ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުރުވަޅި ރިސޯޓުން ތިން މީހަކު ޓެސްޓް ކުރަނީ

Mar 29, 2020

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ދި ސްޓޭންޑާޑް، ހުރުވަޅި މޯލްޑިވްސް ރިސޯޓުން ދިވެއްސަކާއި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އެމީހުން މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި ކަމަށާއި ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ ކަމަށެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުންދަނީ ދެ ދިވެހިންނަށް އެކަންޏެވެ. އެ ދެ މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެ މީހުންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ވެސް ތިބީ ކަރަންޓީނުގަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހުރިހާ ބިދޭސީން ބަލިން ރަނގަޅުވެފައިވާއިރު އެ އެންމެން ވެސް މިހާރު ތިބީ 30 ދުވަހުގެ މޮނީޓަރިންގައި ކަރަންޓީނުކޮށްފަ އެވެ.

މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް ގެންދަނީ ސީދާ ކަރަންޓީނަށެވެ. އޭގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ސްކޫލްތަކާއި ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. އަދި މީހުން އެއްވެ އުޅުން ވީހާވެސް ކުޑަވާނެހެން ކަންކަން ދަނީ ރާވަމުންނެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19އަށް 900 އަށްވުރެ ޓެސްޓް ހަދާފައިވެ އެވެ.