ލައިފްސްޓައިލް

ކަރަންޓީނު ގޭމްތައް، ކުޅެފިންތަ؟

އާއިލާގެ ވައިބާ ގްރޫޕަކީ ސަލާމަތް ވެވޭނެ އެއްޗެއް ނޫނެވެ. ބައެއް ފަހަރު މުޅި އާއިލާ އެއްކޮށް އެއްތަން ކޮށްދޭ ހަމަ އެކަނި ޕްލެޓްފޯމަކީ ވައިބާ ގްރޫޕްތަކެވެ. ގޭގެ ނަން ޖަހައި ފަހަތަށް ފެމިލީ ޖަހާފައި މާމަ އާއި ކާފަަގެ އިތުރުން މާމަ ދަަރިން ވެސް އެއްކޮށްގެން އުޅޭ އެފަދަ ވައިިބާ ގްރޫޕްތައް މިހާރު ވެސް ވަރަށް ފޯރި ގަދަަ އެވެ. ހެނދުނު ހޭލާ އިރު އޮންްނަނީ ކުޅިވަރު ފެށިފަ އެވެ. މިހާރު އެކަހަލަ ފެމިލީ ޑްރާމާ އެއް ނޫނެވެ. މިހާރު މިއޮތީ ކޮވިޑް-19 އާ ގުޅިގެން އެންމެން ގޭ ބަންދުވުމުން ފޫހި ފިލުވުމަށް އެކަކު ފޯނުން އަނެކަކު ފޯނަށް "ބްރެއިން ގޭމްސް" ތަކެއް ފޮނުވުމެވެ.

މިއީ އެކި ކަހަލަ އަަރަތްތަކެކެވެ. އޭގެ ޖަވާބު ހޯދަން އެމީހަކު ހުރި ތަނެއްގައި ހުރެ މަސައްކަތް ފަށަނީ އެވެ. މަންމަ ވެސް ފޯނަށް ބަލައިން އިނދެ ޖަވާބު ދިމާ ކުރެވޭތޯ އުޅެ އެވެ. ކޮއްކޮ އާއި ކުޑާއްތަ އާއި ދޮންބެ އާއި ދެން މިހެން ގޮސް އާއިލާ އެންްމެން އެކީ މި ކަމެއްގަ އެވެ. މި ފޮނުވާ ގޭމްތައް ކޮންމެ ދުވަހަކު ހެނދުނު ފަށައިގެން ވައިބާ ނޮޓިފިކޭޝަންތަކުން ސަލާމަތެއް ނުވެ ވެއެވެ. އެންމެ އަވަހަށް ޖަވާބު ފޮނުވާ މީހާއަށް އިނާމެއް ލިިބެނީ އެއް ވެސް ނޫނެވެ. އެކަަމަކުވެސް ހަމަ ވަރިހަމަ އެވެ. އާއިލާ އެއްތަން ކޮށްލަދޭން މިކަހަލަ ކުޅިވަރެއް ވެސް މި ދުވަސްވަރު ހަމަ ރަނގަޅެވެ.

އިމޯޖީތަކުން ދޭހަ ވަނީ ކޯއްޗެއް؟

ވައިބާ ގްްރޫޕްތަކުގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ މި ގޭމެވެ. އިމޯޖީ ތަކަކުން އެއްޗެއް ދޭހަ ކުރަނީ އެވެ. ދިވެހި ފިލްމު ތަކާއި، ރާއްޖޭގެ ރަށް ތަކާއި، އަލީ ރަމީޒްގެ ލަވަތައްވެސް އިމޯޖީ ބޭނުންކޮށްގެން އެބަ ކިޔަ އެވެ. ފިނިފެންމަލެއްގެ އިމޯޖީ އެއް ބޭނުން ކުރުމުން، އެއީ އަލީ ރަމީޒްގެ މަޝްހޫރު "ފިނިފެންމަލެކޭ" ލަވަ ކަން އެނގެ އެވެ. "ދަނީ ދަނީ މެރިގެން ލޯ"، މި ލަވަ އަށް ވެސް ބޭނުން ކޮށްފައި ހުރީ އިމޯޖީ ތަކެކެވެ. ރަނގަޅަށް ވިސްނާލުމުން އެނގެ އެވެ.

