތުރުވާނެ. ކުރަން ޖެހޭ މަސައްކަތް ވެސް ގިނަވާނެ."
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަލީމުގެ އޯގާތެރިކަމާ މެދު ހިތައިހިތުން ޝުކުރު އަދާކުރެވުނެވެ. އޭނާގެ ހިތްހެޔޮ ކަމާމެދު ތައުރީފު ކުރެވުނެވެ. ބޭއިޚްތިޔާރުގައި ހަމްދުއެޅުނެވެ.
އަނެއްކާ ވެސް އާ ތަޖުރިބާއެއް ކުރަން ލިބުނީއެވެ. އާ މަސައްކަތެއް ދަސްކުރާން ޖެހުނީއެވެ. އަހަންނަކީ މިކަހަލަ ކަމެއްގައި ދުވަހަކު ވެސް އުޅުނު މީހެއް ނޫނެވެ. ޗާޕުކުރުމަކީ ކޮބައި ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.
ދުވަސްވަރަކީ އަހަރެންގެ އޯލެވެލް ދުވަސްވަރެވެ. އޭރު ގޭގައި ކުރަން ޖެހޭ ބޮޑު ކަމަކަށް އޮންނަނީ އިސްކުރު ބަރި ކަރިއަށް ގޮސް ސަޕުލައި ފެން ގެއަށް އެތެރެ ކުރުމެވެ. އެ ޒަމާނަކީ ގޭގެއަށް ފެން ގުޅައިފައި ހުރި ޒަމާނަށް ނުވާތީ ހުރިހާ ގެއަކުން ވެސް މީހުން ޖަމާވަނީ އިސްކުރު ބަރިތައް ކައިރި އަށެވެ. އަހަންނަށް ވެސް މަތިވެފައި އޮންނަ ޒިންމާއަކީ އެއީއެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. ފެންސަފު ދިގުކަމުންނެވެ. ސަފުގައި އެތައް އިރަކު ހުންނަން ޖެހެއެވެ. ގެއަށް ފެން އެތެރެ ކުރުމަށްފަހު، އޮންނަނީ ގޭތެރޭގައި ކުރަން ޖެހޭ ކުދިކުދި ކަންކަން ކޮށްލައިދިނުނެވެ. ހަލީމުގެ އަންހެނުން އެދޭ ކަންކަމެވެ. ބާޒާރުކޮށްލުމެވެ. މާރުކޭޓަށް ދިޔުމެވެ. އެއީ، އަހަންނަށް މާ ބޮޑުކަންކަމެއް ނޫނެވެ. ބުރަކަމެއް ވެސް ނޫނެވެ. ދުރުހިލޭ ބަޔަކު ގާތުގައި އުޅެންޏާ އެކަހަލަ ކަންކަން ކުރާން ޖެހޭނެއެވެ. އެކަން އަހަރެން ގަބޫލު ކުރަމެވެ.
އޯލެވެލް ނިމުނު އިރަށް ހަލީމުގެ ގާތަށް އަހަރެން ހާޒިރުވާން އެންގިއެވެ. އަހަރެން ހީކުރީ އޮފީހުގެ މަސައްކަތެއް ގޯސްކޮށް ކުރެވުނީ ކަމަށެވެ. ޗާޕުކުރުމަކީ އާ ކަމެއް ނަމަވެސް ދެ މަސް ވީއިރަށް އެކަމަށް ނުހަނު ފަރިތަވިއެވެ. ތަނުގައި ހުރި ބާ މެޝިންތައް މަރާމާތުކޮށްލާ މެޝިންތައް ރޫޅައިލާ ޖެހޭ ކުދިކުދި މައްސަލަތައް ހައްލުކޮށްލެވޭ ވަރުވިއެވެ.
"އަހަރެން އަބަދުވެސް ބުނަން. އަހަންނަށް ރިޒާ ފެންނަނީ އުއްމީދީ މީހެއްގެ ގޮތުގައޭ ދޯ،" ހަލީމު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން އިންވެސްޓު ކުރަނީ އުއްމީދީ ޕްރޮޖެކުޓު ތަކަށޭ."
