ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މި ހާލަތުގައި ކުލި ނެގުން ހުއްޓުވާ ގާނޫނެއް ގެންނަން ގޮވާލަނީ!

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ ހާލަތުގައި ކުލި ނެގުން މި ވަގުތު ހުއްޓުވާ ގޮތަށް ވަގުތީ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ. މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް އެ ކަމަށް ދަނީ ތާއީދު ކުރައްވަމުންނެވެ.

މާލޭގައި ކުއްޔަށް އުޅޭ މީހުން ތަމްސީލު ކުރާ މާލެ ޓެނެންޓްސް ޔުނިއަން (އެމްޓީޔޫ) ޖަމިއްޔާ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފެމިލީ ލީގަލް ކްލިނިކުން ވަނީ މި ހާލަތުގައި ކުލި ނެގުން ހުއްޓުމާ ނުވަތަ ކުލި ނުދެއްކޭ ހާލަތުގައި ތަނުން ނެރެން އެންގުން މަނާ ކުރާ ގޮތަށް ގާނޫނެއް ގެނައުމަށް ގޮވާލައިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާ ކަންކަމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައެޅުމަށް މަޖިލީހުގެ އެކި ކޮމިޓީތަކުގައި ދިރާސާ ކުރަމުން ދާއިރު، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ކުލި ނުދެއްކިގެން ތަނުން ނުކުންނަން ޖެހޭ މީހުންގެ މައްސަލަ ވެސް ހުށަހަޅައިފަ އެވެ. އެ ކޮމިޓީން ދަނީ މައްސަލަ ދިރާސާ ކުރަމުންނެވެ.

އެމްޓީޔޫގެ ފައުންޑަރު ޝާއިން ޔޫސުފު ބުނީ ކުލި ނެގުން ހުއްޓުވުން ނުވަތަ ރެންޓް މޮރެޓޯރިއަމްގެއާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ފަރާތުން ހިއްސާ ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވިދާޅުވީ ކުލި ނެގުން މި ވަގުތަށް ހުއްޓުވަން ވަގުތީ ހާއްސަ ގާނޫނެއް ނުވަތަ ރެންޓް މޮރެޓޯރިއަމް އެކްޓްއެއް ގެންނަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އެކަމަކު އެ ގާނޫނު ފާސް ކުރަން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށާއި އެ ކަމަށް އުޅުއްވާނެ ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ހާލަތުގައި ރެންޓް މޮރެޓޯރިއަމް އެކްޓެއެއް އެބަ ގެނޭ، އެފަދަ އުސޫލުތަކެއް އެބަ ހަމަޖައްސައި، އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ގާނޫނެއް އެބަ ގެންނަން ޖެހޭ. އަޅުގަނޑު އެކަކަށް އެފަދަ ގާނޫނަކަށް ތާއީދު ކުރަން،" މީކާއީލް ވިދާޅުވި އެވެ.

މާލޭގައި މަގުމަތިވި މީހުނާއި އެކި ބޭނުންތަކަށް ރަށްރަށުން އައިސް މާލޭގައި ތާށިވެ ތިބި މީހުނަށް ސަރުކާރުން ވަރަށް ބޮޑަށް އަޅާލަމުންދާ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ގޮތަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެވޭނީ ކިހާ ދުވަހަކަށްތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވެސް ވިދާޅުވީ މި ބަލިމަޑުކަމާއި ތަދުމަޑުކަމުގެ ހާލަތުގައި ކުލި ނުދެއްކިގެން ގެއިން ބޭރުކޮށް މަގުމަތިކުރުން ހުއްޓުވުމަށް އިމަޖެންސީ ގާނޫނެއް ފާސްކޯށް ތަންފީޒު ކުރަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އެ ކަން އަވަސް ކުރަން މަޖިލީހަށް އޭނާ ގޮވާލެއްވި އެވެ.

މި ހާލަތާ ގުޅިގެން ބޭންކްތަކަށް ދައްކަން ޖެހޭ ލޯނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި ބީއެމްއެލް އާއި ހައުސިން ޑިވެލޮޕްމަންތް ފިނޭންޝަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ހައުސިން ލޯނުތައް ވެސް ވަނީ ހަ މަސް ދުވަހަށް ފަސްކޮށްފަ އެވެ.

ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މާލެ ލޮކްޑައުން ކުރި ފަހުން މަގުމަތީގައި ހަރަކާތްތެރިވި ފުލުހުންނަށް ވަނީ މަގުމަތިވެފައިވާ ގިނަ ބަޔަކު ފާހަގަކުރެވިގެން ޖެންޑާ މިނިސްޓްރީން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހުނު ބައެއް މީހުން ވެސް ހިމެނެ އެވެ.