ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫއިން ޝައްކުވާ މީހާގެ ސާމްޕަލް އަދިވެސް ނުނަގާ: މޭޔަރު

Mar 29, 2020
11

އައްޑޫ ސިޓީއިން ކޮވިޑް-19ގެ އަލާމާތްތައް ފެންނަ މީހާގެ ޓެސްޓް ކުރުމަށް ސާމްޕަލް އަދިވެސް ނަގާފައިނުވާ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ރޭ ދަންވަރު އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ މީހަކު ވަނީ ގޮސްފަ އެވެ. އެމީހާއަކީ މީގެ ދެ ހަފުތާއެއްވަރު ކުރިން އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށް އައްޑޫއަށް ދިޔަ މީހެކެވެ. އޭނާ ހޮސްޕިޓަލްގެ އީއާރްއަށް ދިޔުމުން އެތަނުގައި ތިބި ދެ ނަރުހުންނާއި ޑޮކްޓަރު ވަނީ އެޓެންޑްވެފަ އެވެ.

އެކަން ރޭ ދަންވަރު އެ ހޮސްޕިޓަލުން ވަނީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އަށް އަންގާފަ އެވެ. އަދި އޭގެ ފަހުން ބިދޭސީ ޑޮކްޓަރާއި ދިވެހި ދެ ނަރުހުން ގެއަށް ނޮގޮސް ހޮސްޕިޓަލްގައި އަމިއްލައަށް އެކަހެރިވެގެން ތިބި ކަމަށް ސޯބެ ވިދާޅުވި އެވެ.

އަވަަސްއާ މިއަދު ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޝައްކުވާ ކޭސްއާ ގުޅޭ ގޮތުން ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މައުލޫމާތު ދެއްވީ އޮޅޭ ގޮތަށް ކަމަށެވެ. ސޯބެ ވިދާޅުވީ މިހާރު އެ މައްސަލަ ފެންމަތިވިތާ 18 ގަޑިއިރުވެފައިވާއިރު އަދި މިހާތަނަށް އެމީހާގެ ސާމްޕަލް ނަގާފައި ނެތް ކަމަށެވެ. އަދި އެކަން ކުރަމުންދާކަން ވެސް އެނގިފައިނެތް ކަމަށެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ އެމީހާގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހާގެ ޓެސްޓްގެ ނަތީޖާ ލިބެންދެން އެމީހާ އާއި ޑޮކްޓަރާއި ދެ ނަރުސް ގޭގައި އެކަހެރިވާން އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

ސޯބެ ވިދާޅުވީ އެޗްޕީއޭއިން އެމީހުންނަކީ އަމިއްލައަށް ހޮސްޕިޓަލްގައި އެކަހެރިވެ ތިއްބައި ހޮސްޕިޓަލަށް އެންގީ އެއީ ހައި ރިސްކު އޮތް ބައެއް ނޫން ކަމުން ގެއަށް ފޮނުވުމަށް ކަމަށެވެ. އެމީހުން ގެއަށް ނުދާން އުޅުމުން ވެސް އެޗްޕީއޭއިން އެގޮތަށް އެންގުމުން ގެއަށް އެކަހެރިވާން ދިޔައީ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް އަދި އެޗްޕީއޭއިން ޝައްކުވާ މީހާގެ ސާމްޕަލް ނަގާފައި ނެތް ކަމަށެވެ.

"ފަހަރުގައި ވެދާނެ އެމީހާގެ ނަތީޖާ ވެސް ނެގެޓިވްވެދާނެ، އެކަމަކު އަލާމާތް ފެންނަނަމަ އަވަހަށް ފިޔަވަޅު އަޅަން އެބަ ޖެހޭ، މާލޭ ސަރަހައްދުގައި ވަރަށް އަވަހަށް ފިޔަވަޅު އަޅާތަން އެބަ ފެނޭ، އެކަމަކު މި ފެންނަނީ އިހުމާލު، މީގެ ސަބަބުން އަޅުގަނޑު ކަންބޮޑުވަނީ ރައްޔިތުން ޕެނިކަށްދާތީ، އަވަހަށް ޓެސްޓް ހަދައި ނަތީޖާ ލިބުމުން މި ޕެނިކަށް ރައްޔިތުންނެއް ނުދާނެ،" ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީ އާއި މާލެއާ ދެމެދު އޮންނަ ފްލައިޓްތައް ވެސް މަދުވެފައިވާއިރު މިހާރު މިއަދުގެ ފަހު ފްލައިޓް ފުރާފައިވާ ކަމަށެވެ. އެ ފްލައިޓް ފުރިއިރު ވެސް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން އަންގާފައިނުވާއިރު ދެން އެންމެ އަވަހަށް ވެސް އެ ސާމްޕަލް މާލެ ފޮނުވޭނީ މާދަމާ ކަމަށެވެ. އެކަމާ ކަންބޮޑުވެ ހޮސްޕިޓަލުން ވެސް އެޗްޕީއޭއާ މުއާމަލާތްތައް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެކުރިން ވެސް އައްޑޫ ސިޓީއަށް ކޮޗިންއިން ދިޔަ ކުޑަކުއްޖެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނެވެ. އެކަމާ ގުޅިގެން އެ ކުއްޖާ ދިރިއުޅޭ ގެ ވެސް ލޮކްޑައުން ކުރި އެވެ. ނަމަވެސް އެ ކުއްޖާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް އެވެ.

މިހާތަނަށް ރާއްޖޭގައި ދެ ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ މީހުންނަކީ ވެސް އިނގިރޭސިވިލާތަކުން އައި ދެ މީހުންނެވެ. އެމީހުން ރާއްޖެއަށް އައި ގޮތަށް ވެސް ތިބީ އެކަހެރިކޮށް ކަރަންޓީނު ފެސިލިޓީތަކުގަ އެވެ. ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުންދަނީ ހަތަރު މީހަކަށެވެ. އެހެން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ނަމަވެސް އަދި ތިބީ 30 ދުވަހުގެ ކަރަންޓީނުގަ އެވެ.