އާދައިގެ މަތިން، ހަލީމުގެ ވާހަކަތައް އަޑުއަހަން އަހަރެން އިނީ އިސްޖަހައިލައި ގެންނެވެ. ހަލީމަކީ ވަރަށް ދުރުވިސްނޭ، ހިތްހެޔޮ މީހަކަށްވާތީ އޭނާ ދައްކާ ވާހަކަތަކަށް ފަރުވާތެރިވާން ޖެހޭތީއާ ވެސް އެކީގައެވެ.
"ޗާޕު ކުރުމުގެ ކަންކަމުގައި އިސްކޮށް އުޅޭ މީހުން ވަރަށް ގިނަ ވާހަކަތައް ދައްކައިފި." ހަލީމު ހުއްޓައިލިއެވެ.
އަހަންނަށް ބަލައިލެވުނީ ހަލީމުގެ މޫނަށެވެ. އަހަރެން ކުށްވެރިވީ ކަމަށް ނިންމުނެވެ. ޝަކުވާތަކެއް ހަލީމާ ހަމައަށް ލިބުނީ ކަމަށް ވިސްނުނެވެ. ސުވާލުގެ ނަޒަރުން އަހަންނަށް ބަލަން އިނދެވުނީއެވެ.
"އަޅުގަނޑު ކޮން..." ހަލީމު ޝަހާދަތް އިނގިލިން އިޝާރާތްކޮށްލިއެވެ.
"އާން! ރިޒާގެ ވާހަކަ. ރިޒާއާ ގުޅޭ ގޮތުން. އަހަންނަކަށް ނެތް ރިޒާ އެތަނުގައި ތި ގޮތުގައި ދެން ބެހެއްޓޭކަށް." ހަލީމު ލަސްލަހުން ބުނެލިއެވެ.
"އަޅުގަނޑަށް ގޯސްކޮށް..." އަޅައިގަންނަމުން އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލެވުނެވެ.
"މެޝިންތަކަށް." ހަލީމު ހުއްޓައިލިއެވެ.
"ކީއްތޯ؟" ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ ހަލީމުގެ މޫނަށެވެ.
"އަން މި އޮތީ ޖަވާބުތައް." ހަލީމު ދިއްކޮށްލީ ސިޓީ އުރައެކެވެ.
"މި..؟ މި ކޮން ސިޓީ؟" އަހަރެންގެ ދެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
"ހުޅުވާ ބަލައިލާ." މާނަވީ ގޮތަކަށް ހަލީމު ބަލައިލީ އަހަރެންގެ މޫނަށެވެ.
ދެ ފިކުރެއްގައި އިނދެ އަހަރެން ސިޓީ އުރައިގައި ހިފީމެވެ. ސުވާލުން ފުރިފައި އިނދެގެންނެވެ.
"އަހަރެން ކުރި އިންވެސްޓުމަންޓުން އަހަންނަށް ލިބުނީ..." ހަލީމު ހުއްޓައިލިއެވެ.
"އަޅުގަނޑަށް ގޯސް ކަމެއް ކުރެވުނީތޯ؟" އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ.
ހަލީމު ބޯ ޖަހައިލިއެވެ. ދެ ލޯ މަރައިލަމުންނެވެ. ލުއި ހިނިތުން ވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ.
"ކޮން ކަމެއްތޯ؟" އަނެއްކާ ވެސް ހަލީމުގެ މޫނަށް ބަލައިލެވުނެވެ.
"ތީ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން." ހަލީމު ލަސްލަހުން ބުނެލިއެވެ.
އަހަރެން ސިޓީ އުރަ މޭޒުމަތީގައި ބޭއްވީމެވެ.
"ކަނޑައިފަ ބަލައިލާ." އަނެއްކާ ވެސް ހަލީމު ބުނެލިއެވެ.
"ދެން ކެނޑުމެއް ނެތެއްނުން ތޯ؟" ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ބުނެލީމެވެ.
