ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(24 މާރިޗު 2020 އާ ގުޅޭ)

އެ ބައްޕައާއި މަންމަ އަހާވަރުން ހޭޒަލް ކުރާ ކަންތައްތަކުގެ ވާހަކަ ދާރިއަން ކިޔާދެއެވެ. އެމީހުންގެ ހުނުން އަދި މާ ބާރެވެ. އެމީހުން އުޅޭ ގޮތުން ދާރިއަންއަށް ވެސް ހޭޒަލްއަށް އެ ވަރަށް ލޯބި ނުދެވޭނެކަން އިޙްސާސްވެއެވެ. ދަރިއަކަށް ބޭނުންވާނޭ ގާތްކަމާއި އަޅާލުމާއި ހިތްވަރާއި ލޯބި ދިނުމުގައި އެ ދެމަފިރިންނަކީ ނަމޫނާއެކެވެ.

ލިބެން އުޅޭ ދަރިފުޅުގެ ޖިންސު އޮތީ ހޭޒަލްއާއި ދާރިއަންއަށް ސިއްރުކުރެވިފައެވެ. އެކަމުގައި އިސްކޮށް އުޅުނީ އިބާއެވެ. ހޭޒަލްގެ ބަނޑަށް އަށް މަހުގައި "ބޭބީ ޝަވާ" ބޭއްވިއެވެ. އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް އިސްނެގީ ދާރިއަންގެ ޢާއިލާއިންނެވެ. ހުރިހާކަމެއް ރޭވީ ވެސް އެމީހުންނެވެ. އެ އުފާވެރި މާހައުލުގައި ބައިވެރި މީހުންގެ ތެރޭގައި އިޝްވާ ވެސް ހުއްޓެވެ. ފުރަތަމަ އޮތީ ކޭކު ފެޅުމެވެ. މަޑު ރީނދުލާއި ފިޔާތޮށި ކުލައިގެ އެ ކޭކު ފަޅާލުމުން އެތެރެ އޮތީ ނޫކުލައިގައެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. އެލުވާފައި ހުރި ފުއްޕާހަންތައް ފަޅާލުން އޮތެވެ. އެ ފަޅާލުމުން ވެސް ފޭބީ ނޫކުލައިގެ ވިދާ ކަރުދާސް ކުނޑިއެވެ.

"އިޓްސް އަ ބޯއި" ހިނިއައިސްފައި ހުރެ ފިރިމީހާއަށް ބަލާލައި ހޭޒަލް ބުނެލިއެވެ. ދާރިއަން ބޯޖަހާލިއެވެ.

"ގާލް ބޭބީއެއް ބޭނުމީ" އެންމެންގެ ތެރޭގައި ހުރި އަމީރާ ބުންޏެވެ. އޭނާ އެއްގޮތަކަށް ވެސް ހިތްހަމައެއްނުޖެހުނެވެ. ކީރާ ގާތު އޭނާ ޝަކުވާކުރިއެވެ. ފިރިހެންކޮއްކޮއެއް ލިބިއްޖެއްޔާ ދެން މާމަގެއަށް ނާންނާނަންކަމަށް ވެސް ބުންޏެވެ. އާތިޝްއަށް އަނބިމީހާއަށް ބަލާލެވުނީ ހިތުގައި އުފެދުނު ޝުޢޫރަތަކުގެ ސަބަބުންނެވެ. ދެވަނަ ކުއްޖަކު ހޯދުމުގެ ޚިޔާލު އޭނާގެ ހިތުގައި އުފަންވެއްޖެއެވެ.

ފަތިސް ނަމާދުކޮށްގެން ކިޔަވާލަން އިން ހޭޒަލް ކޮޓަރިން ނުކުތީ އިރުއެރިފަހުންނެވެ. އޭނާ ހާމަފެންޑާއަށް އަރާލަން ބޭނުންވުމުން އެތަނަށް އޭނާ ގޮވައިގެން އެރީ ދާރިއަންއެވެ. ގެއިން ބޭރަށް އޭނާއަށް ނުނިކުމެވޭ ތަނުގައި ވަށައިގެން ހިނގާ ކަންކަން ކިރިޔާ ވެސް ފެނިލަނީ ހާމަފެންޑާއަށް ހޭޒަލްއަށް ނުކުމެވޭ ފަހަރެއްގައެވެ. އެހެންނޫނީ އޭނާ ގިނަވަގުތު އޮންނަނީ އެނދުގައެވެ. އެކަމަކު މިހާރު އިރާދަކުރެއްވިއްޔާ އެ ހާލަތު ބަދަލުވެއްޖެއެވެ. ދެން އޮތީ އެންމެފަހުގެ މަރުހަލާއެވެ. ދަރިފުޅު އުފަންވުމެވެ. އެ ދަރިފުޅަށް ޓަކައި އޭނާ ވަރަށް އިންތިޒާރުކޮށްފިއެވެ.

"ކޮންކަމަކާ ތި ވިސްނަނީ" ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ ހޭޒަލް ބަނޑުގައި ފިރުމާތީ ދާރިއަން އަހާލިއެވެ.

"ކިތަންމެ ވަރަކަށް ޕްލޭންކުރިޔަސް، ބޭނުންވާ ގޮތަށް އެކަމެއްވަނީ އެކަމަށް ﷲ އިރާދަކުރައްވައިފިނަމަ" ހޭޒަލް ބުންޏެވެ.

"ކޮންކަމެއް ޒެލްއަށް ނުވީ؟" ދާރިއަން ސުވާލުކޮށްލިއެވެ.

"އަވަހަށް މެރީކޮށް އަވަހަށް ކުއްޖަކު ހޯދަން އަހަރެން ބޭނުންވިޔަސް އެކަމަށް ވަގުތު ޖެހުނީ އަދިކިރިޔާ، މިހާރު އުމުރުން އޮނަތިރީސްވީ... ހަޔާތުގެ ދުވަސްތައް ދިޔައީ ކިހިނެއްކަމެއް ވެސް ނޭނގުނު" ހޭޒަލްގެ ޚިޔާލުތަކުގެ މިސްރާބު ހުރި ދިމާ ދާރިއަންއަށް ވިސްނުނެވެ.

"ހަޔާތުގައި ފާއިތުވި ދުވަސްތަކާމެދު ނުވިސްނާ، އެންމެ މުހިންމީ މިވަގުތު، ދެން މުސްތަޤުބަލް..." ދާރިއަން ބުނެލިއެވެ. އަނބިމީހާގެ ބަނޑުގައި އޭނާ ފިރުމާލިއެވެ. ދަރިފުޅާ ބައްދަލުކުރަން ބޭނުންވެފައިވާވަރު ބުންޏެވެ.

