ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޔޫއޭއީގައި ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން ސާފެއް ނުވޭ: އަމީން

ޔޫއޭއީގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާތީ އެ މީހާއާ ބެހޭ މައުލޫމާތު ހޯދުމަށް ރަސްމީކޮށް އެދިފައިވީ ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާތީ އެ މައުލޫމާތު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް މައުލޫމާތެއް ޔޫއޭއީގެ ރަސްމީ އެއްވެސް އިދާރާއަކުން ލިބިފައިނުވާ ކަމަށް އަމީން ވިދާޅުވިއެވެ.

"ޔޫއޭއީގައި ދިވެއްސަކު ޕްޒިޓިވްވެއްޖެ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން އަޅުގަނޑަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަދިވެސް އަޅުގަނޑުމެންނަށް ވެރިފައިކޮށް ނުދެވޭ އެކޮޅުގެ ކަމާބެހޭ ފަރާތްތަކުން އެއީ ކާކުކަން ނުވަތަ ދިވެއްސަކަށް ޖެހުނުކަން އަދި ރަސްމީ އިދާރާއަކުން ވެރިފައި ކޮށްދީފައެއް ނުވޭ މިހާހިސާބަށް އައިއިރު. އެކޮޅުން އިއުލާނުކުރި އިއުލާނު ކުރުމެއް ނުވަތަ ނޫސްތަކުގައި ހުރި ވާހަކަތަކެއްގެ އިތުރަށް އެއްވެސް މައުލޫމާތެއް އެނގިފައެއް ނެތް." އަމީން ވިދާޅުވިއެވެ.

ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓްކޮށްފައިވަނީ ހަލީޖް ޓައިމްސް އަދި ގަލްފް ނިއުސްގަ އެވެ.

އެ ނޫސްތަކުގައި ބުނެފައިވަނީ ޔޫއޭއޭއިން މިމަހުގެ 25 ވަނަ ދުވަހު 50 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލަންކާ، ޔޫކޭ، ސައުދީ އަރަބިއްޔާ، ޔަމަން، ޓިއުނީޝިއާ، ސައުތު އެފްރިކާ، ބެލްޖިއަމް، ސައުތު އެފްރިކާ، ބަލްގޭރިއާ، ފުރާސް، ޗެކްރިޕަބްލިކް، އޮސްޓްރޭލިއާ، ލުބުނާން، ކެންޔާ، ދިވެހިރާއްޖެ، ސޫދާން، އިރާން، އަޔަލެންޑް، މޮރޮކޯ، ޕާކިސްތާން އަދި ސްވިޑިން މީހަކެއް ކަމަށެވެ.

މީގެ އިތުރުން އިޓަލީ، އިޖިޕްޓް، ޔޫއޭއީ، ސްޕެއިން، ނެދާލެންޑް، ޖޯޑަން އަދި ފިލިޕީސްގެ ދެ މީހެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ޔޫއެސް، ބަންގްލަދޭޝް، ފަލަސްތީނުގެ ތިން މީހަކާ، އިންޑިއާގެ ހަ މީހެއްވެސް ހިމެނޭ ކަމަށެވެ.