އޭރު އަހަރެން ދެ ލޮލަށް ކަރުނަތައް ގިނަވަމުން ދިޔައެވެ. ހިތުގައި އެތައް ސުވާލެއް އުތުރި އަރަމުން ދިޔައެވެ. އަހަންނަށް އެނގިގެން ކުށެއް ނުކުރަމެވެ. ހަލީމަށާއި ނޫހަށް ގެއްލުމެއް ލިބިދާނެ ކަމެއް ނުކުރަމެވެ. ވަޒީފާއަށް މަކަރެއް ނުހަދަމެވެ. އޯލެވެލްގެ އެންމެ މުހިއްމު ދުވަސްވަރު ވެސް ބަރާބަރަށް ޒިންމާއަދާ ކުރީމެވެ. ދުވަހަކު ވެސް ސަލާމެއް ނުބުނަމެވެ.
"ޔަގީން ކުރަންވާނެ ދޯ؟ ރިޒާގެ މިޒާޖާ ތި ޢަމަލާ ދިމައެއް ނުވެއެއްނު." ހަލީމު އަނެއްކާ ވެސް ހިނިތުންވެލިއެވެ.
އަހަރެން މަޑުމަޑުން ސިޓީ އުރަ ނެގީމެވެ. ނޭވާ ހިފަހައްޓާލައިގެން އިނދެ ސިޓީ ކަނޑައިލީމެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދު ވެސް ބޭރަށް އިވެމުން ދިޔަހެން ހީވިއެވެ. އަތް ތުރުތުރު އަޅަމުން ދިޔައެވެ. ސިޓީ ކަނޑައިލަން ވެސް އެތައް އިރެއް ހޭދަވިއެވެ. އެ ހުރިހާ އިރެއް ވަންދެން ހަލީމު އިނީ އަހަންނާ ދިމާއަށް ބަލާށެވެ. ދެފަހަރުން އެއް ފަހަރު ހަލީމުގެ މޫނަށް އަހަންނަށް ބަލައިލެވެއެވެ. ހަލީމު ފާޑަކަށް ބޯ ޖަހައިލައެވެ. އަހަރެން ގަދަކަމުން ހިންދިރުވާލީމެވެ. އޭރު ތުންފަތް ވެސް ހުރީ ހިކިފައެވެ. ކަރުތެރެ ވެސް ހުރީ ހިކިފައެވެ.
ސިޓީއުރައިގެ ތެރޭގައި ދެ ކަރުދާހެއް އޮތެވެ. އެއް ކަރުދާސް ނެގީމެވެ. ފަތްޖަހައިފައި އޮތް ކަރުދާހުން ފެންނަން އޮތް ތަންކޮޅު ކިޔައިލެވުނެވެ.
"މިއަދުން ފެށިގެން ވަޒީފާއަށް ނުކުންނަށް ނުޖެހޭނެ." ބޮލުގައި ހީވީ އެއްޗަކުން ޖެހިހެންނެވެ.
ސިޓީ އުރައިގެ ތެރެއަށް އެ ގަނޑު ކޮށްޕައިލީމެވެ. ހަލީމުގެ މޫނަށް ބަލައިލީމެވެ.
"އަނެއް ސިޓީ ވެސް ކިޔައިލާ." ހަލީމު ހަމަޖެހިލަމުން ބުނެލިއެވެ.
އޭރުވެސް އަހަރެންގެ ދެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭރު މުޅި މީހާ ތުރުތުރު އަޅަނީއެވެ. ހިތް ހީވަނީ ފަޅައިފަ ނުކުންނަށް އުޅޭ ހެންނެވެ. މޭގައި ޖަހަމުންދާ ވިންދު ވެސް ހުރީ އަވަސްވެފައެވެ. ނޭފަތް ކުރިން ތެތްކަން އިހުސާސްވާ ވަރު އިތުރުވިއެވެ. ބޭއިޚްތިޔާރުގައި ނޭފަތުގައި އިނގިލި ޖައްސާ ފޮހެލެވުނެވެ. ތިރީ ތުންފަތުގައި ދަތްޖައްސައިލެވުނެވެ. އަނެއް ކަރުދާސްކޮޅު ނެގި އިރަށް ހަލީމު ފެށިއެވެ.
