ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަމާދުގެ ޖަމާއަތް ނުހަދާ މުއްދަތު އިތުރުކުރަނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާ އޮތް މުއްދަތު އިތުރު ކުރުމަށް ނިންމައިފި އެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ. އެ މުއްދަތު މާދަމާ އަސަރު ނަމާދު ވަގުތަށް ހަމަވާނެ އެވެ.

ނަމަވެސް މިއަދު ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާ އޮތް މުއްދަތު އިތުރު ކުރުމަށް މިހާރު ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެ ނިންމުން ވަރަށް އަވަހަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރާނެ އެވެ. އެ މިނިސްޓްރީން ވަނީ އެކަމާއި ގުޅިގެން އިލްމުވެރިންނާ އެކު މަޝްވަރާ ވެސް ކުރައްވާފަ އެވެ.

ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވީނަމަވެސް އަދިވެސް ގިނަ ބަޔަކު ދަނީ މިސްކިތްތަކުގައި ނަމާދު ކުރަމުންނެވެ. ޖަމާޢަތުގައި ނަމާދު ނުކުރިނަމަވެސް ގިނަ ބަޔަކު އެގޮތަށް މިސްކިތަށް ޖަމާވެ ނަމާދު ނުކުުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގެ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައްވެސް ނަގާފައެވެ. އަދި ގިނަ ބަޔަކު އެއްވެ މިސްކިތްތަކުގައި ނަމާދު ނުކުރުމަށް އިރުޝާދުދޭ އޯޑިއޯއެއްވެސް ކޮންމެ ނަމާދަކަށް ބަންގި ދިނުމަށްފަހު ދަނީ އިއްވަމުންނެވެ. މި މުއްދަތުގައި މިސްކިތްތަކުން ބަންގި ގޮވަމުންދަނީ ގޭގައި ނަމާދު ކުރުމަށް ގޮވާލަމުންނެވެ.

ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި ގުޅިގެން މިއަދާ، މިދިޔަ ހަފްތާގެ ހުކުރު ނަމާދުގެ ޖަމާއަތްވެސް ބާއްވާފައެއް ނުވެއެވެ.