ބޮލީވުޑް

ކުރީގެ މަޝްހޫރު ބަތަލާ ނިއްމީ މަރުވެއްޖެ

"ޖިޔަ ބޭގަރާރް ހޭ" ލަވައިގެ ބަތަލާ އަދި ކުރީ ޒަމާނުގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ ނިއްމީ އުމުރުން 88 އަހަރުގައި މަރުވެއްޖެ އެވެ.

ނިއްމީ މަރުވުމުގެ ހިތާމަ ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓް އާއި އެކްޓަރު ރިޝީ ކަޕޫރު ވަނީ ސޯޝަލް މީޑިއާގައި ފާޅުކޮށްފަ އެވެ. އަދި ޓްރޭޑް އެނަލިސްޓް ކޯމަލް ނަހާތާ ވެސް ވަނީ ނިއްމީ މަރުވިކަން ޔަގީންކޮށްދީފަ އެވެ.

ނިއްމީގެ އަސްލު ނަމަކީ ނަވާބް ބާނޫ އެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ ރާޖް ކަޕޫރު 1949 ގައި އުފެއްދި "ބަރުސާތު" އިންނެވެ. ނަރްގިސް ވެސް ބައިވެރިވި މި ފިލްމަކީ ރާޖް ކަޕޫރުގެ ފުރަތަމަ ކާމިޔާބެވެ. ނިއްމީ މި ނަމަކީ ވެސް ރާޖް ކަޕޫރު ދީފައިވާ ނަމެކެވެ.

ނިއްމީ ވަނީ 1950 އާއި 1960 ގެ އަހަރުތަކުގައި އެ ދުވަސްވަރުގެ އެންމެ މަޝްހޫރު އެކްޓަރުންނާއެކު ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅެފަ އެވެ. ނިއްމީ އެންމެ ހަނދާން ނުނެތޭނެ ފިލްމުތަކުގެ ތެރޭގައި 1954 ގައި ނުކުތް މެހެބޫބް ޚާންގެ "އަމަރް" އާއި 1956 ގައި ރިލީޒްކުރި "ބަސަންތު ބާހަރް" ހިމެނެ އެވެ.

ނިންމީގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ 1963ގައި އާސިފް ފެށި ޕްރޮޖެކްޓެއް ކަމަށްވާ "ލަވް އެންޑް ގޯޑް" އެވެ. ނަމަވެސް އާސިފް މަރުވުމަށްފަހު ފިލްމު ނުނިމި ގިނަ ދުވަސްތަކަކު އޮތުމަށްފަހު އަލުން ބަޔަކު ފިލްމު ނިންމައި ރިލީޒްކުރީ 1986 ގައެވެ. އެ ފިލްމުގައި ނިންމީ އާއެކު ހަރަކާތްތެރިވީ ސަންޖީވް ކުމާރެވެ.

ނިންމީ އަކީ ޕާކިސްތާންގެ މުސްލިމް އާއިލާއަކަށް ނިސްބަތްވީ މީހެކެވެ. އިންޑިއާ ޕާކިސްތާނު 1947 ގައި ވަކި ދެ ގައުމުގެ ގޮތުގައި ހަމަޖެހުމުން ނިންމީ ވީ އިންޑިޔާ ރައްޔިތަކަށެވެ. ނިންމީ ކައިވެނިކުރީ ސްކްރިޕްޓްރައިޓާ އެއްކަމަށްވާ އަލީ ރަޒާ އާއެވެ. އޭނާ ވަނީ 2007 ގައި މަރުވެފަ އެވެ.

ނިއްމީ މަރުވީ ނޭވާލުމުގެ މައްސަލަތަކަކާ ހެދި އިރުއިރުކޮޅުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާތާ އެތައް ދުވަހެއް ފަހުންނެވެ.