ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިސްޓުން ތިބި މުއްދަތަށް ބަލައި، ރިސޯޓުތަކަށް އަރައި ފޭބުމުގެ ހުއްދަ ދެނީ

Mar 26, 2020
1

ފަތުރުވެރިން މިވަގުތު ތިބި ރިސޯޓުތަކުގައި އެ މީހުން އެ ރަށްތަކުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލައި، އަރައި ފޭބުމަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ރާއްޖޭންވެސް ފެނުމާއެކު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އައުމާ ދިއުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ބޭރު މީހުން އެތެރެނުވެވޭގޮތަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާއިރު، ރިސޯޓުތަކުގައި މިވަގުތު ތިބި ފަތުރުވެރިން ރާއްޖޭން ފުރާތާ، 14 ދުވަސް ފަހުން އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ރަށުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ދީފަ އެވެ.

ނަމަވެސް، ބައިނަލްއަގުވާމީ ދަތުރުފަތުރުކުރުން އެކީގައިހެން ހުއްޓިފައިވާ ދަނޑިވަޅެއްގައި ރިސޯޓުތަކުގައި ތިބި ބައެއް ފަތުރުވެރިންނަށް އެނބުރި ގައުމަށްދެވޭނެ ގޮތެއް ނެތި، ރިސޯޓުތަކުގައި ތާށިވެފައިތިބިއިރު، އެ ރަށްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންވެސް އެތަނުގައި ތިބެންޖެހުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ އެފަދަ ޝަކުވާތަކެއް ސަރުކާރަށްވެސް ލިބެމުންދާ ކަމަށެވެ.

އެގޮތުން، ރާއްޖެއަށް އައި ފަހުން، ބަލީގެ އަލާމާތެއް ނުފެނި، 14 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަތުރުވެރިން ތިބި ވަކިވަކި ރިސޯޓުތަކުން އެކަން އެޗްޕީއޭއަށް އެންގުމަށް މަބުރޫކު ވިދާޅުވި އެވެ.

"އެގޮތަށް ވަކިވަކި ކޭސްތަކުގެ ގޮތުގައި ބަލައިގެން، އެ ރިސޯޓުތަކަށް ހާއްސަ ހުއްދައެއް ދިނުމަށް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާދެމުންދަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މީހަކަށާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ އެއް މީހަކަށެވެ.