ތަރައްގީ މުހިންމުވިޔަސް މިވަގުތަށް ބްރިޖް ފަދަ މަޝްރޫއުތަކަށް ހަރަދުކުރުން ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ގައުމުތަކަށް އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ރާއްޖޭގެ އިގްތިސާދަށްވެސް ހީނަރުކަން ލިބިފައިވާ މިވަގުތު ސަރުކާރުގެ އަމާޒަކީ ތަރައްގީގެ މަޝްރޫއުތައްވެސް ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެންނެވެ. ދަރުބާރުގޭގައި މިއަދު ނޫސްވެރިންނާ ބައްދަލް ކުރައްވާ ރައީސް ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކުން ރާއްޖެއަށް އަރައިގަނެވޭނެ ކަމަށާ ސަރުކާރުގެ އަމާޒަކީ ތަރައްގީގެ މަޝްރޫއުތައްވެސް ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ ރިސޯޓް މުވައްޒަފުންނާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން ގޮތެއް ހޯދައިދޭންޖެހޭ ކަމަށާ ކުރިމަތީގައި އޮތް ރަމަޟާން މަހު އެތައް ގޮންޖެހުންތަކެއް އާއިލާތަކަށް ކުރިމަތިވާނެ ކަމަށެވެ.
އަދި ތަރައްގީ މުހިންމުވިޔަސް މިވަގުުތު ބްރިޖު ފަދަ މަޝްރޫއުތަކަށް ހަރަދުކުުރުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"މިވަގުތު ބްރިޖު އެޅުމަށްވުރެ މުހިންމީ ރައްޔިތުންގެ މުސާރަކޮޅު ހަމަޖެއްސުން، ވަޒީފާ ގެއްލޭ އާއިލާތަކަށް އެހީތެރިވުން. ބުރަ މަސައްކަތްކުރަމުން އަންނަ އެތައް ބަޔަކު ހާލުގައިޖެހި، މަގުމަތިވުމަކީ މުޅި ގައުމަށް ލިބޭނެ ގެއްލުމެއް." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މިވަގުތު ހުރިހާ ވަސީލަތެއް ހާއްސަ ކުރަންޖެހެނީ މަސައްކަތްތެރިންނާއި އާއިލާތަކަށް އެހީތެެރިވުމަށް ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލްވުން މަގްރިބް ނަމާދަށް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމުންވެސް ޖަމީލް ވަނީ ފާޑުވިދާޅުވެފައެވެ. މިއަދު ހަވީރު 4:45 ފެށުމަށް ހަމަޖެއްސި ނޫސްވެރިންގެ ބައްދަލްވުން ފެށުނީ އޭގެ ބައިގަޑިއެއްހާ ފަހުންނެވެ.
"މިއޮށް ފަދަ ބޮޑު ބަލިމަޑުކަމުގެ ތެރޭގައިވެސް މަޣްރިބް ނަމާދުކޮށް ދުއާކުރުމަށް ވުރެ ރައީސް ޕްރެސް ކޮންފަރެންސް އިސްކުރުމަކީ ހިތާމަހުރި ކަމެއް. މިވެސް ދީނާ ހިލާފު އާ ކަމެއް ތައާރަފްކުރުމުގެ ފެށުމެއް." ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.