ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

މަތީ ގުރޭޑްތަކަށް ޓެލިކިލާސްތައް މާދަމާ ފަށަނީ

ސްކޫލްތައް ބަންދު ކުރުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ "ޓެލިކިލާސް" ތައް މާދަމާ ފެށުމަށް ނިންމައިފި އެވެ.

ނަމަވެސް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ މަތީ ގުރޭޑްތަކަށް ހާއްސަ "ޓެލިކިލާސް" ތައް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެގޮތުން ގުރޭޑް 9، 10 އަދި 11 ގެ ދަރިވަރުންނަށް މާދަމާ ފިލާވަޅުތައް ނަގައިދޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ގުރޭޑްތަކަށް މާދަމާ ފިލާވަޅުތައް ނަގައިދޭނީ ދިވެހި ޗެނަލް، ޔެސް ޓީވީ އަދި މުންނާރު ޓީވީ މެދުވެރިކޮށް ކަމަށެވެ. އެގޮތުން ދިވެހި ޗެނަލްއިން ގެނެސްދޭނީ ގުރޭޑް 11 ގެ ދަރިވަރުންގެ ފިލާވަޅު ތަކެވެ. އަދި ޔެސް ޓީވީން ގެނެސްދޭނީ 10 ގެ ދަރިވަރުންގެ ފިލާވަޅުތަކެވެ. މުންނާރު ޗެނަލް މެދުވެރިކޮށް ގެނެސްދޭނީ ގުރޭޑް ނުވައެއްގެ ފިލާވަޅުތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި ޗެނަލްތައް މެދުވެރިކޮށް ހެނދުނު 8:00 ފެށިގެން 14:00 އެކި ވަގުތުތަކުގައި "ޓެލިކިލާސް" އޮންއެއާ ކުުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިންވެސް އެޑިއުކޭޝަނުން ވަނީ "ޓެލިކިލާސް" ބައެއް ޓީވީ ޗެނެލްތަކުން ދައްކާފައެވެ. އެ ކްލާސްތައް ތިން ދުވަހު ދެއްކުމަށްފަހު މެދުކަނޑާލީއެވެ.

އަލުން "ޓެލިކިލާސް"ތައް މި ފަށަނީ މި ފެށޭ ހަފްތާވެސް ސުކޫލްތައް ބަންދުކޮށް، ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެންނެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެންނެވެ.