ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލުތައް ބަންދުކޮށްފި

Mar 25, 2020
1

އިތުރު ހަފްތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެ އަކު އިއުލާނު ކުރައްވައިފި އެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކުގެ އިތުރުން ޔުނިވާސިޓީތައް ވެސް އިތުރު ހަފްތާއަކަށް ބަންދު ކުރަން ނިންމާފައިވާކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަކީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީވެސް ސިއްހީ ތަޖުރިބާކާރުން ލަފަޔާއެކު ކަމަށެވެ.

"މިކަމުގައި އެންމެ އިސް ބަސްވެސް، އަދި އެންމެ ފަހު ބަސް ވެސް ވިދާޅުވާނީ ސިއްހީ ތަޖުރިބާކާރުން. ސަރުކާރުން ހަމައެކަނި ކުރާކަމަކީ އެ ބޭފުޅުން ވިދާޅުވާގޮތަށް ކަންތައްތައް ފަހިކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ވަނީ ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ. އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު އެ ބަލިން ރަނގަޅުވެފައިވާކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް، ރައީސް ސޯލިހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިތުރު ތިން މީހަކު އެ ބަލިން ރަނގަޅުވެފައިވާކަން އިއުލާނުކުރައްވައިފަ އެވެ.