ޑރ. މުހައްމަދު މުއިއްޒު

މާލޭގެ މަސައްކަތު މީހާ ކިޔަސް ވަރިހަމަ: މުއިއްޒު

ވަކި ނަމެއް ބޭނުންފުޅު ނުވާ ކަމަށާ މޭޔަރުގެ ބަދަލުގައި މާލޭގެ މަސައްކަތު މީހާގެ ގޮތުގައި ނިސްބަތް ކުރި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަަމަށް އިދިކޮޅުން ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މިރޭ "ޗެނަލް13" އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން މޭޔަރު އަދި ޑެޕިއުޓީ މޭޔަރުގެ ނަން ބޭނުން ނުކުރެވޭނެ ކަމަށް ބައެއް މެންބަރުން ދަނީ ވިދާޅުވަމުންނެވެ. އަދި އެމްޑީޕީން މިފަދަ އިސްލާހެއް ހުށައަޅާފައިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސިޓީތަކުން އެމްޑީޕީއަށް ނާކާމިޔާބު ވެދާނެ ކަމުގެ ބިރަށް ކަމަށް ވެސް އެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މޭޔަރުގެ ނަން ކިޔުން ހުއްޓުވަން އެމްޑީޕީން މަސައްކަތް ފެށީ ކޮން ބޭނުމެއްގައިކަން ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ވަކި ނަމެއް ބޭނުން ވެގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާ މަގާމުގެ ނަމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މުހިންމީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކަމަށާ އެމަނިކުފާނު ހުންނެވީ އެ މަސައްކަތްތައް ކޮށްދެއްވައި މާލޭގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ތައްްޔާރަށް ކަމަށެވެ.

"އަޅުގަނޑު ދަންނާލަން ބޭނުންވަނީ މާލޭގެ މޭޔަރު ކިޔަން ބޭނުން ނޫންނަމަ މާލޭގެ މަސައްކަތު މީހާ ކިޔަސް އެެންމެ ރަނގަޅޭ. އަޅުގަނޑު މިހުރީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވަރުގަދަ އަޒުމެއްގައޭ ނިކުމެ، އަޅުގަނޑަށް މި މަގާމު، މި ފުރުސަތު ރައްޔިތުން އިތުބާރު ކުރައްވާފަ ދެއްވައިފިނަމަ ރައްޔިތުން އަޅުގަނޑަށް ކުރާ އިތުބާރު ފުރިހަމައަށް އަދާ ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނުކުމެ ހުންނެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫން ކަަމަށެވެ. އަދި މާލޭ ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ފެނި ވަޑައިގެންފައިވާ ކަމަށާ މިދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކުގެ އަލީގައި ރައްޔިތުންނަށް އިތުރަށް ހިދުމަތް ކޮށްދެއްވާ އެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.