އެޗްޕީއޭ

އައްޑޫ މޭޔަރުގެ ވާހަކަ އެޗްޕީއޭއިން ދޮގުކޮށްފި

މާލެ،ހުޅުމާލެ އަދި ވިލިމާލެގައި ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ހިންގަމުންދާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އަންގާފައެއް ނުވާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އާންމު ހިދުމަތްދޭ ތަންތަނުން މިއަދުން ފެށިގެން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށް ބުނެފައެވެ. އެގޮތުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އެހެން ތަންތަން ރޭގަނޑު 6:00 ފަހުން ހުޅުވާފައި ނުބެހެއްޓޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވަނީ ވިޔަފާރިކުރާ ތަންތަން އިރުއޮއްސި 6:00 ގައި ބަންދު ކުރުމަށް ނިންމީ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސަސް މައިމޫނާ އަބޫބަކުރުއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވިދާޅުވެފައެވެ.

މޭޔަރު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ އެ ނިންމުމަކީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ.

މިރޭ އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ ގްރޭޓާ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި އެ އިދާރާއިން އަންގާފައެއް ނުވާނެ ކަމަށެވެ.

އަދި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން ކައުންސިލަކަށް އަންގާ، އިރުޝާދު ދީފަވެސް ނުވާނެ ކަމަށެވެ.

"އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސިއްހަތާއިބެހޭ ޓާސްކްފޯސްތަކުން، އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން." އެ އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.