ކާތިކް އާރްޔާން

ކާރްތިކާއެކު މައްސަލައެއް ނުޖެހޭ: ސަނީ ސިންގް

ސަނީ ސިންގް އާއި ކާރްތިކް އާރްޔަން އެންމެ ފުރަތަމަ ސްކްރީނުން ފެނުނީ ދެ އެކްޓަރުން އެކުގައި ކުޅުނު ޑައިރެކްޓަރު ލަވް ރަންޖަންގެ "ޕިޔާރް ކާ ޕަންޗްނާމާ 2" އިންނެވެ. އެ ފިލްމަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބުނެވެ. އޭގެ ފަހުން ހަމަ މި ދެ އެކްޓަރުން ލައިގެން ލަވް ރަންޖަން ވަނީ "ސޯނޫ ކީ ޓީޓޫ ކީ ސްވީޓީ" އުފައްދާފަ އެވެ. އެ ފިލްމަކީ ވެސް ސުޕަހިޓެކެވެ

"ސޯނޫ ކީ ޓީޓޫ ކީ ސްވީޓީ" ގެ ސަބަބުން ކާރްތިކް އަށް ބޮލީވުޑްގެ އެކްޓަރުންގެ އެންމެ ކުރީ ސަފަށް ވަނުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް ސަނީއަކަށް އެހާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނަނީ ކާރްތިކް އާއި ސަނީގެ މެދުގައި މިހާރު މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި ދެ އެކްޓަރުން އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކާ ކަމަށެވެ.

ނަމަވެސް ބޮލީވުޑް ހަންގާމާއަށް ދީފައިވާ އިންޓަވިއު އެއްގައި ސަނީ ވަނީ އޭނާ އާ ކާރްތިކްގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. ދެ މީހުން އަބަދު އަރާރުންވާ ކަމަށާއި ނަމަވެސް ފަސް ވަރަކަށް މިނެޓް ނުވަނީސް ރުޅި މަޑުވެ އަލުން ސުލްހަވާ ކަމަށް ވެސް ސަނީ ބުންޏެވެ.

ސަނީ، 34، ބުނީ ކާރްތިކް އާއި އޭނާގެ މެދުގައި އެއްވެސް ސިއްރެއް ނޯންނާނެ ކަމަށާއި ދެ މީހުން ކުރާ ކަންތައްތައް އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. ސަނީ ވަނީ ކާރްތިކްގެ "ޕަތީ ޕަތުނީ އައުރް ވޯ" ގައި ވެސް ކުޑަ ރޯލެއް ކުޅެފަ އެވެ. އެއީ ވެސް ކާރްތިކް އާ އޮންނަ ގުޅުން ރަނގަޅުކަމުން ކުޅެދިން ރޯލެއް ކަމަށް ސަނީ ބުނެފައި ވެއެވެ.

ކާރްތިކް އެންމެ ފަހުގެ ރިލީޒް ކަމަށްވާ "ލަވް އާޖް ކަލް" އާއި ސަނީގެ "ޖެއި މަމްމީ ދީ" އަށް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިވެފަ އެވެ.