"އަހަރެން މިއިނީ ރިޒާއަށް ވަމުންދާ ހުރިހާ ގޮތެއް ބަލަން." ހަލީމު ވާހަކައިގައި ވަނީ އުއްމީދެވެ.
ހަލީމުގެ އަޑުގައި ހުރި ޖޯޝާއި ފޯރި އިހުސާސް ކުރެވުމުން އަހަންނަށް ބަލައިލެވުނެވެ.
"ޗާޕުކުރާ ބައިގައި އެ ހުރި ތިން މެޝިނުގެ ތެރެއިން އެންމެ ބޮޑު މެޝިނަކީ މާލޭގައި މި އުޅޭ ހުރިހާ ޓެކްނީޝަނުންނަށް ވެސް ރަނގަޅު ނުކުރެވިފައި ހުރި މެޝިނެއް،" އަހަރެން މޫނަށް ބަލައިގެން އިނދެ ހަލީމު ފެށިއެވެ. "އެ މެޝިން ރަނގަޅު ނުކުރެވޭނެ ކަމަށް ބަލައި އެތަނުން މެޝިން ނެރެން ވެސް އުޅެފިން. އެކަމަކު އެއީ އެންމެ ބޮޑު ހޭދައެއް ކޮށްފަ ގެނައި މެޝިންކަމަށް ވާތީ އަލިމަގެއް ފެނޭތޯ ބަހައްޓައިފަ އެ ހުރީ."
އަހަންނަށް ބަލައިލެވުނީ ހަލީމުގެ މޫނަށެވެ.
"އެ މެޝިން މަސައްކަތްކުރާ ވާހަކަ އަޑު އިވުމުން، އިބްރާހިމް ގާތު އެކަންވީ ގޮތް އެހީމަ، އިބްރާހިމް ކިޔައިދިނީ އެކަން ރަނގަޅު ކުރީ ރިޒާ ކަމަށް،" ލަސްލަހުން ހަލީމު ކުރިއަށް ގެންދިޔައެވެ. "އެ އަހަރެން މި ދައްކާ ވާހަކައަކީ. އަހަރެން ކުރާ ކޮންމެ އިންވެސްޓެއް މި ކުރަނީ އުއްމީދެއް އޮތީމައޭ."
"ދެން އަޅުގަނޑު ވަޒީފާ؟" ހަލީމު ވާހަކަ ހުއްޓައިލައިގެން އިނދެ އަހަރެންގެ މޫނަށް ބަލަން ފެށުމުން ބުނެލީމެވެ.
"ރިޒާއަށް މި ދިނީ، އިންޑިޔާއިން ކިޔެވުމުގެ ފުރުޞަތު،" ހަލީމު ހިނިތުންވެލަމުން ބުނެލިއެވެ. "ކުންފުނީގެ ޚަރަދުގައި ރިޒާ ކިޔަވާނީ. ހުރިހާ ކަމެއް ހަމަޖެހިފަ އޮތް ސިޓީ ތި. އަހަރެންގެ ޝަރުތު ވެސް ސިޓީގައި އޮންނާނެ."
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަވަސް އަވަހަށް ސިޓީ ބަލައިލީމެވެ. ހަލީމު އެބުނީ ތެދެކެވެ. ސިޓީގައި އޮތީ އެ ވާހަކައެވެ. ސްކޮލަރޝިޕް ހަމަޖެއްސި ވާހަކައެވެ. ނޫސް ހިންގާ ކުންފުނީގެ ޚަރަދުގައި ހުރިހާ ކަމެއް ހަމަ ޖައްސައިދިން ވާހަކަތަކެވެ. އަހަންނަށް ހަލީމަށް ޝުކުރު އަދާކުރެވުނެވެ. ލިބުނު ހިތްހަމަ ޖެހުމާއެކު ކޮޅަށް ތެދުވެ ސަލާމްކޮށްލެވުނެވެ. ހަލީމު ވަރަށް ހިތްވަރު ދިނެވެ. ވަރަށް ނަސޭހަތް ދިނެވެ. (ނުނިމޭ)