ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލައާއި ގުޅިގެން ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނީ، ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފަތުރުވެރިޔާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އެނބުރި ގައުމަށް ދިޔަ ފަހުންކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް، އެ މީހާ ރިސޯޓުގައި ހުރި އިރުވެސް، ބަލީގެ އަލާމާތްތައް ހުރި ކަމަށާއި، ނަމަވެސް އެކަން ރިޕޯޓުކޮށްފައިނުވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އޭގެ ފަހުން، އޭނާ ފުރުމުގެ ކުރިން މާލޭގައިވެސް ދެ ދުވަހު ހުރިކަމަށް ސާރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން ބަޔަކު އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭއިރު، އެ މައްސަލަ ތަހުގީގުކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.

އެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާކޮށްފައެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ 23 ވަނަ ދުވަހު ކަމަށެވެ.

އަދި އޭނާ ހުން އައިސްގެން، އެންމެ ފުރަތަމަ ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. އެ މީހާގެ މެޑިކަލް ހިސްޓަރީއެއް ހުންނާތީ، އޭނާ އާއްމުކޮށް ބޭނުންކުރާ ބޭސް ބޭނުންކުރަން އިރުޝާދުދެވުނުކަމަށް ފުލުހުން ތަހުގީގަށް މިހާތަނަށް ހާމަވެފައިވާކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެ ދުވަހުގެ ހަވީރު އޭނާ ރެސްޓޯރަންޓް ތެރެއަށް އަނބުރައިގަނެގެން ވެޓުމުން، އަލުން އޭނާ ރިސޯޓު ޑޮކްޓަރަށް ގެންދެވުނު ކަމަށެވެ. ނަމަވެސް، އޭރު އޭނާގެ ކިބައިގައި ހުމުގެ މާބޮޑު އަސަރެއް ފެންނަން ނެތުމުން، އޭނާ ބެޑް ރެސްޓުކުރުމަށް އަނބުރާ ކޮޓަރިއަށް ފޮނުނާލެވުނު ކަމަށާއި، ކެއުމުގެ އިންތިޒާމްވެސް ރޫމުގައި ހަމަޖައްސައިދެވުނުކަމަށް ރިޔާޒް ވިދާޅުވި އެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ކަރު ތެރެއަށް އުނދަގޫވުމާއި، ދޭ ތެރެ ދޭތެރެއިން ހުން އަންނާތީ އެ މީހާ އަލުން ޑޮކްޓަރަށް ދެއްކިކަމަށް ތަހުގީގަށް އެނގެ އެވެ. ރިޔާޒް ވިދާޅުވީ، އެ ފަހަރު ކޮވިޑް-19ގެ އަލާމާތްތަކާ އެއްގޮތް ސިފަތަކެއް ހުންނަ އަލާމާތްތަކެއް އޭނާގެ ކިބައިން ފެންނާން ހުރުމުން، އިތުރު ޓެސްޓްތަކެއް ހަދަންޖެހޭކަމަށް ޑޮކްޓަރު ލަފާދިންނަމަވެސް، އެކަމަށް އެ މީހާ އިންކާރުކުރި ކަމަށެވެ.

ނަމަވެސް، އޭނާ ކޮޓަރިއަށް އަނބުރާ ފޮނުވާލުމަށްފަހު، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރިކަމުގެ މަޝްވަރާތަކެއް ރިސޯޓުގެ މެނޭޖްމަންޓާއި އިސް މުވައްޒަފުންނާއެކު ޑޮކްޓަރު ކުރެއްވިކަމަށާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިން ނަންބަރަށް ގުޅުމާމެދުވެސް މަޝްވަރާ ކުރެވުނުކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ނަމަވެސް، އޭރު ރިސޯޓުގައި ތިބި އެހެން ބައެއް ފަތުރުވެރިންގެ ވެސް ހުން އައިސް ރޯގާގެ އަލާމާތްތައް ހުރުމުން، އެ އިޓަލީ މިހާގެ މައުލޫމާތު ހިއްސާކުރުމަށް ކޮވިޑް-19 ގެ ކްރައިޓީރިއާއަށް ނުފެންނަކަމަށް އޭރު ނިންމާފައިވަނީ،" ރިޔާޒް ވިދާޅުވި އެވެ.

ނަމަވެސް، ރިސޯޓު ޑޮކްޓަރުގެ ކަންބޮޑުވުންތައް ހުރުމުން، އޭނާ އަމިއްލައަށް އެޗްޕީއޭގެ ހޮޓްލައިނަށް ގުޅިކަމަށެވެ. ނަމަވެސް، އޭރުވެސް ޑޮކްޓަރު ސާފުކޮށްފައިވަނީ، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކަށް ފެތޭ މިންގަޑަށް ބަދަލެއް އައިސްފައިވޭތޯ އާއި ކޮވިޑް-19 ފެތުރޭ ގައުމުތަކުން އައިސްތިބޭ ފަތުރުވެރިންނާމެދު އަމަލުކުރާ އުސޫލަށް ބަދަލެއް އައިސްފައިވޭތޯކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.