ނުވަމަހުގެ ބަނޑާއެކު ހޭޒަލް ހީވަނީ ދެންމެދެންމެ ވިހާފާނެ ހެންނެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ދެ ފަރާތުގެ ޢާއިލާ ވެސް ތިއްބެވެ. އެންމެން ވެސް އެ އިންތިޒާރު ކުރަނީ ހޭޒަލް ވިހާނޭ ވަގުތަކަށެވެ. ދާރިއަން ފެންނަނީ ސީރިއަސްވެފައި ހުރި ތަނެވެ. އަނބިމީހާއާ މެދު އޭނާގެ ހިތްބިރުގަންނަނީއެވެ. ވިހާކޮޓަރީގައި ހިނގާ އެއްވެސް ކަމެއް އޭނާއަށް ލަފާކޮށްލަން ވެސް ނޭނގެއެވެ. މި ނާޒުކު ވަގުތުގައި ހޭޒަލްގެ ގާތުގައި ހުންނަން ދާރިއަން ނުހަނު ބޭނުމެވެ. އެހެންނަމަވެސް އޭނާއަށް ހޭޒަލް އޮތް ހިސާބަށް ވަދެވުނީ ދަރިފުޅު އުފަންވުމަށްފަހުއެވެ.

* * * * *
3 އަހަރު ފަސް

ހާމަފެންޑާގައި އޮތީ ކުދިކުދި ބޮކިތަކުން ދިއްލާފައެވެ. ރަޙުމަތްތެރިއެއްގެ ކައިވެނި ހަފުލާއަށް ގޮސްފައި އައިގޮތަށް ފިރިހެން ދަރިފުޅާއެކު އޭނާ އިނީ ހާމަފެންޑާގައި ހުރި ސޯފާގައެވެ. އަންހެން ދަރިފުޅު ނިދާފައި އޮތުމުން ހޭޒަލް ވަނީ ކޮޓަރިއަށެވެ.

"ހެޕީ ބާޑް ޑޭ ޔޫ... ހެޕީ ބާޑް ޑޭ ޔޫ މަންމީ... ހެޕީ ބާޑް ޑޭ މަންމީ" ހޭޒަލް ހާމަފެންޑާއަށް އަރައިގެން އައިތަން ފެނި ދާރިއަންއާއެކު ޒޯހަން ލަވަކިޔަންފެށިއެވެ. ހޭޒަލްއަށް ހިނިއައިސްފައި ހުރެވުނީއެވެ. އެވަގުތު ރިޒްވާނާއި ސާއިރާ ކޭކެއް ހިފައިގެން އެތަނަށް އަތުވެއްޖެއެވެ.

"އުފާވެރި އުފަންދުވަހެއް" ސާއިރާ އައިސް ދަރިފުޅުގެ ގައިގާ ބައްދާލިއެވެ. މަންމައަށް ޝުކުރު އަދާކޮށް ދާރިއަންގެ ގާތުގައި ހޭޒަލް އައިސް މަޑުކޮށްލިއެވެ.

"އައި ލަވް ޔޫ... އަހަރެންގެ ބާތްޑޭއަށް ތިންވަނަ ދަރިއަކު ބޭނުން" ހޭޒަލް ގާތްކޮށްލުމާއެކު އޭނާގެ ކަންފަތް ދޮށުގައި ދާރިއަން ބުނެލިއެވެ. ފިރިމީހާގެ ބަނޑުގައި ހޭޒަލް ޖަހާލީ ހެމުންނެވެ. އަދި މާނަވީ ގޮތަކަށް ބަލަން ހުރެ ލޯބިވާކަން ބުނެލިއެވެ.

"ކޮއްކޮ ކޭކުފަޅާނީ" ކޮފީ މޭޒުމަތީ ބެހެއްޓި ކޭކު ކައިރީ ތައްޔާރަށް ހުރި ޒޯހަން ބުނެލިއެވެ.

ކޭކު ފެޅުމަށްފަހު އެ މަޖަލުގައި އުޅުމުގެ ބަދަލުގައި ހޭޒަލް އަވަސްވެގަތީ ޒޯހަން ނިދަން ތައްޔާރުކުރާށެވެ. އެހެން ރޭތަކަށްވުރެ މާބޮޑަށް ވެސް ޒޯހަން ނިދަން ބާއްވަން ޖެހޭ ވަގުތު ލަސްވެއްޖެއެވެ. ފިރިމީހާއާއެކު ވަގުތު ހޭދަކުރަން ހޭޒަލް އައީ ދެ ދަރީން ނިދީމައެވެ. ކުދީން ލިބުމަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަމެއްކަން ހޭޒަލްއަށް އެނގެނީ އަދިކިރިޔާއެވެ.

ދުވަސް ފެށެނީ ފަތިސް ނަމާދުންނެވެ. ނަމަވެސް ދާރިއަންއާއި ހޭޒަލްއަށް ހަތަރެއް ޖެހީމަ ތެދުވަން ޖެހެނީ ޒޯހަންގެ ސަބަބުންނެވެ. އެގަޑިއަށް ތެދުވެގެން އައިސް އެމީހުންގެ އެނދަށް އަރާނެއެވެ. އާކަންކަން ދަސްކުރުމަށް ޝައުގުވެރި އުމުރަށްވާތީ އެ ދަރިފުޅުގެ ސުވާލުތަކަށް ނިމުމެއްނޯވެއެވެ. ޒޯހަން އުމުރުން ހަގު ނަމަވެސް އޭނާ ފަތިހަށް ހޭލާ އުޅޭތީ ދާރިއަންއާއި ރިޒްވާނު މިސްކިތަށް ދަނީ އެ ދަރިފުޅު ގޮވައިގެންނެވެ. ރަނގަޅު އާދަތައް ދަރީންނަށް ދަސްކޮށްދޭންވީ ވަކި އުމުރަކަށް އެކުދީން އެޅުނީމަ ނޫންކަން ދާރިއަން ބުނެއެވެ.

ޖެހިގެން އައި ދުވަހެވެ. ހަވީރުގެ ވަގުތެވެ. ކުޑަދަރިފުޅު ހޮޑުލައިގެން ސާފުކުރަން ހޭޒަލް އުޅުނެވެ. ތުވާލި ކޮޅުގައި ހުރި ދާރިއަންގެ އަތަށް އެކުއްޖާ ސާފުކޮށްލުމަށްފަހު ހޭޒަލް ދިއްކޮށްލިއެވެ. ދާރިއަންގެ އަތުގައި އޮތް ތުވާލީގެ ތެރެއަށް ދަރިފުޅު ލައި ހިފަހައްޓާލިއެވެ.

"ހައިޒިން މާވީ ދާރިއަން! މީހަމައެކަނި ބައްޕަގެ ޕްރިންސެސްއޭ ދޯ" ހަތަރުމަހުގެ އަންހެން ދަރިފުޅަށް ބަލަން ހުރެ ދާރިއަން ބުނެލިއެވެ. އެތުއްތު ދަރިފުޅު އޮތީ ދާރިއަންގެ އަޑަށް މަޖާވެފައެވެ. އަޑެއް ލައްވާލި ގޮތުން ހީވީ އޭނާ ވެސް ބައްޕައާ ވާހަކަދައްކަނީ ހެނެވެ.

ހޭޒަލްއާއި ދާރިއަންއަށް ފިރިހެން ދަރިފުޅަށްފަހު އަންހެން ދަރިއަކުވަނީ ލިބިފައެވެ. ޒޯހަން މިކާލް ދާރިއަންއަކީ ދެވަނަ ދާރިއަން ކަހަލައެވެ. މަންމަދެކެ ލޯބިން އެ ކުޑަކުއްޖާ އުޅޭއިރު އެންމެން ހައިރާންވާހާ ވެއެވެ. އަންހެން ދަރިއަކު ބޭނުންވެފައި ހުރި ދާރިއަންއަށް ހައިޒިން ލިބުންވީ އޭނާގެ އުންމީދުތައް ފުރިހަމަވީ ކަމަކަށެވެ.

"ޒޯހަން ކޮބާ؟" ފާޚާނާއިން ނުކުތް ގޮތަށް ހޭޒަލް ބުނެލިއެވެ.

"ބައްޕަ ކައިރީހެން ހީވަނީ" ހޭޒަލްގެ ފަހަތުން ނުކުތް ދާރިއަން ބުންޏެވެ.
ސިޓިންރޫމުގައި އިން ރިޒްވާނުގެ އުނގަށް ވަދެ ޒޯހަން ހުއްޓެވެ. އެ ކުއްޖާ ކާފާއޭ ގޮވާލާ ކޮންމެ ފަހަރަކު ރިޒްވާނުގެ ހިތް ލޯބިން ފުރެއެވެ. އޭނާގެ ނަސީބާމެދު އުފާކުރެއެވެ. ﷲއަށް ޝުކުރުވެރިވެއެވެ. ދަރިން ލިބުމުން މަހުރޫމްވެފައިވީ ނަމަވެސް އޭނާއަށް އެކަން އެންމެ ހިނދުކޮޅަކަށް ވެސް އިޙްސާސެއް ނުކުރެވެއެވެ. އޭނާއަށް ބައްޕަ ކިޔާނޭ ކުދީން ތިބިއިރު އެކުދީންގެ ފުށުން ކާފަ ކިޔާނޭ ކުދީން ލިބިއްޖެއެވެ. ސާއިރާއަކީ ﷲ އޭނާއަށް ދެއްވި އެންމެ ބޮޑު ނިޢުމަތްކަން ރިޒްވާނު ޤަބޫލުކުރެއެވެ.

"ކޮއްކޮ ނާނަ ކިޔަނީތަ؟" ރިޒްވާނު އަހާލިއެވެ.

"ކޮއްކޮ ކާފަ ކައިރީއެއްނު" ރިއާން ބުނެލިއެވެ. އެތަނަށް އައި ސާއިރާއަށް އެއަޑު އިވި ހީނލެވުނެވެ.

"މިހާރު ތީ ދޮންބެއެކޭ... ހައިޒިންއޭ ކޮއްކޮއަކީ" ސާއިރާ ބުނެލިއެވެ. ރިއާންއަށް އެ ވާހަކަތައް ކަމަކުނުދިޔައެވެ.

"ނޯ! މީ ކޮއްކޮ! އެއީ ބޭބީ" މާމައަށް ތުންހަދާލަމުން ޒޯހަން ބުންޏެވެ.

"އާނ! ނޫން! ނޫން! މީ ކޮއްކޮ... މާމައަށް ނޭނގުނީ" ރިއާން ނުރުހުނުކަން އެނގުމުން ސާއިރާ އެ ދަރިފުޅު ރުއްސަން އުޅުނެވެ.

"ބައްޕަގެ ސެންޓުފުޅި ޖެހީތަ؟" ފިރިމީހާގެ ގާތު ސޯފާގައި އިށީނދެ ޒޯހަން ގާތްކޮށްލި ވަގުތު ދުވި ވަހުން ސާއިރާ އަހާލިއެވެ. ކުރިން ފާޅުވި ނުރުހުމުގެ އަސަރު ފިލާ ގޮސް ލާނެތް ހިންޏެއް ޒޯހަންގެ ގާތަށް އައެވެ. ކުޑަކުޑަ އަތްތިލަ އަނގަމަތީ އަޅާލާ އޭނާ ހީނލިއެވެ.

"ބައްޕި ރުޅިނާންނާނޭ... ކޮއްކޮ މިވަރަށް ޖެހީ، އަދި ބައިވަރު ހުރިއޭ" ދެއިނގިލި ކުރިން ޖެހިވަރު ދައްކާލަމުން ރިއާން ބުނެލިއެވެ. ސާއިރާއާއި ރިޒްވާނުގެ މޫނުން ހިނިތުންވުން ފިލާ ނުދެއެވެ. ޒޯހަން ނިދާފަ އޮވެއްޖެނަމަ އެ ގޭތެރެ އެންމެންނަށް ވެސް ފަޅުވެއެވެ.

ފިރިހެން ކޮއްކޮއެއް ބޭނުންނުވި އަމީރާގެ ޚިޔާލު ޒޯހަން ފެނުމުން ބަދަލުވީ ނުހަނު އަވަހަށެވެ. ހަފްތާ ބަންދު ތަކުގައި އާތިޝްއާއި ކީރާއަށް އެކަނިވެލާނޭ ފުރުޞަތު ބޮޑުވީ އަމީރާ ރިޒްވާނުމެންގެއަށް ހުންނަން އަންނަން ފެށުމުންނެވެ. ކީރާ ވެސް އިނީ އެމީހުންގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. އަމީރާ އަމިއްލައަށް "ދޮންތި"ވެގެން އުޅޭއިރު ޒޯހަން ވެސް އޭނާގެ ބަސް ޤަބޫލުކުރެއެވެ. އާތިޝްއާއި ޢާއިލާ ދެމެދު އޮންނަ ގުޅުން ކުރިއަށްވުރެ ބަދަހިވުމަށް ދަރީންގެ ގުޅުން ރަނގަޅުވުން ވިއެވެ. ކޮއްކޮއާ މެދު ކުރީން ނުހުންނަ ގާތްކަމެއް އުފެދުނެވެ. ދާރިއަންއާ މެދު ޚާއްޞަ ޤަދަރެއް ވިއެވެ. ހޭޒަލްގެ މައްޗަށް ހެޔޮ ކޮންމެ މީހަކީ އޭނާ އެމީހަކަށް އިޚްތިރާމް ކުރާނޭ މީހެކެވެ. އަދި އެ ކޮއްކޮ ކަމަކަށް ބޭނުންވޭތޯ ބެލުމަށް އާތިޝް އާދަވެއްޖެއެވެ. ރިޒްވާނަށްފަހު މަންމައާއި އަންހެންކޮއްކޮގެ ޒިންމާ ނަގަންޖެހޭނެ މީހަކީ އާތިޝްކަން އޭނާ ދަނެއެވެ.

"ޒޯހަން މިކާލް" ކޮޓަރިން ބޭރަށް ބޯދިއްކޮށްލުމާއެކު ހޭޒަލް ގޮވާލިއެވެ.

"މަންމީ ލައްބާ..." ހޭޒަލް ގޮވާލި ރާގުގައި އެ ބާރުމިނުގަ ޒޯހަންގެ ޖަވާބު އައެވެ. ދެން ފެނުނީ ދުވަމުން ހޭޒަލް ގާތަށް އައިތަނެވެ.

"މަންމީ" ނިކަން ހިނިއައިސްފައި ހުރެ ޒޯހަން އައިސް ހޭޒަލްގެ ފައިކޮޅުގައި ބައްދައިލިއެވެ.

"ބޭބީ ރެޑީވެ ނިމުނިއްޔޭ، ދޭ އަވަހަށް ބައްޕަ ކައިރިއަށް ބޫޓަށް އަރަން" ހޭޒަލް ބުނެލިއެވެ.

