ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މުވައްޒިފުން ތިބި ރިސޯޓުން އެހެން ރިސޯޓަކަށް ބަދަލު ނުކުރެވޭނެ

މުވައްޒިފުން އެެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދިއުމުގެ ހުއްދަ އެއްވެސް ބަޔަކަށް ދީފައިނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

އެއް ރިސޯޓަށްވުރެ ގިނަ ރިސޯޓް ހިންގާ ކުންފުންޏަކުން އެ ކުންފުނީގެ ރިސޯޓްތަކުގައި ތިބި މުވައްޒިފުން އެއް ރިސޯޓަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތައް ދެކެވެމުންދާތީ އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ކޮވިޑް19 އާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިސް ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެފަދަ ހުއްދައެއް އެއްވެސް ކުންފުންޏަކަށް ދީފައިނުވާނެ ކަމަށެވެ.

އަދި ހުއްދަ ދީފައިވާނީ ރިސޯޓްގައި ތިބި ފަތުުރުވެރިން އެހެން ރިސޯޓަކަށް ބަދަލު ކުރުމަށް ކަމަށެވެ. އެ ހުއްދަވެސް ދީފައިވަނީ އެންމެ ރިސޯޓަކަށެވެ.

"..ހުއްދަ ދީފައި އޮންނާނީ އެއް ރިސޯޓްގައި ތިބި ގެސްޓުން އަނެއް ރިސޯޓަށް ބަދަލު ކުރުމަށް. މުވައްޒިފުން ބަދަލުކުރުމުގެ ލިޔުމެއް ހިއެއް ނުވޭ ދީފަ އޮންނާނެ ހެން. ނޯންނާނެ ދީފައެއް." މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އަދި ރިސޯޓްތަކުން ރަށްތަކަށް، ރަށްތަކުން ރިސޯޓްތަކަށްވެސް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކުން މުވައްޒިފުންނަށް ފޭބޭނީ އެ ރިސޯޓެއްގައި ތިބީ ފަތުުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މި އެންގުމާ ހިލާފު ވެގެން މިހާރުވެސް ބައެއް ރިސޯޓްތަކުން މުވައްޒިފުން ވަނީ ހައްޔަރުކޮށްފައެވެ.