ބޮލީވުޑް

ބަލިކަމުން ރިޝީއަށް "ދި އިންޓާން" ކުޅެވޭ ގޮތެއް ނުވި

ރިޝީ ކަޕޫރާއެކު ދީޕިކާ ޕަދުކޯން ކުޅޭ "ދި އިންޓާން" ކިޔާ ފިލްމެއް މިދިޔަ ޖެނުއަރީ މަހު ދީޕިކާ ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް މި ދެ ތަރިން އެކުގައި ސްކްރީނުން ބަލާލަން ބޭނުން މީހުންނަށް މި ފިލްމުން އެ މަގްސަދު ހާސިލުވާ ގޮތެއް ނުވި އެވެ. އަދި އިތުރު ފިލްމެއް މި ދެ ތަރިންނާއެކު އިއުލާން ކުރެވޭތޯ އިންތިޒާރު ކުރުން ނޫން ގޮތެއް މިހާރު މި ދެ ތަރިންގެ ފޭނުންނަކަށް ނެތެވެ. ސަބަބަކީ ރިޝީ ކަޕޫރުގެ ބަލި ހާލު ގޯސްވެ އެ ފިލްމުން އޭނާ އަމިއްލައަށް ވަކިވީމަ އެވެ.

"ދި އިންޓާން" އަކީ އެހެން މީހަކާ ގުޅިގެން ދީޕިކާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެހެން ކަމުން ރިޝީގެ ބަދަލުގައި ފިލްމަށް އެހެން ސީނިއާ އެކްޓަރަކު ހޯދުމުގެ މަސައްކަތްކުރަން ދީޕިކާ އަށް މިހާރު ވަނީ ޖެހިފަ އެވެ.

"ދި އިންޓާން" އަކީ ރޮބާޓް ޑި ނީރޯ އާއި އެނާ ހެތަވޭ ކުޅެފައިވާ މި ނަން ކިޔާ ފިލްމެއްގެ ރިމޭކް އެކެވެ. ފިލްމު ކުޅެން ރިޝީ ޖެނުއަރީ މަހު އެއްބަސްވީ ނަމަވެސް އޭގެ ފަހުން ފާއިތުވީ ދުވަސްތަކުގައި ވަރަށް ބޮޑަށް ބަލިވެ އޭނާ ދޭތެރެ ދޭތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް ދަނީ ފަރުވާ ދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ނޫހެއްގައިވާ ޚަބަރެއްގައި ބުނެފައިވަނީ މި ފިލްމުގައި ދީޕިކާގެ ކެރެކްޓާގެ މެންޓާއެއްގެ ރޯލަށް އަމީތާބު ބައްޗަން ހަމަޖައްސަން ދަނީ ވިސްނަމުންނެވެ. ދީޕިކާ ވަނީ މީގެ ކުރިން "ޕީކޫ" ގައި އަމީތާބާއެކު މަސައްކަތް ކޮށްފަ އެވެ.

ރިޝީ އާއެކު މަސައްކަތް ކުރުމަކީ ދީޕިކާ ވަރަށް ކުރިއްސުރެ ދެކެމުންދަ ހުވަފެނަކަށް ވާތީ އޭނާ ރިޝީ އަށް ފިލްމު ހުށަހެޅީ އެވެ. ނަމަވެސް ރިޝީ އަށް ކުޅެވޭ ގޮތް ނުވުމުން އަމީތާބަށް ފިލްމު ހުށަހަޅާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ނަމަވެސް ފިލްމުގެ އެކްޓަރު ބަދަލުވީކަމަށް ރަސްމީކޮށް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ. ދީޕިކާގެ ތިން ފިލްމެއް ކުރިޔަށް އޮތް ތާނގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ފިލްމަކީ ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި "މަހާބާރަތު" ޓްރައިލޮޖީ އާއި "83"ގެ މަސައްކަތް ވެސް އޭނާ ދަނީ ކުޅެމުންނެވެ.