ޓައިގާ ޝްރޮފް

ގޭގައި ހުންނަން ޖެހުމުން ކައިކައިގެން ޓައިގާ ފަލަވަނީ

ކޮރޯނާވައިރަސްގެ ސަބަބުން ހުރިހާ ފިލްމުތަކެއްގެ މަސައްކަތް މުޅިން ހުއްޓާލާފައިވާތީ ހުރިހާ ފިލްމީ ތަރިން ވެސް މިހާރު ވަގުތު ހޭދަ ކުރަމުން ދަނީ އެ މީހެއްގެ ގޭގަ އެވެ. ބައެއް އެކްޓަރުން ފޫހި ފިލުވަން އެކި ކަންތައްތައް ކުރާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދަނީ ޝެއާ ކުރަމުންނެވެ.

ސަލްމާން ޚާން ފޫހިފިލުވަން ކުރެހުމުގެ މަސައްކަތް ކުރާއިރު ބައެއް އެކްޓަރުން އުޅެނީ މީރު އެއްޗެތި ކެއްކުމުގަ އެވެ. އަނެއްކޮޅުން ކެޓުރީނާ ކައިފް އާއި ކާރްތިކް އާރްޔަން ފެންނަނީ ކާ ތަށި ދޮންނަން ދަސްކޮށްދޭ ތަނެވެ. ނަމަވެސް މި ހުރިހާ ތަރިންނާ ޓައިގާ ޝްރޮފް ތަފާތެވެ. ގޭގައި ހޭ ދަކުރަން ލިބުނު މި ދުވަސްކޮޅު ޓައިގާ ނަގަނީ ވަރަށް ޕޮޒިޓިވް ކޮށެވެ.

ޓައިގާ ބުނި ގޮތުގައި މަންމަ އާއި ބައްޕަ އަދި އަންހެން ކޮއްކޮ އާއެކު ވަގުތު ހޭދަކުރަން ލިބުމަކީ ވަރަށް ހިތްހަމަޖެހޭ އުފާ އިހްސާސްވާ ކަމެކެވެ. ނަމަވެސް ގޭގައި ތިބެން ޖެހިފައިވާ މި ހާލަތަށް ވުރެ ރަނގަޅު އުފާވެރި ހާލަތެއްގައި މިފަދަ ވަގުތުކޮޅެއް ގޭގައި ހޭދަކުރަން ލިބުނުނަމަ މާ އުފާވީސް ކަމަށް ޓައިގާ ބުންޏެވެ.

ނެށުމާއި ކަސްރަތުކުރުމުގައި ގިނަ ވަގުތު ހޭދަކުރާ ޓައިގާ ގޭގައި ވެސް ގިނަ ވަގުތު ހޭދަ ކުރަނީ މިކަންކަން ކުރުމުގަ އެވެ. ޓައިގާ ބުނީ އޭނާގެ ގޭގައި ޖިމް އެއް ނުހުންނަ ކަމަށާއި ހުންނަނީ ޓްރެޑްމިލް އެއް އެކަނި ކަމަށެވެ. ނަމަވެސް އޭނާގެ ޑައިޓް ކުރުމުގެ މަސައްކަތް މުޅިން އެކޮޅުކޮޅުން ޖެހިއްޖެ ކަމަށް ޓައިގާ ބުންޏެވެ.

ގޭގައި ހުރެގެން މިހާރު އޭނާއަށް ކުރެވޭހާ ވެސް ކަމަކީ ކައިކައިގެން ފަލަވުން ކަމަށް ޓައިގާ ސިފަ ކުރި އެވެ. ޓައިގާގެ އެންމެ ފަހުގެ ރިލީޒް ކަމަށްވާ "ބާޣީ 3" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ވަނީ ލިބިފަ އެވެ. ފިލްމު
ސިނަމާތަކުގައި ދައްކަމުން ދަނިކޮށް ކޮރޯނާވައިރަސްގެ ބިރުވެރިކަން ބޮޑުވެ ގިނަ ސިނަމާތަކެއް ބަންދުކުރުމުގެ ސަބަބުން އުންމީދުކުރި ވަރަށް ފިލްމުގެ ވިޔަފާރިއެއް ނުވި އެވެ. ނަމަވެސް ސިނަމާތައް ބަންދުކުރުމާ ހަމަޔަށް ލިބިފައިވާ އަދަދުތަކުން ވެސް ފިލްމަށް ކާމިޔާބު ފިލްމެއްގެ ދަރަޖަ ލިބެ އެވެ.