މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އިތުރު ފިޔަވަޅު ފިޔަވަޅުތަކެއް އަޅާފައިވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިން އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން އިތުރަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ސްރީލަންކާ ސަރުކާރުން މިހާރު ވަނީ ވަކި ގޮތެއް އަންގަންދެން ހުރިހާ ކެޓެގަރީ އެއްގެ ވިސާ ދޫކުރުން މަނާކޮށްފައެވެ. އަދި އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ) ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުންކޮށްގެން ސްރިލަންކާއަށް ދަތުރު ކޮށްފައިނުވާނަމަ، އެ ވިސާތައްވެސް 31 މާރިޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 23:59 އާ ހަމައަށް ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފައެވެ.
އަދި ކޮލޮމްބޯ، ގަމްޕަހާ އަދި ކަލުތަރަގައި ވަކި ގޮތެއް އަންގަންދެން ކާފިއުއެއް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
ވީމާ، މި ދުވަސްތަކުގައި ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.
އެހެން ކަމުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާ އަދި ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށާ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓާ ކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދެމެވެ.