އަލީ ހުސައިން

ހިއްސާ ވިއްކާނުލިނަމަ އިންޓަނެޓް އަގުހެޔޮ ކުރެވޭނެ: އަލީ ހުސައިން

ދިވެހިރާއްޖޭގެ މައި މުއާސަލާތީ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޑެޓް (ދިރާގު) ގައި އޮތް ހިއްސާތައް ކުރީ ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ އިންޓަނެޓް އަގު ހެޔޮ ނުކުރެވިގެން އުޅެން ނުޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އިންޓަނެޓް އަގު ހެޔޮ ކުރުމުގެ އަޑު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ކޮވިޑުން ރައްކާތެރިވުމަށް އެންމެ ގޭގައި ތިބުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަމުންދާއިރު އެކަމަށް ބާރު އެޅުމުގެ ގޮތުން ގައުމުތަކުން ދަނީ އިންޓަނެޓްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮ ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގައި އިންޓަނެޓް ހިލޭ ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. -މި ސަރުކާރުން އިންޓަނެޓް އަގު ހެޔޮކުރާނެ ކަމަށް ބުނެފައިވަނީ 2023 ވަނަ އަހަރުއެވެ.-

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރު އަލީ ހުސައިން ވިދާޅުވީ ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅެން ނުޖެހުނީސް ކަމަށެވެ. އަދި އިންޓަނެޓްގެ މުހިންމު ކަން މިހާރު އިހުސާސް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. -ދިރާގުގެ މައި ހިއްސާ ވިއްކާލާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެ ދުވަސްވަރު އެކަމާ ދެކޮޅަށް ދިވެހި ރައްޔިތުން ވަނީ ވަރަށް ބޮޑަށް އަޑުއުފުލާފައެވެ. ދިރާގުގެ އިތުރުން ފެން ކުންފުނީގެ ހިއްސާވެސް އެ ސަރުކާރުން ބޭރުގެ ފަރާތަކަށް ވިއްކާލިއެވެ.-

މީގެ އިތުރުން އަލީ ވިދާޅުވީ ކުންފުނިތަކުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭކަން ވިސްނެނީ މިފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.

"ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް. އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގަ." އަލީ ހުސައިން ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގުގެ މައްސަލައިގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ މަޖިލީހަށް ހާޒިރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ހުށައަޅާފައެވެ.

އޭނާ، މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާ ކުރަން މަޖުބޫރުގެ ދަރިވަރުންވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ކުރަން މަޖުބޫރު ވެފައިވާއިރު މުވާސަލާތީ ހިދުމަތުގެ ތެރެއިން އިންޓަނެޓު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެ އަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ލިބޭއިރު އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން، އެ އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރަމުން ނުދަނީ ކީއްވެތޯ ސާފު ކުރުމަށް އޮތޯރިޓީގެ އިސްވެރިޔާ މަޖިލީހަށް ހާޒިރު ކުރުމަށް ވަނީ އެދިފަ އެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ގާނުނުގެ 17 ވަނަ މާއްދާގެ (އ) އާއި އެ މާއްދާގެ ދަށުން ހެދިފައިވާ ގަވައިދުގެ 38 ވަނަ މާއްދާއިން، ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮަށް އަގުތައް ފާސް ކުރުމުގެ ބާރު ލިބެ އެވެ.