ލަވައިގެ އިތުރުން ދިވެހި ހަރުބަހާއި މަޖާޒީ ބަސްތައް ވެސް އިމޯޖީ ބޭނުން ކޮށްގެން ބުނެފައި އެބަ ހުއްޓެވެ. "އަޑު ގަދަ މީހާގެ ރުއް ގިނަވާނެ" އާއި "ވެހޭތާ ފެން ނަގާށޭ" އާއި " އެ ކަކުންޏެއް ހަރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުން" ފަދަ އެންމެންވެސް ދަންނަ އާއްމު ހަރުބަސްތައް އޭގެ ތެރޭގައި ހިމެނެ އެވެ. މި މެސެޖުތައް އުފެއްދި މީހުންނަށް އިމޯޖީ ތަކުން ވާހަކަ ދައްކަން ވެސް އުނދަަގުލެއް ނުވާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް، މި ދުވަސްވަރު ފޫހި ފިލުވާލަން ވަރަށް ކަމުދެ އެވެ.

މިއީ ކޮން ފިލްމެއް ކަން ދިމާކޮށްބަލަ!

މިއީ ކުޑަކުދިންނަށް ވެސް އެންމެ ގަޔާވި އެއް ގޭމެވެ. އިނގިރޭސި ފިލްމުތަކުގެ ނަންތައް ދިވެހިން ލިޔެ އަސްލު ފިލްމު ދިމާ ކުރަން ޖެހެނީ އެވެ. ގިނަ ފަހަރަށް ހުންނަނީ ކާޓޫން ތަކާއި ޑިޒްނީ ފިލްމުތަކުގެ ނަންތައް ކަމުން ކުޑަކުދިންނަށް މި ގޭމް ވަރަށް ކަމުދެ އެވެ. "ފިނި ހުދު އާއި ކުޑަ ހަތް ބެ" މި ފިލްމަކީ "ސްނޯ ވައިޓް އެންްޑް ދަަ ސެވަން ޑްވާފްސް" އެވެ. "ގޭގަ އެކަހެރިވުން" މިއީ ހޯމް އަލޯން ފިލްމެވެ. "ކުޅޭ އެއްޗެހީގެ ވާހަކަ" މިއީ "ޓޯއި ސްޓޯރީ" އެވެ. ދެން އޮތް ފިލްމު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ. "އަލްފާޟިލް ތޮޅި އެނބުރި އައުން" މިއީ ކޮން އިނގިރޭސި ފިލްމެއް ކަން ދިމާ ކޮށްބަލާށެވެ. އެހީ އެއްވެސް ދެވިދާނެ އެވެ. މި ފިލްމުގައި އުޅޭނީ މަޝްހޫރު ކޮމީޑިއަން އެކެވެ.

އެކި ކަހަލަ އަރަތް، ޝެއާ ކޮށްލާ

ހުރިހާ ގޭމްތަކުގެ ވެސް މަގުސަދަކީ ސިކުނޑި މަސައްކަތް ކުރުވުމެވެ. އާއްމުކޮށް ކޮންމެ ދުވަހަކު ކުރާ މަސައްކަތްތައް ބަދަލުވެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައުމުން، ސިކުނޑި މަސައްކަތް ކުރުވަން ޖެހޭނެ އެވެ. މިއީ އެ ބުނާ "ބްރެއިން ވޯކް އައުޓް ޗެލެންޖް" ތަކެވެ. އެކި ކަހަލަ އަރަތާއި ބުރަފަތި ލަފުޒު ފަދަ އެއްޗެހި ވައިބާ މެދުވެރިކޮށް ފޮނުވަ އެވެ. އަރަތެއް ފޮނުވުމުން އޭގެ ޖަވާބު ދިމާ ނުވެއްޖެ ނަމަ، އެ އަރަތް އިތުރު ތިން ހަތަރު މީހުންނަށް ފޮނުވަން މި ޗެލެންޖުތަކުގައި ލިޔެފައި އޮވެ އެވެ. އެހެން ގޮސް ރައްޓެހިންނާއި އާއިލާގެ އެތައް ބަޔަކަށް ފޮނުވެ އެވެ.

އެކަކު އަނެކަކަށް ފޮނުވާލާ މި މެސެޖުތަކުންވެސް، ދުރު ރައްޓެހިން ގާތްވެ އާއިލާތަކުން ހީނަރުވެފަައި އޮތް ގުޅުން އަލުން އާ ކޮށްދިނެވެ. ކުޑަ މެސެޖެކެވެ. އާދައިގެ ގޭމެކެވެ. އެކަމަކު އެންމެން އެކީ ފޫހި ފިލުވާލަން މި ކުރާ މަސައްކަތް ތަފާތު ވެފައި މަޖަލެވެ.