ބޮލީވުޑް

ނުފެންނަނީ ކުޅޭނެ ރަނގަޅު ފިލްމެއް ނުލިބޭތީ: ޑީނޯ

ޑީނޯ މޯރިއާއަކީ ނުވަދިހައިގެ އަހަރު ތަކުގައި ވަރަށް ގނަ ހިންދީ ފިލްމުތައް ކުޅުނު އެކްޓަރެކެވެ. ނަމަވެސް ފަހަކަށް އައިސް އެއްވެސް ފިލްމަކުން އޭނާ ނުފެނި ހުރުމަށްފަހު "މެންޓަލްހުޑް" ކިޔާ ޑިޖިޓަލް ފލްމަކުން އަލުން ފިލްމީ މަސައްކަތަށް ނުކުންނަން ޑީނޯ (ފޮޓޯ) ދަނީ ތައްޔާރު ވަމުންނެވެ.

ޑީނޯ އަތުގައި މި ވަގުތު ފިލްމަކާއި ވަރަށް ގިނަ ވެބް ސީރީޒްތައް އެބައޮތެވެ. ފާއިތުވީ އެތައް އަހަރަކުއްސުރެ އޭނާ ފިލްމީ މަސައްކަތާ މުޅިން ދުރުގައި އުޅުނު ސަބަބު ކިޔައިދެމުން ޑީނޯ ބުނި ގޮތުގައި ހިތްހަމަޖެހޭ ކަހަލަ ޕްރޮޖެކްޓެއް އޭނާއަށް ކުޅެލަން ނުލިބި ވަރަށް ގިނަ ދުވަސްތަކެއް ދިޔަ އެވެ. ފީކަޅާ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމަށް ވުރެ އެއްވެސް ފިލްމެއް ނުކުޅެ ހުރުން މާ ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އެއްވެސް ފލްމެއްގައި ބައިވެރި ނުވީ ކަމަށް ވެސް އޭނާ ބުންޏެވެ.

ފީކަޅާ ފިލްމުތައް ކުޅެގެން "ފްލޮޕް އެކްޓަރެކޭ" މީހުން ކިއުމުގެ ބަދަލުގައި އެއްވެސް ކަމެއް ނުކޮށް ގޭގައި އިނުން މާ ހިތްހަމަޖެހޭ ކަމަށާއި މިހާރު ވަރަށް ރަނގަޅު ވެބް ސީރީޒްތަކަކާއި ފިލްމެއް ކުޅެން ލިބިފައިވާތީ އަލުން ފިލްމީ މަސައްކަތަށް ނުކުތީ ކަމަށް ޑީނޯ ބުންޏެވެ.

ވަރަށް އަވަހަށް ދައްކަން ފަށަން ހަމަޖެހިފައިވާ ވެބް ސީރީޒް "މެންޓަލްހުޑް" އަކީ އޭނާ އެނބުރި އައުން ފާހަގަކުރާ ފިލްމެވެ.

އަލްޓްބާލާޖީން ޕްރޮޑިއުސްކުރާ "މެންޓަލްހުޑް" ގެ ބަތަލާއަކީ ކަރިޝްމާ ކަޕޫރެވެ. އަދި ސަންދްޔާ މިރިދުލް އާއި ޝްރޫތީ ސޭތު ވެސް މި ފިލްމުގައި ބައިވެރި ވެއެވެ.

ޑީނޯ މިހާރު މަސައްކަތް ކުރަމުންދާ އިތުރު ވެބް ސީރީޒްގެ ތެރޭގައި "ތާންދޭވް" އާއި "މުގުލްސް" ހިމެނެ އެވެ.