ބޮލީވުޑް

ރަންވީރު އަށް "ބައިޖޫ ބަންވްރާ"އަށް ތާރީހު ދޭން ދަތިވެއްޖެ

ސަންޖޭ ލީލާ ބާންސާލީ އަލަށް އުފައްދަން އުޅޭ "ބައިޖޫ ބަންވުރާ"ގެ ބަތަލަކަށް ހަމަޖައްސަން އޭނާ ބޭނުންވަނީ ރަންވީރު ސިންގް ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ތަންކޮޅެއް ކުރިން ރިޕޯޓްކޮށްފަ އެވެ.

އާލިއާ ބަޓް ލީޑް ރޯލަށް ލައިގެން މިހާރު ޝޫޓްކުރަމުންދާ "ގަންގުބާއީ ކަތިއާވަޅީ" ނިމުމުން ބާންސާލީ ފަށަން ހަމަޖައްސާފައިވާ މި ފިލްމު ރަންވީރު ކުޅެން ބޭނުންވި ނަމަވެސް އޭނާއަށް ފިލްމަށް ތާރީހުތައް ދޭން އުނދަގޫވެގެން އުޅޭކަމުގެ ހަބަރުތަކެއް މިހާރު ދަނީ ފެތުރެމުންނެވެ.

ވަރަށް ކުރީގައި ބާރަތު ބޫޝަން އާއި މީނާ ކުމާރީ ކުޅުނު ބައިޖޫ ބާންވްރާގެ ރިމޭކްގައި ބާރަތުގެ ރޯލަށް ރަންވީރު ހަމަޖައްސަން ބާންސާލީ ބޭނުންވާއިރު މީނާ ކުމާރީގެ ރޯލު ދޭން ގަސްތުކޮށްފައިވަނީ އާލިއާ އަށެވެ. ނަމަވެސް ރަންވީރު ވަރަށް މަސައްކަތް ކޮށްގެން ވެސް ބާންސާލީ ބޭނުންވާ ދުވަސްތައް ދެވޭގޮތް ނުވާ ކަމަށް ވެއެވެ. އެއީ ކަރަން ޖޯހަރްގެ "ތަޚުތު" އަށް ވަރަށް ގިނަ ދުވަސްތަކެއް ހުސްކުރަން ޖެހޭތީ އެވެ.

ނަމަވެސް މިހާރު ކޮރޯނާވައިރަހުގެ ސަބަބުން ފިލްމު އިންޑަސްޓްރީ މުޅީން ހުއްޓިފައި އަލުން ފެށޭއިރު ހުރިހާ އެކްޓަރުންނަށް ވެސް ވަރަށް ގިނަ ގުނަ މައްސަލަތަކާ ދިމާވާނެ އެވެ. މިފަދަ ވަގުތެއްގައި ރަންވީރު އަށް ވެސް އަލުން ތާރީހުތައް ހަމަޖައްސާއިރު ބާންސާލީ އަށް ތާރީހުތައް ދެވުމަކީ ވެސް ވެދާނެ ކަމެކެވެ.

ރަންވީރުގެ ދެ ފިލްމެއް މި އަހަރު ތެރޭ ރިލީޒްކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެއީ "83" އާއި "ޖަޔޭޝްބާއީ ޖޯރްދާރް" އެވެ.