"ނޯ! ބޭބީ ދީ ބައްޕިއަށް... މަންމީ! ކޮއްކޮ އުރާލަބަލަ..." ހޭޒަލްގެ ފައިކޮޅުގައި ބައްދައިގަނެގެން ހުރެ ބޯކޮޅު މައްޗަށް ޖަހައިގެން ޒޯހަން ވާހަކަދެއްކިއެވެ.

"ދެން ދޫކޮށްލީމައެއްނު މަންމައަށް ހިނގޭނީ" ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ހޭޒަލް ބުންޏެވެ.

ދާރިއަން އައުމުން ވެސް ޒޯހަން ނުދިޔައެވެ. އެންމެފަހުން ހޭޒަލް ދަރިފުޅު އުރާލައިގެން ގެނެސް އެނދުގައި ބޭންދިއެވެ. ބޫޓުކޮޅަށް އަރުވަންދެން ވެސް އޭނާގެ ދެފައި ހިމޭނުން ނުހުއްޓުވެ.

"އިބިލީހަކީ ހަޑިކުއްޖެކޭ ބައްޕަ ބުންޏެއްނު... ފައިތެޅުވީމަ އިބިލީސް އިންނާނީ ކޮއްކޮ ފަޔަށް އަރާ، މަންމައަށް ކިހާ ރޮވޭނެ" ޒޯހަންގެ ދެފައި އެކުގައި ހިފަހައްޓާލުމާއެކު ހޭޒަލް ބުންޏެވެ.

"ކޮއްކޮ ފައި އެހެންވަނިއްޔޭ" މައުސޫމް ގޮތަކަށް ޒޯހަން ބުނެލިއެވެ.

"ދަރިފުޅު ތިހެން އުޅުނީމަ ބޭބީއަށް ވެސް ދަސްވާނެ ހަޑިކޮށް އުޅޭން، ހަޑިކޮށް އުޅޭ ކުދީންނަށް ވާނެ ގޮތް އެނގެއެއްނު" ހޭޒަލް ބުނެލިއެވެ. ޒޯހަން ހަޝަމަށް ދެއަތް އަރުވާލުމާއެކު ބޯޖަހާލީ އޭނާ ބަސްއަހައިފިކަން ދައްކާލަމުންނެވެ.

"ދަރިފުޅުމެން ބަލައިގެން އުޅެއްޗޭ" އެޕާޓްމެންޓުން ނުކުންނަން ދިޔަ ހޭޒަލްއާއި ދާރިއަންއަށް ރިޒްވާނު ބުނެލިއެވެ.

"ހައިޒިންގެ އެއްޗެހި އެބަގެންދަންތަ؟" ސާއިރާ އަހާލިއެވެ. މަންމައަށް ޖަވާބު ދިނީ ދާރިއަންއެވެ.

ރަސްފަންނަށް ދާން ހޭޒަލްއާއި ދާރިއަން ނިންމީ އެތަނަށް އަންނަން ޒޯހަން ކިޔާވަރުންނެވެ. ޢާންމުކޮށް އެތަނަށް ޒޯހަން ގޮވައިގެން އަންނަނީ ރިޒްވާނު ނޫނީ ދާރިއަންއެވެ. މިއަދު ހޭޒަލް އެ ދެބަފައިންނާ ބައިވެރިވީ ބޭރަށް ނުކުމެލަން ބޭނުންވެފައި ހުރީމައެވެ.

* * * * *

"ލިއަމް" ޒައިދަން ގޮވާލިއެވެ. ނަމަވެސް ލިއަމްގެ ސަމާލުކަން އޭނައަކަށް ނުލިބުނެވެ.

"ނަބީލް! އަދި އެބަހުރިތަ؟" ޒައިދަން އެނބުރިލީ ބޭބެކިއު ހަރު ކައިރީ ހުރި ޒުވާނާއާ ދިމާއަށެވެ.

"އެންމެފަހަށް ހުރި ބައި ފިހެ ނިމުނީނު" ނަބީލު ބުންޏެވެ.

"ވީރާ ކޮބާ؟" ޒައިދަން އަހާލިއެވެ.

"މި ދުންގަނޑުގައި ހުންނާކަށް ނުވާނޭ ކިޔާފަ ގޮވައިގެން މަންމަ ހިނގައްޖެ" ނަބީލު ބުންޏެވެ.

"މިކޮޅަށް ބަދަލުވުމުގެ ވިސްނުމެއްނެއްތަ؟" ޒައިދަން އަހާލިއެވެ.

"އަހަރެންނަށް އޯކޭ... އެކަމަކު ވީރާ" ނަބީލު ބުނަން އުޅެނީ ކީކޭކަން ޒައިދަން ދެނެގަތެވެ.

"އެހެންވީމަ، ބޭބީ ބަލަން އަހަރެމެން ދާން ޖެހޭނީ ސިންގަޕޫރަށް ދޯ" ޒައިދަން ހީނލިއެވެ.

"އަހަރެންގެ ފެމެލީ އޮތީ އެކޮޅުގައި، ވީރާ ވެސް ބޭނުމެއްނޫން މިކޮޅުގައި ދިރިއުޅޭކަށް، އެހެންވެ އަސްލު" ނަބީލު ބުންޏެވެ.

ވީރާއާ ނަބީލު ބައްދަލުވީ އޮންލައިންކޮށެވެ. ވީރާއަށްވުރެ ހަތަރު އަހަރު ދޮށީ ނަބީލަކީ ކުރިން މީހަކާ އިނދެ ދަރިއަކު ހުންނަ މީހެކެވެ. ނަމަވެސް އަނތްބެއް ނެތެވެ. ހަޔާތާ މެދު މާޔޫސްވެފައި ހުރި ވީރާގެ ގާތުން ކައިވެންޏަށް އެހީ ވެސް ނަބީލެވެ. އޭނާގެ ދިރިއުޅުމަށް ވަފާތެރި އަންހެނަކު ބޭނުންވެފައިވާއިރު ވީރާއާ މެދު ޝައުގުވެރިވެވުނީ އޭނާގެ މާބޮޑު ހަޤީޤަތެއް ނަބީލަށް އެނގިހުރެއެއްނޫނެވެ. އެހެންނަމަވެސް ވީރާގެ ހިތި މާޒީ ނަބީލަށް ސިއްރެއް ނުކުރިއެވެ. ތަޢުބާއަށްފަހު މާޒީގެ ކުށްތަކުން ނަފްސު ދޮވެވެއެވެ. ހުރިހާ ކަމެއް އެނގިހުރެ ނަބީލުގެ ހަޔާތަށް ވީރާ ގެނައީ އުފަލުން ރުހިގެންނެވެ. މިހާރު ވީރާ އިނީ ބަލިވެއެވެ. ނަބީލުގެ ދެވަނަ ދަރިފުޅަށް ވިޔަސް ވީރާގެ އަލަތު ދަރިފުޅެވެ. ހަމަޖެހޭ ދިރިއުޅުމެއް ލިބިދާނޭ އުންމީދު ނުކުރި ނަމަވެސް ކުށްފާފަތަކާ ދުރުވުމާއެކު ވީރާގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ. ނަބީލުގެ ބައްޕައަކީ ސިންގަޕޫރު ރައްޔިތެކެވެ. އެމީހުންގެ މުޅި ދިރިއުޅުން އޮތީ އެތަނުގައެވެ. ވީރާއާ ކައިވެނި ކުރުމަށްފަހު އެދެމަފިރިންގެ ދިރިއުޅުން ވެސް އޮތީ ސިންގަޕޫރުގައެވެ.

