ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޯނު ފަސްކޮށްދޭނަމަ ކުލި ކުޑަކުރަން ޝަރުތު ކުރަން ޖެހޭ: އީސަ

ބޭންކްތަކުން ދޫކޮށްފައިވާ ހައުސިން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ފަސް ކޮށްދޭނަމަ، ކުލި އެ މުއްދަތުގައި ކުޑަ ކުރަން ސަރުކާރުން ޝަރުތު ކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވައި އިސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މެދުވެރިވެގެން ބޭންކްތަކަށް ލުއި ހޯދައި ދީ، ބޭންކްތަކުން ދޫކޮށްފައިވާ ހައުސިން ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް މެދުކަނޑާލާ ނަމަ، އެއާ އެކަށީގެންވާ ލުޔެއް ކުއްޔަށް އުޅޭ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ޝަރުތު ކުރަން ވާނެ ކަމަށެވެ. އެ ގޮތުން އެންމެ ކުޑަވެގެން 30 ޕަސެންޓްގެ ލުޔެއް ދެވެން ވާނެ ކަމަށެވެ.

"ސަރުކާރު މެދުވެރިވެގެން ހޯދައިދޭ މާލީ ލުޔެއްގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ލިބެން ޖެހޭނެ." އީސަގެ ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ދަށްވުމާ ގުޅިގެން ސަރުކާރުން ބޭންކްތަކާ މަޝްވަރާ ކުރުމަށް ފަހު، ބައެއް ބޭންކްތަކުން މިހާރު ވަނީ ދޫކޮށްފައި ހުރި ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދީފަ އެވެ. އަދި ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ލޯނުތައް ވެސް ހަ މަހަށް ފަސް ކޮށްދޭން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ވެސް ނިންމާފައިވެ އެވެ.

އިގްތިސޯދު ދަށްވުމާ ގުޅިގެން އައިސްފައިވާ މަލީ ދަތިތަކާ ގުޅިގެން ބައެއް ގެތަކުގެ ވެރިފަރާތުން މިހާރުވެސް ވަނީ ކުލި ކުޑަ ކޮށްދީފަ އެވެ.