ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކުލި ކުޑަވާނެ ގޮތަކަށް އާއިލާތަކަށް ލުއިތަކެއް ދޭން ފާސްކޮށްފި

ކޮވިޑް-19 ގެ ސަބަބުން މާލީ ހާލަތު ދަށްވެ ކުއްޔަށް ދިރިއުޅެމުންދާ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުނަށް ކުލި ކުޑަވާނެ ގޮތަކަށް ލުއިތަކެއް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓިން ހުށަހަޅާފައިވާ ހުށަހެޅުމާއެކު އެ ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި އިގްތިސާދީ ކޮމިޓީގެ ހުށަހެޅުންތަކާއެކު ތަޅުމަށް ފޮނުވި ރިޕޯޓު ފާސްކުރީ 66 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އިޖުތިމާއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކާއި ގެތަކުން ކުލި ކުޑަވާން ޖެހޭނެ ކަމަށާއި އެފަދަ ބަދަލެއް އަންނާނެ ގޮތަށް ލުއިތަކެއް ހަމަޖެއްސުމަށެވެ. އަދި ކުއްޔަށް އުޅޭ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ހާލުގައި ތިބި މީހުން މަގުމަތިވިޔަ ނުދޭން ސަރުކާރާއި ލޯކަލް ކައުންސިލަތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެ އެވެ.

އިޖްތިމާއީ ކޮމިޓީގެ ރިޕޯޓަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އިތުރު ދެ ހުށަހެޅުން ހިމަނަން އިސްލާހެއް ހުށަހުޅެއްވި އެވެ. ފުރަތަމަ ހުށަހެޅުމަކީ މިދިޔަ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ތިބި މީހުނަށް ވަރަށް އަވަހަށް ފްލެޓްތައް ދޫކުރުމެވެ. ދެވަނަ ހުށަހެޅުމަކީ ކުއްޔަށް ދިރިއުޅޭ އާއިލާތަކަށް ލުއި ދިނުމުގެ ގޮތުން ސަރުކާރުން އިނާޔަތެއް ދިނުމެވެ.

ޝިޔާމްގެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓު ފާސްކޮށްފައި ވަނީ ޝިޔާމް ހުށަހެޅުއްވި އެ ހުށަހެޅުންތައް ނުހިމެނޭ ގޮތަށެވެ.

އިޖްތިމާއީ ކޮމިޓީގެ ހުށަހެޅުންތައް

  • ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަ ވާން ޖެހޭ ގޮޮތަށް ލުއިތަކެއް ދިނުން
  • ކުލި ނުދެއްކޭ މީހުން މަގުމަތިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލަތައް ގުޅިގެން ފިޔަވަޅުތައް އެޅުން
  • ޕެކޭޖް ދޭ ފަރާތްތަކުން އަމަލު ކުރާ ގޮތް ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބަލަމުން ގެންދިއުން
  • މުވައްޒަފުންނާ މެދު އިހާނަތިކޮށް އަމަލުކުރާ ވިޔަފާރިތަކުން ޕެކޭޖުން ދޫކުރެވިފައިވާ ފައިސާއިން ބައެއް ޖޫރިމަނާ ކުރުން
  • އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އޮންލައިން ޕްރޮގްރާމްތަކާއި ޓެލިވިޒަން ކްލާސްތައް ގެންދިއުން
  • މުވާސަލަތީ ކުންފުނިތަކާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ދަރިވަރުންނަށް ހާއްސަ އިންޓަނެޓް ޕެކޭޖެއް ތައާރަފު ކުރުން
  • އެޗްޕީއޭގެ އިރުޝާދުގެ ދަށުން މެނުވީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން ހުޅުވާ ނުލުން

ކޮވިޑްގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ލަފާ ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފޮނުވި މައްސަލަ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާކޮށް ރިޕޯޓެއް އެކުލަވާލި އެވެ. އޭގައި 300 އަށް ވުރެ ގިނަ ހުށަހެޅުން ހިމެނެ އެވެ.

އޭގެ ތެރެއިން މަޖިލީހުން މިހާތަނަށް ފާސްކުރީ ނުވަ ކޮމިޓީއެއްގެ ރިޕޯޓެވެ. އެއީ އިޖުތިމާއީ ކޮމިޓީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، އެންވަޔަރަމެންޓް ކޮމިޓީ، ޕެޓިޝަން ކޮމިޓީ، ޖުޑިޝަރީ ކޮމިޓީ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ، އެސްއޯއީ ކޮމިޓީ، އަދި އިގްތިސާދީ ކޮމިޓީގެ ރިޕޯޓެވެ.