ދުރަށް ނަޒަރު ހުއްޓާލައިގެން ލިއަމް އިންނަތާ އެތައް އިރެއްވެއްޖެއެވެ. އޭނާގެ ގާތަށް ޒައިދަން އައީ އެކަން ފާހަގަކުރެވިގެންނެވެ. ރަސްފަންނުގައި ޢާއިލާ ބާބެކިއުއެއް ބޭއްވުނީ ނަބީލާއި ވީރާ މާލެ އައިސްގެން އުޅޭތީއެވެ. ނަމަވެސް ޢާއިލާގެ އެ އުފާވެރިކަމުގައި ލިއަމް ބައިވެރިވުމަށް އައިސް އިނެއްކަމަކު އެ މޫނުން އުފާވެރިކަމުގެ ޒައްރެއް ވެސް ފާޅެއްނުވެއެވެ.

"ކޯއްޗެއްތަ ތިބަލަނީ" މޫދާ ދިމާ ފާރުބުރި މަތީ ލިއަމްގެ ކައިރީ އިށީންނަމުން ޒައިދަން އަހާލިއެވެ. އެހިނދު ނިކަން އަވަހަށް ލިއަމް އިސްޖަހާލައިފިއެވެ. ޒައިދަންގެ ނަޒަރު ލިއަމް ބަލާ ދިމާއަށް ހިންގާލެވުނެވެ.

"ޒެ...އް.... ޒެއްލު ދޯ އެއީ" ހައިރާންކަމާއެކު ޒައިދަންއަށް ބުނެލެވުނެވެ. ލިއަމް އަނގައިން ނުބުންޏެވެ.

"ގޯ ޓޯކް ޓު ހާ" ޒައިދަން ބުނެލިއެވެ. ލިއަމް ދެފަރާތަށް ބޯހޫރާލީއެވެ.

"ލިއަމް ހިތާމަކުރާކަން އެނގޭ، ޒެއްލުދެކެ ލޯބިވާކަން ވެސް އެނގޭ... އެކަމަކު ދެން އެ ހަނދާންތަކާ ދުރުވާން މަސައްކަތްކުރޭ، ލިއަމްއަށް ކުރެވުނު ކަންތަކާމެދު ދެރަވެ ތަޢުބާވެއްޖެކަން ދޮންބެއަށް އެނގޭ، އަލުން ދިރިއުޅުމެއް ފެށީމަ ރަނގަޅުވާނެ، ރަނގަޅު ކުއްޖަކު އަލުން ދިރިއުޅުމަށް އައީމަ ހިތްހަމަޖެހުން ލިބިދާނެ" ލިއަމްގެ ކޮނޑުގައި ޒައިދަން ކަނާއަތުން ހިފަހައްޓާލިއެވެ.

"އެއްވެސް އަންހެނެއް ޒެއްލުއަކަށް ނުވާނެ..." ލިއަމް އާދައިގެ މަތިން ބުނެލިއެވެ. މަންމައާއި ބައްޕަ ވެސް ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލިއަމް އެހެން ބުނެއެވެ. އޭނާ ކައިވެންޏެއް ކުރަން ބޭނުންނުވާކަން ހާމަކުރަނީ އެފަދައިންނެވެ. ހޭޒަލް ގެއްލުމުގެ ސަބަބުން އެ ހިތަށް ލިބިފައިވާ ހުސްކަން ފޫބައްދައިދެވޭނެ އެއްވެސް އަންހެނަކު ހުންނާނެ ކަމަށް ލިއަމް ޤަބޫލެއްނުކުރެއެވެ. އެހެންނަމަވެސް އެ އެކަނިވެރިކަން އިޙްސާސްވާ ކޮންމެ ފަހަރަކު އޭނާގެ ވެރި ރަސްކަލާނގެ ކިބައިން މަދަދަށް އޭނާ އެދެއެވެ. ފުރިހަމަ ތަޢުބާއަކުން އޭނާ ތަޢުބެފައިވާއިރު ކުރެވިފައި ހުރި ފާފަތަށް ފުއްސަވާ ދެއްވުމަށް ދެންނެވުމުގައި އެތައް ވަގުތެއް ހޭދަކުރެއެވެ. ޠަބީޢަތަށް އައިސްފައިވާ ބަދަލަކީ ހެޔޮ ބަދަލެކެވެ. ހިމޭންކަމަށް އޭނާގެ ލޯބިޖެހިއްޖެއެވެ. އެހެންވިޔަސް އަހަރުތަކަކަށްފަހު ހޭޒަލް ފެނުމުން ވެސް އެ ހިތް ތެޅިލީ ލޯބިންނެވެ. ހޭޒަލް ބޭނުންކަން އެ ހިތް އަދިވެސް ބުނެއެވެ. ނަމަވެސް އޭނާގެ ނަފްސުވަނީ ހިފެހެއްޓިފައެވެ. ޖަޒުބާތިގައި ބެހިގެން ނުދާނެހާ ސާބިތުކަންމަތީއެވެ. ހަސަދައަށްވުރެ ބޮޑަށް އެ ހިތުގައި ހޭޒަލްގެ މައްޗަށް ހެޔޮ ދުޢާވެއެވެ.

"ދޮންބެ ޕްލީޒް" ޒައިދަން ތެދުވި ގޮތުން އޭނާގެ ބޭނުން އެނގި ދޮންބެ އަތުގައި ލިއަމް ހިފެހެއްޓުމާއެކު އަދޭސްކޮށްލިއެވެ.

"ޒެއްލުއާ އެންމެފަހު ފަހަރަށް ވެސް ވާހަކަދައްކާލާނޭ ފުރުޞަތެއް އަހަންނަށް ނުލިބޭ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޒެއްލުއަށް އަހަރެން އިތުބާރުކުރިން، އަހަރެންގެ ޢާއިލާއަށް ވިޔަސް އެދުވަހު ވީރާދެއްކި ވާހަކަ އަހަރެންނަށް ޤަބޫލުނުކުރެވުނީ އެހެންވެ، ޒެއްލުއާއި ލިއަމް ވަރިވިކަން އެނގުނު ދުވަހު ވެސް އަހަރެންނަށް އެނގުނީ ޒެއްލުގެ ނިންމުމުގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮންނާނޭކަން... ދެން ނޭނގެ އަހަރެމެން ބައްދަލުވާނެކަމެއް، އަހަންނަށް އެނގޭ ޒެއްލުއާ ކުރިމަތިލާން ލިއަމް ބޭނުންނުވިޔަސް އޭނާގެ ޚަބަރު އޮޅުންފިލުވަން އެދޭކަން، އެހެންވީމަ އަހަރެން ނުހުއްޓުވާ" ޒައިދަންގެ ވާހަކަ އިވި އޭނާގެ އަތުން ލިއަމް ދޫކޮށްލިއެވެ.

