ބޭރު ކުޅިވަރު

ސޮންގް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

މި މަހު ފެށުމަށް ހަމަޖެހިފައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސް އަށް ކެމަރޫން އިން ނެގި ސްްކޮޑް އިން ޖާގަ ނުލިބުމާއެކު، ވެސްޓް ހޭމް އަށް ކުޅެމުންދާ ކެމަރޫންގެ މިޑްފީލްޑަރު އެލެކް ސޮންގް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެނިކޮށް ސޮންގް އަށް ރަތްކާޑު ދެއްކި ފަހުން އޭނާ ގައުމީ ޓީމަށް މެޗެއް ނުކުޅެ އެވެ. ބާސެލޯނާ އިން ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމް އަށް ކުޅެމުންދާ ސޮންގް ގައުމީ ޓީމުން ފުުރުސަތު ހޯދުމަށް ކެމަރޫން އަށް ދިއުމާއެކު، އެފްރިކާ ކަޕަށް ސޮންގް ގެއްލިދާނެ ކަމުގެ ބިރު ވެސްޓް ހޭމް އަށް އޮތެވެ. އެކަމަކު ސޮންގް ގައުމީ ޓީމަށް ނުނެގުމަކީ ވެސްޓް ހޭމް އަށް ލިބޭނެ ފިނިކަމެކެވެ.

 "އަހަރެންގެ ގައުމަށް އޮތް ލޯބި ބަދަލެއްނުވާނެ،" ކުރިން އާސެނަލް އަށް ކުޅުނު ސޮންގް ބުންޏެވެ. "އަހަރެންގެ ވިސްނުން ދެން ހުސްކުރާނީ ކްލަބު ފުޓްބޯޅަ އަށް. އަހަރެން ބޭނުންވަނީ ވެސްޓް ހޭމްއާއެކު ކެރިއަރަށް އިތުރު ކުރިއެރުންތަކެއް ހޯދަން. އަހަންނަށް ސްކޮޑުން ޖާގަ ދިނުމާމެދު އެންމެ ފަހު ވަގުތު ވެސް މަޝްވަރާތައް ކުރެވުނު. އެކަމަކު ވަރަށް ފުންކޮށް ވިސްނައި، އާއިލާގެ ލަފާ ހޯދުމަށް ފަހު އަހަރެން ނިންމީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން."

ދެހާސް ފަސް ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ސޮންގް ވަނީ އެ ޓީމަށް 47 މެޗު ކުޅެފަ އެވެ.