ބޮލީވުޑް

ރިޝީއާ އިރުފާނާއެކު ވެސް ދީޕިކާގެ ފިލްމުތަކެއް

ބޮލީވުޑް ފޭނުންނަށް އިރްފާން ޚާންގެ ކުއްލި މަރުން ލިބުނު ހިތާމަ އިތުރަށް ބޮޑުވީ އޭގެ އަނެއް ދުވަހު ރިޝީ ކަޕޫރު ވެސް މަރުވުމުންނެވެ. މި ދެ ތަރިންގެ ފޭނުންނާއި އާއިލާގެ މީހުން އެ މީހުންގެ މަރުގެ ހިތާމައިގައި ތިބިއިރު މި ދެ އެކްޓަރުންގެ މަރުން އެންމެ ބޮޑު ގެއްލުމެއް ފިލްމީ ރޮނގުން ލިބިފައި ވަނީ ދީޕިކާ ޕަދުކޯން އަށެވެ. ސަބަބަކީ މި ދެ އެކްޓަރުންނާއެކު ދީޕިކާގެ ފިލްމުތަކެއް ހުރިމަ އެވެ.

ކެންސަރު ބަލީގެ ފަރުވާއަށް ނިއުޔޯކްގައި ގިނަ ދުވަހުތަކަކު ހުރުމަށްފަހު މިދިޔަ ސެޕްޓެމްބަރު ރިޝީ އެނބުރި މުމްބާއި އަށް އައިސް ކުޅެން އެއްބަސްވީ އެއް ފިލްމަކީ ދީޕިކާ އާއެކު ކުޅެން އުޅުނު "ދި އިންޓާން" އެވެ. މި ފިލްމު ކުޅޭކަން ރިޝީ ވަނީ ސޯޝަލް މީޑިއާގައި އިއުލާން ވެސް ކޮށްފަ އެވެ. ނަމަވެސް ރިޝީގެ ކުއްލި މަރާއެކު ދެން ފިލްމަށް ވާނެ ގޮތެއް ނޭނގެ އެވެ.

އަދި "ޕީކޫ"ގައި އިރްފާން އާއެކު މަސައްކަތް ކޮށްފައިވާ ދީޕިކާ، އޭނާ އާއެކު އިތުރު ފިލްމެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމު ރަސްމީކޮށް އިއުލާންކޮށް ފިލްމު ފެށުމުގެ ތައްޔާރީތައް ދީޕިކާ އާއި އިރްފާން ވެސް ދިޔައީ ކުރަމުންނެވެ.

ވިޝާލް ބަރްދްވާޖް ޑައިރެކްޓްކުރާ މި ފިލްމުގެ މަސައްކަތް އިރްފާން ބަލިވެ އުޅޭތީ ލަސްކޮށްލައިފި ކަމަށް މިދިޔަ ފެބްރުއަރީ މަހު ވިޝާލް ވަނީ ބުނެފަ އެވެ.

ރިޝީ އާއި އިރްފާން މަރުވުމުން މިހާރު ދީޕިކާގެ ފިލްމުތަކަށް އާ ތަރިން ހޯދަން ފިލްމު އުފައްދާ ފަރާތަށް ވަނީ މަޖްބޫރުވެފަ އެވެ. އަދި ވަރަށް އަވަހަށް މިކަމާ ގުޅޭ ގޮތުން މި ދެ ފިލްމުގެ ޕްރޮޑިއުސަރުން ރަސްމީކޮށް ވާހަކަ ދައްކާނެކަމަށް ބެލެވެ އެވެ.