ޖޯލިފަތީގައި އިން ހޭޒަލް ތެދުވީ ޒައިދަން ފެނުމުންނެވެ. ލިބުނު ހައިރާންކަމާއެކު އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. ޒައިދަން ހިނިތުންވެލިއެވެ. ހޭޒަލްގެ ހަރަކާތްތައް އޭނާއަށް ދެނަގަންނަން އުނދަގުލެއްނުވިއެވެ.

"ޒެއްލު" ޒައިދަން ގޮވާލިއެވެ.

"ދޮން..." ހޭޒަލް ބުނަން އުޅުނު އެއްޗެއް ހުއްޓާލުމުން އަނެއްކާ ވެސް ޒައިދަން ހީނލައިފިއެވެ.

"ކިހިނެއްތަ؟ ދަރިފުޅުތަ؟" ޒައިދަންގެ ސުވާލާއެކު ހޭޒަލްގެ އަތުގައި އޮތް ހައިޒިންއަސް ލޮލުން އިޝާރާތްކޮށްލިއެވެ.

"ރަނގަޅު" ހޭޒަލް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ލިއަމް ވެސް އެބައުޅޭ" ޒައިދަން ބުނެލިއެވެ. ހޭޒަލްގެ ނަޒަރު ޒައިދަން އިޝާރާތްކުރި ދިމާ ހޯދާލިއެވެ. ދުރުންވިޔަސް ހޭޒަލްގެ ލޮލުގައި ލިއަމް އަޅައިގަތެވެ. ފާރުބުރީގައި އިށީނދެލައިގެން އިސްޖެހިފައި އިން ލިއަމްއަށް އިރުކޮޅަކު ހޭޒަލްއަށް ހުރެވުނެވެ.

"ޒެލް..." ދާރިއަންގެ އަޑުއިވުމާއެކު ހޭޒަލް އެނބުރިލިއެވެ. ޒޯހަން ގޮވައިގެން ދާރިއަން އައީ ހޭޒަލްގެ ގާތުގައި ފިރިހެނަކު ހުރިތަން ފެނިގެންނެވެ.

"މީތަ ފިރިމީހާ" ހިނިއައިސްފައި ހުރެ ޒައިދަން ވާހަކަދެއްކިއެވެ. ދާރިއަންއާއި ޒައިދަން އެކަކުއަނެކަކަށް ބަލާލިއެވެ.

"ލިއަމްގެ ބޭބެ... މީ ދާރިއަން" ދާރިއަންއަށް ބަލާލައި ހޭޒަލް ބުންޏެވެ. ހައިރާންކަން ވެރިވެފައި ހުރި ދާރިއަންގެ މޫނުން ހިނިތުންވުމެއް ފާޅުވިއެވެ. ހިތްހެޔޮކަމާއެކު ޒައިދަންއާ ސަލާމްކޮށްލިއެވެ. އެތަނުގައި ކީއްކުރަނީތޯ ދާރިއަން އަހާލިއެވެ. ޒައިދަންގެ ނަޒަރު ހުއްޓުނީ ހޭޒަލްގެ ހެދުމުގައި ހިފަހައްޓާލައިގެން ހުރި ޒޯހަންއަށެވެ.

"ފެމެލީ ބާބެކިއުއެއް ބާއްވައިގެން މިއުޅެނީ... ވީރާ! ވީރާ މެރީކޮށްފި" ޒައިދަން ބުނެލިއެވެ.

"ރަނގަޅުތަ އެންމެން" ހޭޒަލް އަހާލީ ޖުމްލަކޮށް ނަމަވެސް އޭނާ އެ އެދެނީ ކޮންކަމެއްކަން ޒައިދަން ދެނަގަތެވެ.

"ވީރާ ޕްރެގް، ފިރިމީހާއާއެކު ދިރިއުޅެނީ ރާއްޖޭންބޭރުގައި، އޭނާއަށް އެންމެ ރަނގަޅުވާނީ ވެސް އެގޮތްކަންނޭނގެ، ޒެއްލުއަށް ވެސް އެނގޭނެ އޭނާ ކުރިން ގުޅެން ބޭނުންވި މީހާ ކަންތައްކުރިގޮތް... މަންމަމެން ވެސް އޯކޭ މިހާރު... އެންމެން ރަނގަޅޭ ނުބުނެވޭނެ" ޒައިދަން ބުންޏެވެ.

"މީ ވެސްތަ؟" ހޭޒަލް ގާތު ޒައިދަންއަށް ބަލަން ހުރި ފިރިހެން ކުއްޖާއަށް ބަލާލިއެވެ.

"ހޫމް! މީ ޒޯހަން، ދެން މީ ހައިޒިން" ހޭޒަލް ތަންކޮޅެއް ބޮޑަށް ކުޑަދަރިފުޅު ޒައިދަންއަށް ދައްކާލިއެވެ.

"ޒެއްލުހާ ލޯބި... އުރާލަން ވަރަށް ބޭނުން، އެކަމަކު ދުންގަނޑުގަ އުޅެއުޅެ މިހުރީ ވަރަށް ހަޑިކޮށް" ހައިޒިންއަށް ބަލަން ހުރެ ޒައިދަން ބުނެލިއެވެ.

"އަންނަންވީނު އެއްޗެއް ކާލަން. މަންމައާ މީޓުކޮށްނުކޮށްލާނަންތަ؟... ދާރިއަން ވެސް" ޒައިދަން ބުނެލިއެވެ.

"ދޭ... ގޮސްލާފަ އާދޭ" ދާރިއަން އަނބިމީހާއަށް ހިނިތުންވެލިއެވެ. ހޭޒަލްއަށް ހިންދިރުވާލެވުނެވެ.

"ދާރިއަން..." ޔަގީންނުވެފައި ހުރި ކަހަލަ ގޮތަކަށް ހޭޒަލް އެއްޗެއް ބުނަން އުޅުނެވެ. އެވަގުތު ދާރިއަން އޭނާގެ ކޮނޑުގައި ފިރުމާލިއެވެ.

"ބައްދަލުވިފަހަރު ވާހަކަދައްކާލަންވާނެ، ގޮސްލާފަ އާދޭ، ޒޯހަން ގޮވައިގެން މިތާ ޖޯލީގަ މަޑުކޮށްލާނަން" ދާރިއަން ބުންޏެވެ.

"ހާސްނުވޭ، އަނބިމީހާ ގެނެސްދޭނަން" ޒައިދަން ހީނލިއެވެ. އެ ހުނުމުގައި ދާރިއަން ބައިވެރިވެލިއެވެ.

ހޭޒަލް ހިނގައިގަތުމާއެކު އޭނާއާއެކު ޒޯހަން ވެސް އަންނަން ބޭނުންވިއެވެ. ދާރިއަން އެކަން މަނައެއް ނުކުރެއެވެ. އަނބިމީހާ ގެއްލިދާނެކަމުގެ ބިރެއް ވެސް އޭނާގެ ހިތަކު މިހާރުނެތެވެ. އެއަށްވުރެ ބޮޑަށް އަނބިމީހާގެ މައްޗަށް އޮތް ލޯތްބާއި އިތުބާރު މާ ބޮޑެވެ. ލިއަމްގެ ޢާއިލާއިން ހޭޒަލްއާ މެދު ބަހައްޓާ ގާތްކަމަށް ހުރަސް އަޅާކަށް ދާރިއަން ނޭދެއެވެ.

