ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދިވެއްސަކު ޕޮޒިޓިވް ވުމުން ފިޔަވަޅުތައް ވަރުގަދަ ކުރަނީ

ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާތީ މިހާރު އަމަލު ކުރަމުންދާ ޕޮލިސީ ރިވިއު ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ޕޮޒިޓިވްވުމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާ އެކަމާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ ކޮވިޑް-19 ގެ ޓާސްކްފޯހުް ކުރަމުން ގެންދާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި އެ ފިޔަވަޅުތައް މާދަމާ ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި އައި ޑިވެލޮޕްމަންޓާއެކީގައި ޓެގްޓީމުން އަދި އެޗްޕީއޭއިން އެދަނީ ޕޮލިސީ ރިވިޝަނެއް ގެންނަން ޖެހެންޏާ އެކަމުގެ މަސައްކަތް. މާދަމާވާއިރު ސާފުވާނެ ގެންނަންޖެހޭ ބަދަލުތައް." މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިވެއްސަކު ޕޮޒިޓިވް ވެފައިވާކަން ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 38 އަހަރުގެ ދިވެއްސެއް ކަމަށާ އެމީހަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށެވެ.

އިނގިރޭސި ވިލާތުން އައި ދިވެހި މީހާ ކަރަންޓީން ކޮށްފައިވަނީ މިމަހުގެ 22 ގައި ކަމަށާ ނަމަވެސް އޭރު އޭނާގެ ކިބައިން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އެ މީހާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ބައްޔަށް ޕޮޒިޓިވްވެފައިވާކަން ޔަގީން ކުރެވުނީ މިއަދު އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެއްސަކު ޕްޒިޓިވްވީ ނަމަވެސް އަދި ރާއްޖޭގައި އެ ވައިރަސް ފެތުރުމުގެ ފުުރުސަތު ބޮޑުވެގެން ނުދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަދި ކޮމިއުނިޓީ ހިއުމަންޓް ހިއުމަން ނޫނީ ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް އަދި ނުއެއްދޭ. ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް ދިއުމަކީ ރާއްޖެއިން ބޭރުން ރާއްޖެ އައި ކޭސްއަކާ ގުޅުމެއްނެތް ގޮތަށް ރާއްޖެއިން ބަލި ފެނުން. އެ ހާލަތަށް ދިޔައީމަ އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ތަފާތުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.