ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ކޮންމެ ރެއަކު ނުވަ ގަޑިއިރަށް އެއާޕޯޓް ބަންދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)، މިރެއިން ފެށިގެން ކޮންމެ ރެއަކު ނުވަގަޑިއިރަށް ބަންދު ކުރަން ނިންމައިފި އެވެ.

ދިވެހިންގެ މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލް އިން މިރޭ ބުނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 21:00 ފެށިގެން ހެނދުނު 06:00 އެއާޕޯޓް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ވަގުތުތަކުގައި ސިއްހީ ބޭނުންތަކަށް އަދި އިންސާނީ އެހީތެރިކަމަށްޓަކައި ޖައްސާ ފްލައިޓްތަކަށް ހުއްދަ ދޭނެ ކަމަށެވެ. އަދި ޝެޑިއުލް ނޫން ފްލައިޓްތަކަށްވެސް އެއާޕޯޓްގައި ޖެއްސޭނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ފްލައިޓްތަކުން ތިން ގަޑިއިރުގެ ކުރިން އެމްއޭސީއެލްއަށް އެކަން އަންގަން ޖެހެއެވެ.

ވީއައިއޭ ކޮންމެ ރެއަކު ނުވަގަޑިއިރަށް ބަންދު ކުރަން ނިންމާފައިވާއިރު، ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ހުއްޓި އެއާޕޯޓް ވަނީ މުޅިން ފަޅުވެފައެވެ.

އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާ، ފަތުުރުވެރިން ރާއްޖެ ގެނައުމުން މަނާކޮށްފައެވެ. އެހެން ކަމުން ކޮންމެ ދުވަހު މަދު ފްލައިޓެއް ނޫނީ އެއާޕޯޓަށް ނުޖައްސައެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ އޮޕަރޭޝަން މި ވަރަށް ހުއްޓާލަނީ މަދު ފަހަރެއްގަ އެވެ. ކުރިން އާއްމު ގޮތެއްގައި އެއާޕޯޓް ބަންދު ކުރަނީ ރަންވޭގެ މަސައްކަތްތަކެއް ކުރަން ދަންވަރުގެ ވަގުތު ތަކުގަ އެވެ. ވީއައިއޭ ވަގުތީ ގޮތުން ބަންދު ކޮށްފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ފްލައިޓްތައް މަދުވުމާ އެކުގަ އެވެ. މި އެއާޕޯޓަށް ކުރިން ދުވަލާކު 50 އަކަށް ފްލައިޓް ޖައްސަމުން ދިޔައެވެ.