ބޮލީވުޑް

ކަރަން ޖޯހަރްގެ "ތަހްތު" އުފެއްދިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

ކަރަން ޖޯހަރްގެ ޑްރީމް ޕްރޮޖެކްޓް "ތަހްތު" ފެށުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށް ގެންދަނިކޮށް އެ ފިލްމު ފެށުމަށް ފައިސާގެ ދަތިތަކެއް ކުރިމަތިވެއްޖެ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން ފިލްމުގެ މަސައްކަތްތައް ކުރަން ދަތިވެފައި ވަނިކޮށް އަނެއްކާވެސް އިތުރު ހުރަސްތަކެއް ފިލްމަށް ވަނީ ކުރިމަތިވެފަ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކަށް ވާތީ ފިލްމު ޕްރޮޑިއުސްކުރަން ހަމަޖެހިފައިވަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އާއި ފޮކްސް ސްޓާ އިންޑިއާގެ ޕާޓްނަޝިޕެއްގެ ދަށުންނެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފޮކްސް ސްޓާ އިން ވަނީ ފިލްމު ޕްރޮޑިއުސްނުކުރަން ނިންމާފަ އެވެ.

އެގޮތަށް ފޮކްސް ސްޓާ އިން ނިންމީ އެ ކުންފުނިން މި އަހަރު ޕްރޮޑިއުސްކުރި ދެ ފިލްމު ކަމަށްވާ "ޗަޕާކް" އާއި "ޕަންގާ" ފްލޮޕްވެ ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ އެވެ. އެހެންވެ އެމީހުން ޕްރޮޑީއުސްކޮށްދޭން އެއްބަސްވެފައިވާ ފިލްމުތައް އަލުން ޗެކްކޮށް ބައެއް ފިލްމުތައް ދޫކޮށްލަން އެ ކުންފުނިން ނިންމީ އެވެ.

ދާދިފަހުން ފޮކްސް ސްޓާގެ ސީއީއޯ ވިޖޭ ސިންގް އިސްތިއުފަ ދިނުމުން އެ ކުންފުންޏަށް އާ ސީއީއޯއެއް އައިސް ކަރަން އާއި އެ ކުންފުނި ގުޅިގެން އުފައްދާ ފިލްމުތަކާ މެދު އަލުން ވިސްނަމުންދާ ކަމަށް ވެއެވެ.

ތަހްތު ކޯ ޕްރޮޑިއުސްކުރުމަށް ފޮކްސް-ސްޓާ އަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ އިންވެސްޓްކުރަން ޖެހޭތީ މި ވަގުތު އެހާ ބޮޑު ޚަރަދެއް ކުރަން އެ ކުންފުނިން ބޭނުން ނުވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަރަން ވެސް އަދި ފޮކްސް ސްޓާ އިން ވެސް ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ތަހްތު ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ 2021 ގެ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ.

ކުރީ ޒަމާނުގެ ވާހަކައަކަށް އުފައްދާ މި ފިލްމުގައި ރަންވީރު ސިންގް، ކަރީނާ ކަޕޫރު، އާލިއާ ބަޓް، ވިކީ ކޯޝަލް، އަނިލް ކަޕޫރު، ބޫމީ ޕެޑްނޭކަރް އަދި ޖާންވީ ކަޕޫރު ބައިވެރިވެ އެވެ. މުޣުލް ރަސްކަލުންގެ ޒަމާނުގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މިހާރު ހަބަރުތައް ލިބޭ ގޮތުން ފިލްމު ފެށިދާނެކަމާ މެދު ސުވާލު އުފެދެ އެވެ.