ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިގްތިސާދީ ވަޅުގަނޑުގެ ނާމާންކަން ބޮޑު: ޖަމީލް

ރާއްޖޭގެ އިގްތިސާދު ވެއްޓެމުންދަނީ ނާމާންކަން ބޮޑު ވަޅުގަނޑަކަށް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ވަނީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑު އިގްތިސާދީ ހީނަރުކަމެއް އަންނާނެ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށް އެތައް ބަޔަކު ދިޔައީ އިންޒާރު ދެމުން ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުން ސަލާމަތްތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް ރާއްޖެ އަދިވެސް ހިމެނިފައިވަނީ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ފޮރިން މިނިސްޓަރު [އަބްދުﷲ ޝާހިދު] އަށް ބަރޯސާވެ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދަކޮށް، ވަޒީފާއަށް މީހުން އިތުރުކޮށް، ހެލްތް އިން 'އޮބިއަޅާ' ފޮރުވި ހަގީގަތް ދުނިޔެއަށް ފެނިއްޖެ. ފޮނިބައިސާ ކަނޑަމުން ހިނގުމަކުން ފަތުރުވެރިން ނާންނާނެ،" ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވަމުން މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ސަމާސާ ކުރާ ވަރަށްވުރެ އިގްތިސާދީ ވަޅުގަނޑުގެ ނާމާންކަން ބޮޑު ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. މަސްތަކަކަށްފަހު އަލުން ބޯޑަރު ހުޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ބޯޑަރު ހުޅުވިތާ ދިހަ ދުވަސްވީއިރު ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިންނެވެ. މިއީ ސަރުކާރުން އަންދާޒާކުރި އަދަދަކަށްވުރެ މާ މަދު އަދަދެކެވެ. އެކަމުގެ ސަބަބުން އިގްތިސާދީ އިތުރު މައްސަލަތައްވެސް ދިމާވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ އިގްތިސާދަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އިގްތިސާދީ މައި ސިނާއަތް އެތައް މަހަކަށް ހުއްޓި އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިފައިވެއެވެ. ދައުލަތަށް ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓި، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކުރަން ޖެހުނު ހަރަދުތަކާއި ގުޅިގެން މާލީ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.