"މަންމަ އެހުރީ ޒެއްލު ކައިރިއަށް އަންނަން ނުކެރިފަ" ހޭޒަލްއާއެކު ހިނގައިގަތް ޒައިދަން ބުންޏެވެ. ހޭޒަލްގެ ނަޒަރު ހުރީ އެ ޢާއިލާގެ މެންބަރުން ތިބި ދިމާއަށް ހުއްޓިފައެވެ. އެ އެންމެންނަށްވުރެ ބޮޑަށް ލިއަމްއަށް ހުއްޓިފައެވެ.

"ޒެއްލު ހެޕީތަ؟" ޒައިދަން އަހާލިއެވެ. ހޭޒަލް ހިނިތުންވެލިއެވެ.

"އަލްހަމްދުލިއްﷲ! ވަރަށް ބޮޑަށް..." ޒައިދަންއަށް ބަލާލަމުން ހޭޒަލް ބުންޏެވެ. އޭނާގެ އެ ބުނުމުން ޒައިދަންގެ ހިތަށް ރިހުން ލިބުނެވެ.

"ރަނގަޅު ހެޔޮލަފާ ފިރިއެއް ލިބުމަކީ ވެސް ދިރިއުޅުން ބާއްޖަވެރިވާކަމެއް" ޒައިދަން ހިނިތުންވެލިއެވެ. ހޭޒަލް ބޯޖަހާލިއެވެ.

"ލިއަމް ވަރަށް ބަދަލުވެއްޖެ، އޭނާގެ ގޮތެއްނޫން ރޮއެރޮއެފަ އުޅުމަކީ... އެކަމަކު އޭނާ ވަރަށް ރުއި، ވަރަށް ދުވަސްވަންދެން ރުއި، މިހާރު ހަމައަކަށް އެޅިފަ އެހުރީ، ޒެއްލުގެ ހުރިހާ އެއްޗެއް ބަހައްޓާފަ ދިޔައީމަ އެ ހުރިހާ އެއްޗެއް ލިއަމް ގެނައި، މަޑުމަޑުން މަންމައަށް އެ އެއްޗެހި ދީ ހުސްކޮށްފި، މަންމަ ހީވަނީ ބަޔަކަށް ދިނީހެން... އެކަމަކު ޒެއްލުގެ ވެޑިން ޑްރެސްއެއް ނުދޭ، އަދިވެސް އެ އެބަހުރި އަލަމާރީގަ... އެންމެން ވެސް މިހާރު ބޭނުންވަނީ ލިއަމް އާ ދިރިއުޅުމެއް ފަށަން، އެކަމަކު ދޮންބެއަށް ހިޔެއްނުވޭ ލިއަމް ދެން ދިރިއުޅުމެއް ފަށާފާނެހެން، ޒެއްލުއާ ވަކިވުމާއެކު އޭނާއަށް ވަގުތު ހުއްޓިފައިވާކަހަލަ، އެނގޭތަ! މިހާރު ބަރާބަރަށް މިސްކިތަށް ދޭ، އޮފީހުން ގެއަށް، ގެއިން އޮފީހަށް، އަބަދުހެން ގޭގަ އޮންނަނީ، އެ ބޯން ގެންގުޅޭ އެތި ވެސް އެއްލާލައިފި... ދެރައީ ވަގުތު ފާއިތުވީފަހުން ލިއަމްއަށް މުހިންމީ ކޮންކަމެއްކަން ވިސްނުނީމަ، އެހެންވިޔަސް ރަނގަޅަށް އުޅޭތީ ދޮންބެ ވަރަށް އުފާވޭ" ޒައިދަންގެ ވާހަކަތަކަށް ހޭޒަލް އެއްވެސް އެއްޗެއް ނުބުންޏެވެ.

"މަންމާ!... އާދެބަލަ!... އަޅެ ޤަބޫލުކުރެވޭތަ ޒެއްލު ދެކުދީންގެ މަންމައަކަށް ވެއްޖެއޭ ބުނީމަ" ބާބެކިއު އޮތް ދިމާގައި ޒައިދަން މަޑުކޮށްލުމާއެކު މުހުސިނާއަށް ގޮވާލިއެވެ. އަދި މުހުސިނާ އައުމުން ހޭޒަލްގެ ދެ ކުދީން ދައްކާލިއެވެ. އެއަޑު އިވޭ ހިސާބުގައި އިން ލިއަމްއަށް އިސްއުފުލާ ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ވީރާ ދުރުގައި ހުއްޓެއްކަމަކު ހޭޒަލް ބަލާލުމުން ހިނިތުންވެލިއެވެ. އެ ހިނިތުންވުމުން ފާޅުވި ހިތްހެޔޮކަން އެހިތުގެ ސާފުކަން ހޭޒަލްއަށް ބުނެދިނެވެ. އޭރު ހޭޒަލްއަކީ ކާކުކަން ނޭނގިފައި ހުރީ ނަބީލެވެ. ޝަމާޢިލް ވެސް ކުރަން ހުރި ކަންތައް ހުއްޓާލައި ހޭޒަލްގެ ގާތަށް އަތުވެއްޖެއެވެ. އެމީހުންނަކީ އަދިވެސް ހޭޒަލްއަށް ހެޔޮ އެދޭ ބައެއް ފަދައެވެ. ގާތްކަމާއި އޯގާތެރިކަން އެ މަންމައާއި ބައްޕަގެ ފުށުން ފެނެއެވެ.

"މީ ކޮންކުއްޖެއްތަ؟ މިވެސް މާމައެކޭ" މުހުސިނާ ލޯބިން ޒޯހަންއަށް ބަލާލިއެވެ. ލިއަމްއާއި ހޭޒަލް ކައިވެނިކޮށްގެން ތިބިނަމަ އެމީހުންގެ ވެސް އެވަރުގެ ދަރިއަކު ހުންނާނޭ މުހުސިނާގެ ހިތުގައިވިއެވެ.

ލިއަމްގެ ނަޒަރު ހޭޒަލްގެ އަތުގައިވީ ކުޑަދަރިފުޅާއި ގާތުގައި ހުރި ފިރިހެން ދަރިފުޅަށް ހުއްޓުނެވެ. ޒޯހަން ބަލާލުމުން ލިއަމް ހިނިތުންވެލިއެވެ. އެއީ ހޭޒަލް ވިހޭ ކުދީންބާއޭ ލިއަމްގެ ހިތަށް އެރިއެވެ. އެއާއެކު އޭނާގެ މޭމައްޗަށް ބަރު ހިލަގަނޑެއް ވެއްޓުނު ކަހަލައެވެ.

