ހަބަރު

ރޮހިންޔާ މައްސަލަ: ޝާހިދު ގެމްބިއާގެ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވައިފި

Mar 25, 2020
2

ރޮހިންޔާ މުސްލިމުންގެ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދަ ގެމްބިއާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ޑރ. މަމަޑޫ ޓަންގާރާ އަށް ފޯނުން ގުޅުއްވައި، މަޝްވަރާކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ‎އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްހުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓާ ޝާހިދު އަލިއަޅުވާލެއްވި ކަމަށެވެ. އަދި އެ މައްސަލައަކީ މުހިންމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށާއި މިމައްސަލައިގައި ގެމްބިއާ އާއެކު ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޝާހިދު ވިދާޅުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓާ ޝާހިދު އެރުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ‎މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ގެއްލެމުންދާ މައްސަލައަކީ ދިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން‎ ތަދައްހުލުވީ އެމަސައްކަތުގައި އިތުރަށް ޢަމަލީގޮތުން ބައިވެރިވުމުގެ މަގްސަދުގައި ކަމަށް މިނިސްޓާ ވިދާޅުވި އެވެ. އަދި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯއައިސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓާ ޝާހިދު ހިތްވަރު ދެއްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާގެ މުސްލިމުން ހިމާޔަތްކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިހަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދުއްހުލުވެފައިވާއިރު މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލު ވަކީލެއްކަމަށްވާ އާމާލް ކްލޫނީ އެވެ. އޭނާގެ ފީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ އެ މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތް ކުރައްވާ ވަގުތުގެ ކޮންމެ ގަޑިއިރަކަށް 30،000.00 ރުފިޔާ ފީއެއް ދޭކަމަށް އަޑުތައް ފެތުރިފައި ވެއެވެ.