އޮފްބީޓް

ކޮވިޑް-19 ޖެހިފައިވާ މީހަކު ހުރިކަމުގެ ބިރު ހީވެ ޕައިލެޓް ފޭބީ ކޮކްޕިޓުން

އިންޑިއާގެ ޕޫނޭއިން ދިއްލީ އަށް ދަތުރުކުރި އެއާއޭޝިއާ ފްލައިޓެއްގެ ޕައިލެޓުން އެ ބޯޓުގައި އާއްމުކޮށް މީހުން ފައިބަން ހުންނަ ދޮރުން ނޫން އެހެން ދޮރަކުން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައި ވެއެވެ.

ޕައިލެޓުން އެހެން ދޮރަކުން ފޭބީ ބޯޓުގައި ތިބި ބައެއް ފަސިންޖަރުން ކޮވިޑް-19 އަށް ޕޮޒިޓިވް ކަމުގެ ބިރު ހީވެގެންނެވެ.
އަދި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ފްލައިޓްގެ ކުރޫން ވަނީ 14 ދުވަހަށް އެކަހެރިކޮށް ތިބެން ނިންމާފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ދިއްލީގެ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓްގައި މިމަހުގެ 20 ވަނަ ދުވަހު އެވެ.

މި ވީޑިއޯއިން ފެންނަނީ އެއް ޕައިލެޓަކު ބޯޓުން ފައިބަން ހުރި ހަރުފަތްތަކުގެ އެންމެ މަތީގައި ހުރިއިރު އަނެއް ޕައިލެޓް ކުޑަދޮރަކުން ފޮށި ދިއްކުރާ ތަނެވެ. އަދި ޕައިލެޓް އެ ކުޑަދޮރުން ދެމިގަނެގެން ބޭރަށް ނުކުންނަތަން ފެނެ އެވެ.

އެއާއޭޝިއާ އިންޑިއާ އިން ވާހަކަ ދެއްކި މީހަކު އިންޑީއާގެ ނޫހަކަށް ބުނެފައިވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ ފަސިންޖަރުންތަކެއް ތިބުމުގެ ސަބަބުން އެގޮތަށް ކަންތައް ކުރީ އެވެ. ނަމަވެސް ފަހުން މި ފަސިންޖަރުން ޓެސްޓްކުރިއިރު އެންމެންގެ ރިޕޯޓް ވެސް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެގޮތަށް ކަންތައް ކުރީ އެންމެންގެ ރައްކާތެރިކަމުގެ ގޮތުން ކަމަށާއި އެއާކްރާފްޓް ޕާކް ކުރީ ވެސް މާ ދުރު ހިސާބެއްގައި ކަމަށާއި ފަސިންޖަރުން ނެރުނީ ބޯޓުގައި އާއްމުކޮށް މީހުން ނެރެން ހަމަޖައްސާފައި ދޮރުން ކަމަށާއި ކުރޫން ނުކުތީ ކުޑަދޮރުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިހަރު އިންޑިޔާއިން ވަނީ ހުރިހާ ޑޮމެސްޓިކް ފްލައިޓްތަކެއް ވެސް އުދުހުން 21 ދުވަހަށް މެދުކަނޑާލާފަ އެވެ.