ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

300 އަށްވުރެ ގިނަ އިޓަލީ މީހުން ފޮނުވާލައިފި

ރާއްޖޭގައި ތިބި އިޓަލީގެ 358 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮވިޑް-19 އިގެ ސަރުކާރުގެ ތަރުޖަމާން މަބުރޫކު އަޒީޒް ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު، މިވަގުތު ރާއްޖޭގައި ތިބި އިޓަލީގެ މީހުން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތުގައި އެ ގައުމުގެ ބޯޓެއް މިއަދު ވަނީ ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެ ބޯޓުގައި މިއަދު އިޓަލީއަށް ފުރީ 358 ރައްޔިތެކެވެ. އޭގެ ތެރޭގައި އައިލެންޑް ސަފާރީގެ ގެސްޓުންނާއި، އިޓަލީއަށް ނިސްބަތްވާ ކްރޫއިން ހިމެނޭ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

"އިޓަލީގެ ރައްޔިތުން އަނބުރާ ގެންދިއުމަށްޓަކައި ބޯޓުތަކެއް އިޓަލީން ރާއްޖެއަށް އެބަ އާދޭ. އެގޮތަށް މިއަދު އައި ބޯޓެއްގައި މިއަދު ވަނީ ބަޔަކު ފޮނުވާލެވިފައި،"

އަދި، ކަރަންޓީނު ވުމަށްފަހު ފުރި އިޓަލީގެ ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް މިއަދު ސަރުކާރުން ވަނީ ބުނެފަ އެވެ. އެ މީހުންގެ ޓެސްޓުގެ ނަތީޖާ ލިބުނީ ކަރަންޓީނު މުއްދަތު ހަމަ ކުރުމަށްފަހު، ފުރި ފަހުން ބޯޓު ވައިގެ ތެރޭގައި ވަނިކޮށް ކަމަށް މަބުރޫކް ވިދާޅުވި އެވެ. މި ދެ ފަރާތަކީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ ދެ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 14 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެ މީހާއަށް އެ ބަލި ޖެހިފައިވާކަން ޔަގީން ކުރެވިފައިވަނީ މިއަދު އެވެ. ދެން ޕޮޒިޓިވްވީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.

އެ މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.