ސާނިއާ މިރްޒާ

ސާނިއާގެ ބައޮޕިކް: ޕަރިނީތީއަށް ޗާންސެއް ނެތް

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާގެ ބައޮޕިކް އެއް އުފެއްދުމުގެ ހުއްދަ މަޝްހޫރު ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އަށް ދީފައިވާ ކަމަށް ދާދި ފަހުން ސާނިއާ ވަނީ ހާމަކޮށްފަ އެވެ. އެހެންކަމުން މި ފިލްމުގެ މަސައްކަތް ކުރިޔަށް އޮތް ދުވަސްތަކުގައި ފެށޭނެ ކަމަށް ބެލެވެ އެވެ.

މިހާރު ސުވާލަކީ ސާނިއާގެ ބައޮޕިކްގައި އޭނާގެ ރޯލު އަދާ ކުރާނީ ބޮލީވުޑް ކޮން ބަތަލާއެއް ހެއްޔެވެ؟ ފިލްމީ ޚަބަރުތައް ބުނާ ގޮތުގައި މި ރޯލު ލިބުން އެންމެ ގާތީ ސާނިއާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ޕަރިނީތީ ޗޯޕްޅާ އަށެވެ.
ނަމަވެސް އޭނާގެ ބައޮޕިކް ޕަރިނީތީއަށް ނުކުޅެވޭނެ ކަމަށް ދާދިފަހުން އިންޑިއާ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ސާނިއާ ވަނީ ބުނެފަ އެވެ. އަދި އޭނާ ވަނީ ބައޮޕިކް ކުޅެން އޭނާ ހިތްހަމަޖެހޭ ބައެއް ބަތަލާއިންގެ ނަންތައް ވެސް ހާމަކޮށްފަ އެވެ.

ޕަރިނީތީއަށް އޭނާގެ ބައޮޕިކް ނުކުޅެވޭނެ ސަބަބު ވެސް ސާނިއާ އޮޅުންފިލުވައި ދިނެވެ. ސާނިއާ ބުނީ ޕަރިނީތީ މިހާރު ވެސް ސައިނާ ނެހެވާލްގެ ބައޮޕިކްގެ މަސައްކަތް ކުރާތީ އޭނާއަށް އިތުރު ކުޅުންތެރިއެއްގެ ބައޮޕިކް ދިނުން އެހާ ރަނގަޅު ނުވާނެ ކަމަށެވެ.

"ޕަރީ އަކަށް އަހަރެންގެ ބައޮޕިކެއް ނުކުޅެވޭނެ. އެއީ އޭނާ މިހާރުވެސް ސައިނާ ނެހެވާލް ބައޮޕިކް ކުޅޭތީ. އެހެންވެ އޭނަ މި ރޭހަކު ނެތް ކަމަށް އަހަންނަށް ފެންނަނީ،" ސާނިއާ ބުންޏެވެ.

ސާނިއާ ބުނީ އޭނާގެ ބައި ކުޅެން ވަރަށް ރަނގަޅު ބަތަލާއިން އެބަ ތިބި ކަމަށެވެ. އާލިއާ ބަޓް، އަނުޝްކާ ޝަރުމާ، ދީޕިކާ ޕަދުކޯން އަދި ސާރާ އަލީ ޚާންގެ ތެރެއިން ކޮންމެ ބަތަލާއަކު ވެސް އޭނާގެ ބައޮޕިކް ކުޅެން ސާނިއާ ހިތްހަމަޖެހެ އެވެ.

ވަކި ބަތަލާއަކު ޚިޔާރުކުރުމުގައި އެންމެ ބޮޑު ދައުރެއް ކުޅޭނީ ފިލްމުގެ ސްކްރިޕްޓް ކަމަށް ސާނިއާ ބުންޏެވެ. ސާނިއާ ބުނީ ފިލްމު އޮތީ ޕްރި-ޕްރޮޑަކްޝަން މަރުހަލާގައި ކަމަށާއި އެންމެ ފުރަތަމަ ހޯދަމުންދަނީ ފިލްމު ޑައިރެކްޓްކުރާނެ ރަނގަޅު މީހެއް ކަމަށެވެ.

ތަންކޮޅެއް ކުރިން ކަރީނާ ކަޕޫރު ހުށަހަޅައިދޭ ޝޯއެއްގައި ވާހަކަ ދައްކަމުން ސާނިއާ ބުނެފައިވަނީ އޭނާގެ ބައޮޕިކް އުފެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާން ބޭނުން ކަމަށެވެ. އޭރުން ފލްމުގެ ސައްހަކަން ޔަގީން ކުރެވޭނެކަމަށް އޭނާ ބުންޏެވެ.

ބައޮޕިކް ލިޔުމުގެ މަރުހަލާ އަދި އޮތީ ކަމަށާއި ލިޔުންތެރިޔާ އާއެކު އިށީނދެ އޭނާގެ ހަޔާތުގެ ވާހަކަތައް އެމީހާއަށް ކިޔައިދީގެން ނޫނީ އޭނާ ކުރި ބުރަ މަސައްކަތް ރަނގަޅަށް ބެލުންތެރިންނާ ހަމަޔަށް ނުގެނެސްދެވޭނެ ކަމަށް ސާނިއާ ގަބޫލު ކުރެ އެވެ.