ޝާހިދު ކަޕޫރު

އަމްރިތާ މަތިން ޝާހިދު އަދިވެސް ހަނދާންކުރޭ

ޝާހިދު ކަޕޫރާއެކު މަސައްކަތްކުރި ހުރިހާ ބަތަލާއިންނާ ވެސް އޭނާގެ ކެމިސްޓްރީ ވަރަށް ރަނގަޅެވެ. ކަރީނާ ކަޕޫރާއެކު "ޖަބް ވީ މެޓް" އަދި ދާދި ފަހުން ކިއާރާ އަދުވާނީ އާއެކު ކުޅުނު "ކަބީރް ސިންގް" ގައި ވެސް ޝާހިދު އާއި އެ ބަތަލާއިންގެ ކެމިސްޓްރީ ފޭނުންނަށް ވަރަށް ކަމުދިޔަ އެވެ. ނަމަވެސް "ވިވާ" ގައި އަމްރިތާ ރާއޯ އާއެކު ޝާހިދުގެ ކެމިސްޓްރީ އެނޫން އެހެން އެއްވެސް ފިލްމެއްގައި އެއްވެސް ބަތަލާއަކު ދެއްކިފައެއް ނުވެ އެވެ.

ޝާހިދު އާއި އަމްރިތާ ބޮލީވުޑަށް ތައާރަފްވީ ވެސް އެކުއެކީގައި "އިޝްގް ވިޝްގް" އިންނެވެ. އޭގެ ފަހުން "ޝިކާރް"، "ވާހް! ލައިފް ހޯ ތޯ އެއިސީ" އަދި "ވިވާ" ކުޅެގެން ގިނަ ބަޔަކަށް މި ޖޯޑު ވަރަށް ކަމުގޮސްފައި ވެއެވެ.

ޝާހިދު މިހާރު ކުޅެމުންދާ "ޖާޒީ" ގެ ޝޫޓިން ކޮރޯނާވައިރަހުގެ ސަބަބުން ހުއްޓިފައިވާތީ ގޭގައި ހުރެގެން ޝާހިދު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ބައްދަލުކޮށް އެމީހުން ކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ. އެގޮތުން އެއް ފޭނަކު ވަނީ އަމްރިތާ އާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

ޝާހިދު ބުނީ އޭނާގެ "ވިވާ"ގެ ކޯސްޓާ އާއެކު މަސައްކަތްކުރި ދުވަސް ހަނދާން އާވާ ކަމަށާއި އަމްރިތާގެ މަތިން ވަރަށް ހަނދާން ވާ ކަމަށެވެ. ޝާހިދު ބުނީ އަމްރިތާ ވަރަށް "ޚާއްސަ" ކަމަށެވެ. އަމްރިތާ އަކީ ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށާއި އޭނާ އެންމެ ދެރަ ވަނީ އަމްރިތާ އާއެކު ފިލްމު ނުކުޅެވޭތީ ކަމަށެވެ.

ޝާހިދު މިހެން ބުނުމުން ގިނަ ބަޔަކު ވަނީ އޭނާ އާއި އަމްރިތާގެ ފިލްމެއް އުފެއްދުމަށް ބޮލީވުޑްގެ ޕްރޮޑިއުސަރުންގެ ކިބައިން އެދިފަ އެވެ. ސްކްރީންގައި ލޯބީގެ ޖޯޑެއްގެ ގޮތުގައި މި ދެ ތަރިން ފަދަ ދެވަނަ މިސާލެއް ނެތްކަމަށް ގިނަ ބަޔަކު ސިފަ ކުރި އެވެ.

ދެން އެންމެ ގިނަ ފޭނުން ޝާހިދު އާ ސުވާލު ކުރީ "ހައިދަރް" އާ ގުޅޭ ގޮތުންނެވެ. ވިޝާލް ބަރްދަވާޖް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޝާހިދު ވަރަށް ވަރުގަދަ ޕާފޯމަންސެއް ދައްކާފައި ވެއެވެ. އެ ފިލްމުގެ ކެރެކްޓާއަށް މުހިއްމު ކަމަކަށް ވާތީ ޝާހިދު މި ފިލްމު ކުޅެން އިސްތަށިގަނޑު ވެސް ބޭލި އެވެ.

"ހައިދަރް" އަށް ފަސް ނެޝަނަލް އެވޯޑު ލިބުނެވެ. ބެސްޓް ސްކްރީން ޕްލޭ (ޑައިލޯގް)، ބެސްޓް މިއުޒިކް ޑައިރެކްޝަން، އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ އަދި ބެސްޓް ކޯރިއޮގްރަފީ އެންޑް ޕާފޯމަންސް އެވޯޑެވެ.

މި ފިލްމުން އެންމެ މޮޅު އެކްޓަރުގެ ފިލްމްފެއާ އެވޯޑު ޝާހިދު އަށް ލިބުނެވެ. އެފިލްމު ކުޅެގެން ލިބުނު އެންމެ ރަނގަޅު ހަދިޔާއަކީ ކޮބައިތޯ ފޭނަކު ސުވާލުކުރުމުން ޝާހިދު ބުނީ އެ ފިލްމުގައި އޭނާ ކުޅުނު ކެރެކްޓާއިން ދަސްވި ފިލާވަޅު ކަމަށެވެ. އެ ފިލާވަޅަކީ އިސްތަށިގަނޑު ބޭލުމުން އަނބުރާ އަންނަނީ ލަހުން ކަމަށް ޖޯކަކަށް ހަދާފައި ޝާހިދު ބުންޏެވެ.