"އަހަރެން ދަރިއަކު ހޯދާކަށް އެއްފަހަރުވެސް ނުވިސްނަން، ދަރިއަކު އައުމުން އަހަރެމެންގެ ދެމެދަށް ދުރުކަން އަންނާނޭ ހީކުރެވުނީ، އެކަމަކު އެވާހަކަ ބުނާކަށް ނުކެރުނު، އަހަންނަށް އެނގޭ ޒެއްލު ކުއްޖަކު ބޭނުންވާވަރު، އެކަމަށް ކުރާ އުންމީދު، އެކަމަކު މިހާރު ހިތަށް އަރާ ދަރިއަކު ހުރިނަމައޭ... އޭރުން އެ ދަރިފުޅު އަހަންނަށް އިތުރު ފުރުޞަތެއް ދޭން ހޭޒަލް ގާތު ބުނީސް، އަހަންނަށް އަލުން ހޭޒަލްއާއެކު ދިރިއުޅެވުނީސް، އޭރުން އަދިވެސް ހޭޒަލްވީހީ އަހަރެންގެ އަނތްބަކަށް، އެކަމަކު އެ ހުރިހާ އުންމީދުތަކެއް ފުނޑުފުނޑުކޮށްލި މީހަކީ އަހަރެން، އައި ޓުކް ހާ ފޯ ގްރޭންޓެޑް، އަހަރެން ދޫކޮށްލާފަ ޒެއްލުއަށް ދާން ކެރިދާނެކަމަށް ހިޔެއްނުކުރަން، އަހަންނަށްވުރެ ބޮޑަށް އެހެންމީހަކުދެކެ ޒެއްލު ލޯބިވެދާނެއޭ ވެސް ހިޔެއްނުކުރަން... އައި އޭމް ސޮރީ... ރިއަލީ ސޮރީ ފޯ އެވްރިތިންގް، އަހަރެން ކެތްކުރާނަން ޒެއްލު، އަހަރެންނަށް ޒެއްލު ދެއްވާނޭ ދުވަހަކަށް އިންތިޒާރުކުރާނަން... އަހަންނަށް ދިން ލޯބީގެ ބަދަލު ދޭނަން، ތެދުވެރި ވަފާތެރިއަކަށްވާނަން... ޒެއްލުގެ ހަނދާންތައް މި ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ، ޒެއްލުގެ ކޮންމެ ބީހުމެއް، ތި އޯގާތެރިކަން، އަހަންނަށްކުރި އިތުބާރު... ދަރިއަކު ބޭނުންވެގެން އަހަރެންގެ ގާތުގައި އެތައްފަހަރު އެވާހަކަދެއްކި، ހެޔޮކަންތައް ކުރުމަށް ހަނދާންކޮށް އެކަމަށް ގޮވާލި، މިއަދު އަހަންނަށް އެނގޭ އަހަންނަށްވުރެ ފުރިހަމަ އިންސާނެއް ތި ހިޔާތަށް އަތުވެއްޖެކަން، އެހެންވިޔަސް އަހަރެން ކެތްތެރިކަމާއެކު އިންތިޒާރުކުރާނަން... މި ލިބޭ ހިތްދަތިކަމަށް ކެތްކުރާނަން، ދެން ދުވަހަކުވެސް ނުބައިކަމަކަށް އަރައެއްނުގަންނާނަން" ލިއަމްގެ ހިތް ބާރަށް ރޮމުން ދިޔައިރު އޭނާއާއި އޭނާގެ ވެރިފާތަށް މެނުވީ އެ އަޑެއް ނީވެއެވެ. ބަލަން އިން ގޮތުން ހީވަނީ ހޭޒަލްގެ ސޫރަ ފަހުފަހަރަށް އެ ހިތުގައި ޤައިދުކުރުމުގެ ގަސްދުގައި ބަލާހެންނެވެ.

"ﷲގެ މަގު ޚިޔާރުކުރި އަޑު އިވުމުން އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް، ވަރަށް އުފާވެއްޖެ، އެކަނިވެރިކަމަށްވުރެ ތިއެކަނިވެރިކަން ޚިއްޞާކުރާނޭ ބައިވެރިއަކު ހޯދާ، ލިއަމްގެ ދިރިއުޅުން އާބާދުވުމަށް އަހަރެން އެދެނީ، އަހަރެން މިއަދު މިހުރީ އުފަލުން، އެކަމަކު ތީ އަހަރެންގެ ހިތުގައި ލަކުނުލެއްވި ފުރަތަމަ ލޯބި، އެ ހިތުގައި ދެމިގެންދާނެ ހަނދާނެއް... އަހަރެން ލިއަމްދެކެ ވަރަށް ލޯބިވިން، އެކަމަކު އެ ހަނދާންތައް މާޒީއަށް ވެއްޖެ، މާޒީގެ ހިޔަނި މުސްތަޤުބަލަށް އެޅުމަށް ފުރުޞަތެއްނެތް، އަހަރެން އެ މާޒީ ދޫކޮށްލައިފިން، ހަނދާންނުނެތުނު ނަމަވެސް..." ލިއަމްއަށް ބަލާލަމުން ހޭޒަލް ހިނިތުންވެލިއެވެ. އެ ދެލޮލުގައިވި ރިހުން މިފަހަރު ހޭޒަލް ދުށްޓެވެ.

"ދަނީ..." އެހެންމެންބަރުން ގާތު ބުނެލުމާއެކު ހޭޒަލް އެނބުރިލިއެވެ. މިއަދު އޭނާ އެ ދަނީ ލިއަމް ފަސްދީފައެވެ. ދާއިމީ ލޯތްބަކީ ކޮބާކަން ބުނެދިން ފިރިމީހާގެ ގާތަށެވެ. މާޒީގެ ހަނދާންތަކާއެކުއެވެ. އެއީ ފުހެވުމެއްނުވާ ހަނދާންތަކެކެވެ. އެހެންނަމަވެސް އެ ހަނދާންތައް މާނައެއްނެތް އެއްޗަކަށް ހޭޒަލްއަށް ވެއްޖެއެވެ. ދެ ދަރީންނާއެކު އެކުދީންގެ ބައްޕައަކީ ހޭޒަލްގެ ހިތްހަމަޖެހުމެވެ. ﷲގެ ރަހުމަތުގެތެރެއިން އާބާދުކުރުމަށް އެދޭ އޭނާގެ ކުޑަކުޑަ ދުނިޔެއެވެ. ރިހުމެއްނެތް ލުއި ހިނިތުންވުމެއް ހޭޒަލްގެ ތުންފަތުގައި ވިއެވެ. ދަތިހާލުގައި ވިޔަސް ﷲގެ މަގުގައި ސާބިތުވެއްޖެނަމަ ކާމިޔާބުނޫން އެއްޗެއް ލިބުމެއްނުވެއެވެ. ބީވެގެން ދިޔަ ކަންތައްތަކުގެ ބަދަލު ﷲ އޭނާއަށް ދެއްވައިފިއެވެ. ދުވަހަކުވެސް އެ ހަނދާންތަކާ ވަކިވެދާނެތޯ ހޭޒަލްގެ ހިތާ ކުރި ސުވާލަށް ޖަވާބު ލިބުނީ އެފަދައިންނެވެ. ﷲއަކީ ހުރިހާކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ރިހުމާ ކެކުޅުން އުފާވެރިކަމާއި ހިތްހަމަޖެހުމަށް ބައްދަލުކޮށްލުމަކީ އެކަލާނގެއަށް ބޮޑުކަމެއްނޫނެވެ.

ނިމުނީ