ހަބަރު

ޖަލުގައި ހުރި ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއްނެތް: ރައީސް

ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔެ ކަންބޮޑުކޮށްލި ކޮވިޑް19 ފެތުރެންފެށި ފަހުން ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ރައީސް މިއަދު ވަނީ ބައްދަލް ކުރައްވާފައެވެ. މި ބައްދަލް ކުރެއްވުމުގައި މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ލުޔެއް ދެއްވުމަށް ސަރުކާރުން ނިންމާފައިވޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. އަދި އިގްތިސާދީ މައްސަލަތަކާއި ގުޅިގެން އެމަނިކުފާނާ އެއްވެސް މަޝްވަރާއެއް ކުރަން ނިންމާފައިވޭތޯވެސް ސުވާލުކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ޖަލުގައި ތިބޭ ފަރާތްތަކަށް މައާފު ދިނުމަށް ގާނޫނުގައި ވަކި އުސޫލުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު އަމަލުކުރައްވާނީވެސް އަދި އަމަލު ކުރައްވަމުން ގެންދަވަނީވެސް އެ އުސޫލުތަކުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް އެމަނިކުފާނުގެ ނެތް ކަމަށެވެ.

"ޖަލުގައި ތިއްބެވި ފަރާތްތަކާއި، ތިބި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު މި އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެ އުސޫލުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ. އެހެންވީމަ އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދާނަން. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނާ އިދިކޮޅު ލީޑަރުންނާ ގުޅުން ރަނގަޅު ކަމަށެވެ. އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެމަނިކުފާނާ ބަރާބަރަށް ވާހަކަ ދެކެވޭ ކަމަށް ވިދާޅުވިއެވެ.

"ދެން އިދިކޮޅު ފަރާތްތަކު ލީޑަރުންނާ އަޅުގަނޑާ ގުޅޭ ދޭތެރެ ދޭތެރެއިން. އެކަމަކު މިދޭތެރެއިން އަބްދުއްރަހީމް [ޕީއެންސީގެ ރައީސް] ކުރެއްވި ދެ ކޯލެއް އަޅުގަނޑަށް ނުނެގިދިޔަ. އަބްދުއްރަހީމަކީ އަޅުގަނޑާ ބަރާބަރަށް ވާހަކަ ދައްކަމުން ގެންދޭ. މިދިޔަ ދެ ދުވަހު އެބައޮތް އަޅުގަނޑަށް ދެ މިސްކޯލް. އަޅުގަނޑަށް ނުނެގިއްޖެއްޔާވެސް ފަހުން ގުޅަން. އެހެންވީމަ އަޅުގަނޑާ އެ ބޭފުޅުންނާ ބަރާބަރަށް ވާހަކަ ދެކެވޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މަނީލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީން ގެންދަވަނީ ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނު މިނިވަންކުރުމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.