ވިޔަފާރި

ވީއައިއޭ އޭޕްރަންގެ ދެވަނަ ފިޔަވަހި ނިމިއްޖެ

Mar 28, 2020
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހުޅަނގު ފަރާތުން ތަރައްގީ ކޮށްފައިވާ އާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ނިންމާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މަތިންދާ ބޯޓު ޕާކު ކުރަން ހަދާ އޭޕްރަންގެ ދެވަނަ ފިޔަވަހީގެ ބޮޑު މިނުގައި 25،500 އަކަ މީޓަރު ހުންނާނެ ކަމަށެވެ. އަދި އެތާނގައި ހަތަރު ވައިޑް ބޮޑީ އެއާކްރާފްޓް ޕާކު ކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގައި ހުންނަ ގޮތަށް ޒަމާނީ ފެންވަރަށް ހަދާފައިވާ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިން ތަރައްގީ ކުރި މި އޭޕްރަން ފުރަތަމަ ފިޔަވަހީގެ ބޮޑު މިނުގައި 70،000 އަކަމީޓަރު ހުރެ އެވެ. މި ތަނުގައި ދެ ސައިޒެއްގެ މަތިންދާ ބޯޓު ޕާކު ކުރެވޭނެ އެވެ. އޮޕްޝަން އެއްކެއްގައި ދެ ވައިޑް ބޮޑީ އެއާ ކްރާފްޓާއި ހަތް ނެރޯ ބޮޑީ އެއާ ކްރާފްޓް ޕާކު ކުރެވެ އެވެ. އަދި ދެވަނަ އޮޕްޝަންގައި ފަސް ވައިޑް ބޮޑީ އެއާ ކްރާފްޓާއި އެއް ނެރޯ ބޮޑީ އެއާ ކްރާފް ބޭއްވޭނެ އެވެ.

އާ އޭޕްރަން ހަދާފައިވަނީ މަތިންދާ ބޯޓަށް ފަސޭހަ ކަމާއެކު ތެޔޮ އެޅޭ ގޮތަށެވެ. މިހާރު ތެޔޮ ލޮރީން ބޯޓަށް ތެޔޮ އެޅި ނަމަވެސް ފިއުލް ސިސްޓަމްގެ މަސައްކަތް ނިމުމުން އޭޕްރަންގައި އޮންނަ ބޯޓު ފަހަރަށް ތެޔޮ ވިއުގައެއް މެދުވެރިކޮށް ތެޔޮ އެޅޭނެ އެވެ. އެ ނިޒާމު ގާއިމް ކުރަން އެއާޕޯޓުގެ އަޑީގައި ވަނީ ތެޔޮ އޮޅި އަޅާފަ އެވެ. އަލަށް ހަދަމުން ގެންދާ ފިއުލްފާމް އިން މި ތަނަށް ތެޔޮ ފޯރުކޮށްދޭނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މި މަޝްރޫއަކީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ވަނީ ރަންވޭއެއް އަޅާފައެވެ. މީގެ އިތުރުން ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމެއް އަދި ކާބޯ ޓާމިނަލެއް ވެސް އަޅާނެ އެވެ. އަދި އާ ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ގާއިމް ކުރާނެ އެވެ.