ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 824 މީހުން

މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 824 މީހަކު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަހު ކަރަންޓީން ފެސިލިޓީގައި ބޭތިއްބުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ކަމަށެވެ. މިިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި ގުޅިގެން މިވަގުތު ރާއްޖެ އަންނަނީ މުޅިންވެސް ދިވެހިންނެވެ. ދެން މަސައްކަތު މީހުންނާ ފަންނީ ވަޒީފާތަކުގައި އުޅޭ ބިދޭސީންނެވެ. އެ ހުރިހާ އެންމެވެސް ދަނީ ކަރަންޓީން ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު ތިބީ 824 މީހުން ކަމަށެވެ. ކަރަންޓީން ފެސިލިޓީގެ ގޮތުގައި ގިނަ ރިސޯޓްތަކެއް ދަނީ ބޭނުން ކުރަމުންނެވެ. އަދި ކަރަންޓީން ކުރާ ކޮންމެ މީހަކަށް ސަރުކާރުން ދަނީ ދުވާލަކަށް 750 ރުފިޔާ ހަރަދު ކުރަމުންނެވެ. އެއީ އެ މީހުންގެ ކެއިން ބުއިމާއި، އެހެނިހެން ޒަރޫރީ ބޭނުންތަކަށެވެ.

މީގެ އިތުރުން އައިސޮލޭޝަންގައި މިވަގުތު 20 މީހަކު ތިބި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 11 މީހުން ވަނީ ރަނގަޅުވެފައެވެ. ކޮވިޑަށް ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. އެމީހާއަށް އެ ބަލި ޖެހިފައިވާކަން އެނގިފައިވަނީ އިއްޔެ އެވެ.

އޭނާއަކީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ. އެ ދުވަހުން ފެށިގެން އޭނާ ހުރީ ހޮލިޑޭގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީއެއްގައެވެ.

އޭގެ އިތުުރުން ރާއްޖެއިން ސާމްޕަލްނެގި އިޓަލީ ދެ މީހަކު ނަތީޖާ ލިބުމުގެ ކުރިން ވަނީ ފުރައިގެން ގޮސްފައެވެ. އެ ދެ މީހުންނަށް ކޮވިޑް ޖެހިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.