"ގާތްގަނޑަކަށް ތިން މިނިޓާއި 24 ސިކުންތުގެ ކޯލެއް ކުރެވުނުކަމަށް ފޯނު ރެކޯޑުތަކުން ފެނޭ. އެކަމަކު ކޮވިޑް-19އަށް ޝައްކުކުރެވޭ މީހަކު އެ ރިސޯޓުގައި ހުރިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ޑޮކްޓަރު ހިއްސާކުރިކަމަށް އެނގޭކަށް ނެތް،" ރިޔާޒް ވިދާޅުވި އެވެ.

ތަހުގީގަށް އެނގޭ ގޮތުގައި، ޖެހިގެން އައި ދެ ދުވަހުވެސް އެ މީހާ ޑޮކްޓަރަށް ދެއްކި ނަމަވެސް، އޭނާގެ ހާލު އޭރު ޖުމްލަ ގޮތެއްގައި ރަނގަޅުކަމުން އިތުރު ކަމެއް ރިސޯޓުން ކޮށްފައެއް ނުވެ އެވެ.

އަދި މާޗް 1 ދުވަހު އޭނާ ރިސޯޓުން ފުރުވާލައި، އެނބުރި ގައުމަށްދާން އެއާޕޯޓް ޗެކްއިންގައި ހުއްޓައި އޭނާ ދެ ފަހަރެއްގެ މަތިން އަނބުރާ ގަނެގެން ވެއްޓުނުކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ފުރަން ބޯޓަށް އެރުވީ ވީލްޗެއާއެއްގައި ކަމަށާއި، ނަމަވެސް، އޭނާ ރިސޯޓުގައި ހުރި އިރުވެސް ސިއްހީ މައްސަލަތަކެއް ހުރިކަމަށް ބޯޓުގައިތިބި އެހެން ފަތުރުވެރިންގެ ފަރާތުން ކެޕަޓަނަށް މައުލޫމާތު ލިބުމާއެކު، އޭނާ ގޮވައިގެން ދަތުރުކުރުމަށް ކެޕްޓަން އިއުތިރާޒް ކުރިކަމަށް ތަހުގީގަށް އެނގެ އެވެ.

ރިޔާޒް ވިދާޅުވީ، ބޯޓުން ބޭލުމުން އެ މީހާ ވަނީ އެއާޕޯޓުގައި ހުންނަ ޕޯޓް ހެލްޓު ކްލިނިކަށް ގެންގޮސްފައި ކަމަށާއި، ނަމަވެސް އޭރު އޭނާގެ ފަރާތުން ހުމުގެ މާބޮޑު އަސަރެއް ފެންނަން ނެތް ކަމަށެވެ. އަދި އެމީހާއަށް އިނގިރޭސި ނޭނގޭތީ، އޭނާގެ ފަރާތުން މައުލޫމާތު ހޯދުމަށްވެސް ކްލިނިކްގައި ތިއްބެވި ބޭފުޅުންގެ އިތުރުން އެއާޕޯޓް އޮފިސަރުންނަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެއާއެކު އޭނާ މާލެގޮސް، މާގިރި ހޮޓަލުގައި މަޑުކޮށް، ޖެހިގެން އައި ދުވަހު އެނބުރި ގައުމަށް ފުރައިގެން ދިޔަ އެވެ.

އިޓަލީ މީހާގެ ޓައިމްލައިން

  • ފެބްރުއަރީ 23: ރާއްޖެއައިސް ރިސޯޓަށް ދިޔަ
  • ފެބްރުއަރީ 26: ހުން އައިސްގެން ރިސޯޓު ޑޮކްޓަރަށް ދެއްކި
  • ފެބްރުއަރީ 26: ރެސްޓޯރަންޓް ތެރެއަށް އަނބުރައިގަނެގެން ވެއްޓުނު
  • ފެބްރުއަރީ 27: ކަރު ތެރެއަށް އުނދަގޫވާތީ އަލުން ޑޮކްޓަރަށް ދެއްކި
  • ފެބްރުއަރީ 27: ކޮވިޑް-19 އަށް ޝައްކުކުރެވިގެން ރިސޯޓުގައި މަޝްވަރަކުރި
  • ފެބްރުއަރީ 27: ޑޮކްޓަރު އެޗްޕީއަށް ގުޅި
  • ފެބްރުއަރީ 28: އަނެއްކާވެސް ޑޮކްޓަރަށް ދެއްކި
  • ފެބްރުއަރީ 29: ރިސޯޓް ޑޮކްޓަރަށް ދެއްކި
  • މާޗް 1: ރިސޯޓުން ފުރައިގެންގޮސް އެއާޕޯޓުގައި ހުއްޓާ އަނބުރާގަތް
  • މާޗް 1: ބޯޓުން ބޭލުމުން އެއާޕޯޓްގެ ޕޯޓް ކްނިކަށް ގެންދެވުނު
  • މާޗް 1: ނުފުރިގެން މާލެ އައިސް މާގިރި ހޮޓަލުގައި މަޑުކުރި
  • މާޗް 2: އޭނާ ރާއްޖޭން ފުރައިގެން ދިޔަ