ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަނަފަރު ބަންދުކޮށް، ދިވެއްސަކު ޓެސްޓު ކުރަނީ

Mar 25, 2020

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެ ޓެސްޓުގެ ނަތީޖާ ލިބެން ދެން، މަނަފަރު ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

މަނަފަރު ރިސޯޓުގެ އިތުރުން މި ވަގުތު މީހުން އަރައި ފޭބުން މަނާ ކޮށްފައިވާ އަނެއް ރަށަކީ ރީތި ބީޗް ރިސޯޓެވެ. އެ ރިސޯޓު އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ދިވެއްސަކާއި ބިދޭސީއަކު ޓެސްޓު ކުރުމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ނަމަވެސް، އިއްޔެ ޔުނައިޓެޑް އަރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، އެކަން އަދި ސަރުކާރަކުން ކަށަވަރުކޮށްދީފައެއްނުވެ އެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުން ބުނީ އެކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.