ބިދޭސީ މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމުގެ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖެ ބައިވެރިވެ އޭގައި ހިމެނޭ ކަންކަން ތަންފީޒު ކުރަން ގޮވާލައިފި އެވެ.
ހިއުމަން ރައިޓްސް ވޮޗް އިން މިކަމަށް ގޮވާލާފައި ވަނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރާއްޖެއަށް އޮތް ނުރައްކަލާއި ގުޅޭ ގޮތުން އަދި ހާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އޮތް ނުރައްކާ ބޮޑު ކަމަށް ހާމަކޮށް އަމަލީ ގޮތުން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ގޮވާލާ ނެރުނު ބަޔާނެއް މެދުވެރިކޮށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދޭ އދ. ގެ މުއާހަދާގައި ރާއްޖެ ބައިވެރި ވެފައި ނުވާ ކަމަށާއި އެހެން ކަމުން އެ މުއާހަދާގައި އަވަހަށް ބައިވެރިވެ އޭގައި ހުރި ކަންކަން މިހާރުވެސް ތަންފީޒު ކުރުމަށް ގޮވާލާ ކަމަށެވެ.