އއ. ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި މީހާގެ ހާލު ސްޓޭބަލް ކަމަށް ސަރުކާރުން ބުނެފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަަނަ ފަންގިފިލާގައި ފަރުވާދެމުން ދަނީ ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 70 އަހަރުގެ އިޓަލީ ޓޫރިސްޓެކެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް އޭނާ ބަދަލު ކޮށްފައި ވަނީ އިތުރު ފަރުވާދޭން ވެގެންނެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. މޫސަ ވިދާޅުވީ އެ މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފެށި ފުރަތަމަ ދެ ދުވަހު ހާލަތު ދިޔައީ ގޯސްވަމުން ކަަމަށެވެ. އަދި އޮކްސިޖަން ދޭން ޖެހޭ މިންވަރު އިތުރުވެ ހުން ނުފިލާ ހުރި އިރު މިހާރު އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"ފުރަތަމަ ދެ ދުވަހެއްގައި ހާލަތު ގޯސްވަމުން ދިޔަ. އޮކްސިޖަން ދޭންޖެހޭ މިންވަރު އިތުރުވެ ހުން ނުފިލާ ހުރި. އެކަމަކު މިހާރު ހުމެއް ނާދެ. އިތުރަށް އޮކްސިޖަން ދޭކަށް ނުޖެހޭ. މިވަގުތު ބަލިމީހާގެ ހާލަތު ސްޓޭބަލް،" ޑރ. މޫސަ ވިދާޅުވި އެވެ.
އެ ރޯގާ ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސްވާ މީހުންނަސް ސަރުކާރުން ހަމަޖައްސާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށެވެ. އެ ތަނުގައި އެއް ފަހަރާ 10 މީހުންނަށް ފަރުވާ ދެވޭ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސަ ވިދާޅުވެފައިވެ އެވެ.
އއ. ބަތަލާ ރިސޯޓުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ހާލު ދަށްވެފައިވާއިރު މިހާރު 13 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހާލު ބޮޑުވެގެން މިހާތަނަށް ދަރުމަވަންތަ ހޮސްޕިޓަލަށް ހަތަރު މީހުން ގެނެސްފައިވެ އެވެ.