ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ދެވަނަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Mar 29, 2020
6

އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އިނގިރޭސި ވިލާތުން އެނބުރި އައިފަހުން ކަރަންޓީނު ކޮށްފައިވާ ދިވެއްސެއް ކަމަށެވެ. އޭނާ ކަރަންޓީނުކޮށްފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

މިއީ ރާއްޖޭން އެ ވައިރަހަށް ޕޮޒިޓިވްވި ދެވަނަ ދިވެހި މީހާ އެވެ. މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ވެސް އިނގިރޭސި ވިލާތުން އެނބުރި އައި ދިވެއްސެކެވެ.

އެއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 17 އަށް އަރައިފަ އެވެ.

މި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ ހަތަރު މީހަކަށެވެ. އެހެން މީހުން ކޮވިޑް-19 އިން ރަނގަޅުވެފައި ވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއާއެކު، ރާއްޖެއަށް ޓޫރިސްޓުން އައުން ވެސް ވަނީ މަޑުޖެހިފަ އެވެ. އޭގެ އިތުރުން މި ހަފްތާގެ ނިޔަލަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށްފައިވާއިރު، ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި ތިބެގެން ކެއުން ވެސް ވަނީ މަނާކޮށްފަ އެވެ.

އަދި މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ އިތުރުން، ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ވެސް ބަންދުކުރަން ސަރުކާރުން ވަނީ އަންގައިފަ އެވެ.