ސަލްމާން ހާން

އެންމެ ގިނަ މީހުން ސިނަމާއިން ބެލީ "ހަމް އާޕްކެ ހޭ ކޯން"

ސަލްމާން ޚާނަކީ ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ އެއް އެކްޓަރެވެ. އޭނާގެ ބައެއް ފިލްމުތަކަކީ ބެލުންތެރިން ދުވަހަކު ވެސް ބަލާ ފޫހި ނުވާ ފިލްމު ތަކެކެވެ. ސަލްމާންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ވެސް އެންމެ ކުރީގައި އޮތީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ "ހަމް އާޕް ކެ ހޭ ކޯން" އެވެ. އެންމެ ގިނަ ބަޔަކު ސިނަމާއަށް ގޮސް ފިލްމުގެ ރެކޯޑް އަދިވެސް އޮތީ މި ފިލްމަށެވެ.

އެ ފިލްމު ރިލީޒްވެފައި ވަނީ 1994 ގައި ނަމަވެސް މިއަދާ ހަމަޔަށް ވެސް މި ފިލްމުގެ ރެކޯޑް އެއްވެސް ފިލްމަކަށް މުގުރާލެފިއެއް ނެތެވެ. އަދިވެސް މި ފިލްމު އޮތީ 7،39،62،000 އާއެކު އެހެން ފިލްމުތަކަށް ވުރެ މާ ކުރީގަ އެވެ. މި މިންވަރަށް މީހުން ފިލްމު ބަލަން ސިނަމާތަކަށް ގޮސްފައި ވެއެވެ. ދެ ވަނައިގައި އޮތީ "ބަހޫބަލީ 2" އެވެ. އެ ފިލްމުގެ ރެކޯޑަކީ 5،25،22،000 ފުޓްފޯލްސް އެވެ. މިއީ 25 އަހަރު ވީއިރުވެސް ސަލްމާންގެ މަގްބޫލުކަން ކުޑަވެގެން ނުދާކަމުގެ ހެއްކެކެވެ. އޭރުވެސް ގިނަ ބަޔަކު އޭނާ ދެކެ ލޯބިވީ ގޮތަށް މިހާރ ވެސް އެ ލޯބި ދެމި އޮތް ކަމެވެ.

މި ލިސްޓުގެ ތިން ވަނައިގައި އޮތީ ސަނީ ޑެއޯލްގެ "ގަދަރް: އެކް ޕްރޭމް ކަތާ" އެވެ. އެ ފިލްމު ބަލަން ވަދެފައިވާ މީހުންގެ އަދަދަކީ 5،05،73،000 އެވެ. ހަތަރު ވަނައިގައި އޮތީ ޝާހްރުކް ޚާނާއި ކާޖޮލްގެ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" އެވެ. އެ ފިލްމު ބަލަން ވަދެފައިވަނީ 4،79،71،000 މީހުންނެވެ. ފަސް ވަނައިގައި އޮތް "ރާޖާ ހިންދުސްތާނީ" ބަލަން 4،09،75،000 މީހުން ވަދެފައި ވެއެވެ. މި ފިލްމުގެ ތަރިންނަކީ އާމިރު ޚާނާއި ކަރިޝްމާ ކަޕޫރެވެ.

ސަލްމާނާއި އެހެން އެކްޓަރުންގެ ތަފާތަކީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް އޭނާ ވަރަށް ކަމުދިއުމެވެ. ޚާއްސަކޮށް ޒުވާން ޖެނެރޭޝަން ސަލްމާންގެ ފިލްމެއް ވެއްޖިއްޔާ ބަލަން ކޮންމެހެން ވެސް ސިނަމާތަކަށް ދާކަމެވެ. ހުރިހާ މަޝްހޫރު ބްރޭންޑްތަކުން ވެސް އެ ބްރޭންޑެއް އިޝްތިހާރުކުރަން ސަލްމާން ލައްވާ ބޭނުންވަނީ އޯޑިއަންސާއި އޭނާގެ އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.