ހޮލީވުޑް

ވަރީގެ ލިސްޓަށް މިހާރު ބިޔޯންސޭ އާއި ޖޭޒީވެސް؟

Sep 10, 2015

ހޮލީވުޑްގައި އެކަކު ކަމެއް ކޮށްފިނަމަ ދެން ހުންނަ މީހަކަށް އެކަން ނުކޮށް ނުހުރެވޭނެއެވެ. އެންމެންވެސް ބޭނުންވާނީ އެވަގުތު އޮންނަ "ޓްރެންޑް" އެއް ފަހަތުން ދުވަންށެވެ. އެއީ ވަރިއަށް ވިޔަސް ހެވެވެ. ވަރީގެ މޫސުމުގައި ލިސްޓަށް އަނެއްކާވެސް އިތުރު ކޮށްލެވެނީ މިފަހަރު ސޯޅަ އަހަރު ވަންދެން އެއްކޮށް އުުޅެފައިވާ ބިޔޯންސޭ އާއި ޖޭޒީ އެވެ.

ބިޔޯންސޭ އާއި ޖޭޒީގެ ލޯބީގެ ގުޅުން ފެށިފައިވަނީ ބިޔޯންސޭއަށް 19 އަހަރު ގައި 1999 ގައެވެ. ދިހަ އަހަރު ދުވަސް އެކުގައި ހޭދަކޮށް އެންމެ ފަހުން ކައިވެނި ކޮށްފައިވަނީ 2008 ވަނަ އަހަރެވެ.

މިއީ ތެދު ދޮގު ނޭނގޭ ހަބަރެއް ކަމުގައިވިޔަސް ހޮލީވުޑްގެ އެކިއެކި މީޑިޔާތަކުން ދެ މީހުން ވަރިވާން އުޅޭ ކަމަށާއި ހުންނަ ހަމައެކަނި ދަރިފުޅު ބްލޫ އައިވީ ބިޔޯންސޭގެ ބެލުމުގެ ދަށަށް ގެންދަން އުޅޭ ވާހަކަ އެބަ ފަތުރައެވެ.

އެތައް އަހަރެއް ވަންދެން ކާމިޔާބީ އެކަކު އަނެކަކުގެ އެހީއާއި އެއްކޮށް ހޯދަމުން ދިޔަ މިވަރުގަދަ ޖޯޑު ވަކިވާން އުޅޭ ކަމުގެ ވާހަކައަކީ ވަރަށް ގިނަ މީހުން ސިއްސުވާލި ހަބަރެކެވެ. ދެމީހުން ދޭތެރޭ ކުރީގައިވެސް މައްސަލަ ޖެހިފަައި އޮތް ވާހަކަ މީޑިޔާ ތެރޭގައި އެނބުރި އޭގެ ހަގީގަތެއް ޔަގީނެއް ނުވާ ކަމުގައިވިޔަސް ދެމީހުން ކައިވެނި ކުރުމުގެ ކުރިން ޖޭޒީވަނީ ލަވަކިޔުންތެރިޔާ ރީޓާ އޯރާ އާއި ކިމް ކާޑޭޝިއަން އާއި އެއްކޮށްވެސް ލޯބީގެ ގުޅުމެއް ބާއްވާފައެވެ.

ގިނަ މީހުންގެ އުއްމީދަކީ މިއީ ދޮގު ހަބަރަކަށް ވުމެވެ. އެއީ ގިނަ މުއްދަތަކަށް އެކުގައި އުޅެފައިވާ މިޖޯޑަކީ ވަރަށް ގިނަ ލޯބިވެރިންގެ "އިންސްޕިރޭޝަން" އަކަށް ވެފައިވާތީއެވެ. މިހަބަރާއި ގުޅޭގޮތުން ބިޔޯންސޭއާއި ޖޭޒީ އަދި އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ.